ކޮންމެ ކުއްޖަކު ވެސް ބޮޑެތި ކުށްތަކަށް އަރައިގަންނަ ހިސާބަށް ދިޔުމުގެ ކުރިން އެކުއްޖަކާ ވާހަކަ ދައްކައިގެން މައްސަލައަކީ ކޮބާތޯ ހޯދަން އުޅެނީ މަދު މީހެކެވެ. ޒަމާން ބަދަލުވެގެން ދާއިރު ޒުވާނުން މަސްތުގެ ކަނޑަށް ގެ ބިގެންދާ ކުދިން ވެސް ވަކި މަދެއް ނޫނެ އެވެ. ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެ އެވެ. މިކަން މިފެށެނީ ބޮޑަށް ގޭތެރެއިން ބާވަ އެވެ؟ ނޫނީ ރަޙްމަތްތެރިންގެ ސަބަބުން ބާވަ އެވެ؟ މައިންބަފައިން ކުދިންނަށް ދޭން ޖެހޭ ލޯބި ނުދެވެނީ ބާވަ އެވެ؟ ނޫނީ ސްކޫލް މާހައުލަކީ ކުއްޖާއަށް އެކަށީގެން ވާ މަހައުލަކަށް ނުވަނީ ބާވަ އެވެ؟ އެކަންކަން ޔަގީން ނުވާއިރު އުފެދޭ ސުވާލަކީ ކައިރީގައި އުޅޭ މީހަކަށް ނޫނީ ދަރިއަކަށް ތަފާތެއް އައުމުން އެކަން އިހްސާސް ވެގެން އަމިއްލައަށް އިސް ނަގައިގެން އެ މީހަކާ ނުވަތަ އެ ކުއްޖަކާ ސުވާލުކޮށްލުމަށް ވެސް މީހުން ނުކުޅެދެނީ ބާވަ އެވެ.
މަސްތުވާތަކެތި ބޭނުން ކުރުމާއި އެ ބޭނުން ކުރުމުގައި ހޭބޯނާރާ އުޅޭ ކުޑަކުދިންގެ ވާހަކަތަކުން ރަށުތެރެ ދަނީ ގުގުމަމުންނެވެ. މަސްތުވާތަކެތި ބޭނުން ކުރުމުގެ އިތުރުން އެ ތަކެތީގެ ވިޔަފާރީގައި ކުޑަކުދިންނާއި ޒުވާނުންގެ ބައިވެރިވުން ބޮޑު ވާހަކައަކީ އެންމެ ދަންނަ ބޮޑު ސިއްރެކެވެ. އިވޭ އަޑުތަކަށް ބަލާއިރު މަސްތުވާތަކެތީގެ ވިޔަފާރީގައި ގެންގުޅޭ ޒުވާނުންނާއި ކުޑަކުދިންނަކީ ވަރަށް ބޮޑު ނުރައްކަލެއްގައި ތާށިވެފައި ތިބޭ ބަޔަކަށް ވެ އެވެ.
މާރާމާރީތަކާއި މަރުތަކާއި ނުރައްކާތެރި ހާދިސާތަކުގެ ފަހަތުގައި މަސްތުވާތަކެތީގެ މައްސަލަތައް ހިމެނޭ ވާހަކަ ފުލުހުންގެ އިތުރުން ރަށުތެރޭގައި ވެސް ދައްކަ އެވެ. އެ ނުރައްކާތެރި ހާދިސާތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް މިއަދުގެ ޒުވާނުންގެ ތެރެއިން ކޮންމެވެސް ބަޔަކު އެ ކަންކަމުގެ ތެރެއަށް ވަދެ އެކަންކަން ކުރަމުންދާކަމީ ރަށުތެރޭގައި ކާޅު ގޮވާ އުސޫލުން ގޮވާ ވާހަކަތަކެވެ.
ވައްކަން ކުރުމާއި މަގުފޭރުމާއި މީހުންގެ މުދަލަށް އަރައިގަތުމަކީ ވެސް މި މުޖުތަމުގައި މިއަދު ހިނގާ ކަންކަމެވެ. އެ ފަދަ ކަންކަން ކުރާ ޒުވާނުންނާއި މީހުންނާއި ކުޑަކުދިންނަށް ހީވެފައި އޮންނަނީ އެ މީހުންގެ މައްޗަށް ބާރު ފޯރުވާނެ ބަޔަކު ނެތް ކަމަށެވެ. އެ މީހުން ބޭނުންގޮތަކަށް އުޅެވިދާނެ ކަމަށް އެ ވެރިން ގަބޫލު ކުރަނީ ގާނޫނުތަކުގައި ދަތް ނެތްކަމުގެ އިހްސާސް އެ މީހުންނަށް ވާތީ އެވެ. ކޮންމެ ވެސް ސަބަބަކާ ހެދި ނަމަވެސް ކުށް ކުރާ ނުވަތަ ކުށަށް އަރައިގަންނަ މީހުންނަށް ހީވެފައި އޮންނަނީ މުޅި މުޖުތަމައު އޮތީ އެ މީހުން ބޭނުން ކަމެއް ކުރަން ހިތަކަށް ލިބިފަ ކަހަލަ އެވެ.
ތަރައްގީގެ ދުވެލި އިންތިހާ އަށް ބާރަށް ދުވާއިރު މުޖުތަމައުގައި އަށަގަންނަމުންދާ ކުށް ކުރުމުގެ އާދަ އާއި އަދަބުވެރިކަން ނެތް ކަމުގެ އިހްސާސް ކުރެވޭ ނަމަ އެ މުޖުތަމައު އަކީ ރަނގަޅު މުޖުތަމައު އެއްކަމަށް ބުނެވިދާނެ ބާވަ އެވެ. ކޮންމެ ގޮތެއްވިޔަސް ދިވެހި މުޖުތަމައުއިން ފެންނަ މަންޒަރާއި އިވޭ އަޑަށް ބަލާ ނަމަ މި މުޖުތަމައުގައި އޮތް ނުރަނގަޅު ކަންކަން އިންތިހާއަށް ގިނަ އެވެ. އެކަމުގެ ސަބަބުން ތިޖުތިމާއީ ފޭރާން އެ ދަނީ ވީދާލައި ބަރަހަނާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އަންނަން އޮތް ޖީލަކީ ކުށުގެ ވެށީގައި އުޅެ ބޮޑުވާން ޖެހިފައިވާ އަދި ވީދިފައިވާ ފޭރާމެއްގައި ބަރަހަނާކޮށް ތިބި ދަރިންނެވެ. ހިތާމައަކީ އެ ހުރިހާ ބަލިތަކެއް އުޅޭ އިރު އެބަލި މަޑުކަމުން މުޖުތަމައު ސަލާމަތް ކުރުމަށް އެކަށީގެންވާ މަސައްކަތް ކުރާ ތަން ނުފެނުމެވެ. މި ފަދަ މުޖުތަމައު އަކީ ރަނގަޅު މުޖުތަމައެއް ކަމަށް ބުނެ ނިންމާލައިގެން ތިބެންވީތޯ މިއީ މިއަދު ކޮންމެ މީހަކު ވެސް އަމިއްލަ ނަފުސާ ވެސް ކުރަން ޖެހޭ ސުވާލެކެވެ.