ads
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް——ފޮޓޯ: ޔޫތު މިނިސްޓަރު
ސައުދީއަށް ޓީމު ފޮނުވީ އަޅުގަނޑެއް ނޫން، އެ ޓީމުގެ ޓިކެޓެއްވެސް ހަމަޖައްސައެއް ނުދެން:
”އަންޑަ 20 އޭޝިއަން ކަޕް“ ކޮލިފައިންގައި ރާއްޖޭން ކުޅެން ޖެހޭ މެޗަށް ސައުދީ އަރަބިއްޔާއަށް މިދިޔަ މަހު ދިޔަ ޒުވާން ދިވެހި ޓީމު ފޮނުވާފައި ނުވާނެ ކަމަށާއި، އެ ދަތުރަަށް ޓިކެޓުވެސް ހަމަޖައްސައިދީފައި ނުވާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހި ޓީމުން ކުޅުން ފަހު މެޗު ކުޅުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އެ މެޗަށްފަހު ޓީމު އެނބުރި މާލެ އައުމަށް 20 ވަނަ ދުވަހު، ފުރަން އެއަޕޯޓަށް ދިޔަނަމަވެސް ޓިކެޓްގެ ކަންތައް ހަމަ ޖެހިފައި ނެތުމުން ގިނަ ކުޅުންތެރިންނާއި އޮފިޝަލުންނަށް ފުރޭ ގޮތް ނުވި ކަމުގެ ކަންބޮޑުވުން އެޓީމުގެ ބައެއް މެމްބަރުން ވަނީ މީގެ ކުރިން ފާޅުކޮށްފަ އެވެ.

ސައުދީއަށް ދިޔަ ދިވެހި ޓީމަށް އިޝާރާތްކުރައްވާ މިނިސްޓަރު މަހްލޫފް މިއަދުގެ މަޖިލީހުގައި ވިދާޅުވީ، ސައުދީން ރާއްޖެކޮޅަށް 11 ގޯލު ޖެހިކަމަށާއި، ރަނގަޅަށް ތައްޔާރުވެގެން ނޫންގޮތަށް ދާ އެފަދަ ޓީމުތަކަށް ހަރަދުކުރުމަށްވުރެ ރާއްޖޭގެ ރަށަކަށް އެ ފައިސާ ހަރަދުކުރުންވެސް މާ ރަނގަޅު ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ، ރަނގަޅަށް ތައްޔާރުވެގެން ނޫންގޮތަކަށް ރާއްޖޭން ބޭރަށް އެއްވެސް ޓީމެއް ނުފޮނުވަން އޮންނާނީ ސާފުކޮށް ނިންމާފައި ކަމަށާއި، ސައުދީއަށް ދިޔަ ޓީމު ފޮނުވީވެސް އެ މިނިސްޓްރީން ނޫންކަމަށެވެ.

”އަޅުގަނޑެއް ނުފޮނުވަން އެ ޓީމެއް އިނގޭތޯ، އަޅުގަނޑު އެޓީމުގެ ޓިކެޓެއްވެސްް ހަމައެއް ނުޖައްސަން. އަޅުގަނޑުމެން މިހާރު ވަރަށް ސާފުކޮށް ނިންމާފައި އޮންނާނީ ރާއްޖޭން ބޭރަށް އެއްވެސް ޓީމަކުން ދާން ޖެހެނީ ރަނގަޅަށް ތައްޔާރުވެގެން! އެހެންނޫނީ، އެ ހަރަދުކުރުމުގެ ބަދަލުގައި އަޅުގަނޑުމެންނަށް މާ ރަނގަޅު ކޮންމެވެސް ރަށަކަށް އެ ފައިސާ ހަރަދުކޮށްދެވުނަސް އެ ރަށުގައި ރަނގަޅު ޕްރޮގްރާމުތަކެއް ހިންގަން. ފުޓުބޯޅަ ޓީމެެއްދާއިރު ހަމަ ގިނަ ފަހަރަށް ހަ ލަައްކަ ހަތްލައްކައެއްހާ ރުފިޔާ ޓިކެޓަށް ހަރަދުވާނެ، “ މިނިސްޓަރު ވިދާޅުވި އެވެ.

ބައެއް ކްލަބުތަކަށް މުސާރަ ނުދުނިމުގެ މައްސަލަތަކާއި، އެވާހަކަތައް ދައްކާ ކުޅުންތެރިން ސަސްޕެންޑުކުރުމުގެ މައްސަލަތަކާއި، ބޭރު ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދީގެން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ވެސް ކުރާ މައްސަލަތައް ފާހަގަކޮށް މަޖިލީހުގައި މިއަދު ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ވަނީ ސުވާލުކުރައްވާފަ އެވެ. 

އެކަމަށް ހައްލު ހޯދުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދޭތޯ ސުވާލުކުރުމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، މިހާރު އެމަނިކުފާނު ހުންނެވީ ”ދެން ވާގޮތް ބަލަން“ ކަމަށެވެ.

”އަޅުގަނޑު ހަގީގަތުގައި މިއަދު މިހުރީ ދެން ވާގޮތް ބަލަން، އަޅުގަނޑު ނިކުމެ އެފްއޭއެމް އާއި ތަޅައިގަތީމައި އޭގެން ނިކުންނަ ނަތީޖާއަކީ، ކްލަބުތަކުން ވޯޓު ނުދެންޏާ ވާނެ އެއްވެސް ކަމެއް ނެތް. އެއީ އެމަސައްކަތް މިއަދު ފެށިޔަސް ވާނެ ގޮތް“މަހްލޫފް ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސް އަކު ހޮވަނީ ކްލަބުތަކުން ކަމަށްވާއިރު، ކްލަބުތަކުން މިއަދު ބޭނުންވިޔަސް އެފްއޭއެމް ބަދަލުކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ބަނޑުހައި ހޫނުކަމުގެ ހަޅުތާލާއި ކުޅުންތެރިންގެ ގިނަ ޝަކުވާތަކެއް ހުރިނަމަވެސް، އެކަމަށް ހައްލެއް ގެންނަން ކްލަބުތަކުން މަސައްކަތް ކުރާތަން ނުފެންނަ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެކަމުގައި އިންތިހާއަށް ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށާއި، އެ ހުރިހާ ކަންބޮޑުވުމެއް އެމަނިކުފާނުގެ ވެސް އެބައޮތްކަމަށެވެ. އަދި، އަންނަ ހަފްތާގައި އެފްއޭއެމް އާއިއެކު ވަކިން ބައްދަލުކޮށް ސީރިއަސް މަޝްވަރާތަކެއް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް