ads
ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް
އަޅުގަނޑަކީ ކެސިނޯ އަޅަން ތާއީދު ކުރާމީހެއް ނޫން: މިނިސްޓަރު މަހުލޫފް
އެބޭފުޅާއަކީ ރާއްޖޭގައި ކެސީނޯ އަޅަން ތާއީދު ކުރާ މީހެއް ނޫން ކަމަށާއި، އަދި އެކަމަށް ވަކާލާތު ކުރާނެ މީހެއްވެސް ނޫން ކަމަށް، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ އޮތް ސުވާލުކުރުމުގެ ސެޝަނުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވަނީ، ރިސޯޓުތަކުގައި ބަރާބަރަށް ރާ ބޮއި އެހެން ހުރިހާ ސަކަރާތެއްވެސް ޖަހާއިރު، ކެސިނޯގެ ނަންގަންނަ އިރަށް ގޯސްވާ ކަމަށް ވިދާޅުވެފަ އެވެ. 

އަދި އެކަންކަމުގައި މަޝްވަރާ ކުރުމުގެ އުސޫލު ގެންގުޅެންޖެހޭ ކަމަށް މިނިސްޓަރު މަހުލޫފް ވަނީ ވިދާޅުވެފަ އެވެ. 

"ހަމަ ހަގީގަތަށް މި ދެންނެވީ އެ ނަން ކިޔަސްވެސް ގޯސްވާ ހިސާބުގައި، މިއުޅެންޖެހެނީ އެންމެން ބޮޑު ބިރުވެރިކަމެއްގައި. މިކަންކަމާއި ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަވެސް އޮންނަ ކަމަކަށް ނުވޭ. ބަރާބަރަށް ރާ ވިއްކައި، އެހެން ހުރިހާ ސަކަރާތްތަކެއް ވެސް އެތަންތާ ޖަހައި، ކެސިނޯގެ ވާހަކަ ފަށާފައި ހަމަ ބުނާއިރަށް ބުނޭ ހަރާމޭ. ރާ ވިއްކާއިރު ހަރާމެއް ނޫނޭ، ކެސިނޯގެ މަސައްކަތް ފަށާ ވާހަކަދައްކާއިރަށް ބުނޭ ހަރާމޭ ނުކުރެވޭނޭ،“ މިނިސްޓަރު މަހްލޫފް ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކައަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވާއިރު، ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންވެސް ވަނީ، މަހުލޫފް ދެއްކި ވާހަކައަށް އެބޭފުޅާ ތައުބާވާން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބައެއް ބޭފުޅުން ވަނީ، ވަޒީރުންނާއި އެނޫންވެސް އެފެންވަރުގެ ބޭފުޅުން މަގާމާއި ހަވާލުވާއިރު، ކުރާ ހުވާގައި އިސްލާމްދީނަށް ހުރުމަތްތެރިކޮށްހިތަން އޮންނަ ކަމަށާއި، އެހެންކަމަށް ވީއިރު ކެސިނޯ ފަދަ ހަރާމްކަމެއް ތައާރަފްކުރަން ގޮވާލައްވައިފި ބޭފުޅަކު ހުވަޔާއި ހިލާފުވިކަމުގެ ކައްފާރާ ދައްކަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. 

އެތައް ބައެއްގެ ފާޑުކިޔުން މިކަމާއި ގުޅިގެން މިނިސްޓަރު މަހުލޫފަށް އަމާޒުވެފައި ވަނިކޮށް މިނިސްޓަރު މިއަދުގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެބޭފުޅާއަކީ، ކެސީނޯ އަޅަން ތާއީދު ކުރާ މީހެއް ނޫން ކަމަށާއި، އަދި އެކަމަށް ވަކާލާތު ކުރާ މީހެއްވެސް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އިއްޔެ ދެއްކުނު ވާހަކައައިން އޮޅުން އަރާފައިވާތީ އެކަމަށް މާފަށް އެދޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"އަޅުގަނޑަކީ ކެސިނޯ އަޅަން ތާއީދު ކުރާމީހެއް ނޫން އަދި އެކަމަށް ވަކާލާތުކުރާ މީހެއްވެސްނޫން. އަދި އެކަމަށް ޝައުގުވެރިކަމެއް ހުރި މީހެއްވެސްނޫން. އަޅުގަނޑުގެ މަސައްކަތާ އެކަމާ ގުޅުމެއްވެސްނެތް. އިއްޔެގެ ވާހަކައިން އޮޅުންއަރާފައިވާތީ މައާފަށްއެދި އެކަން ޔަގީންކޮށްދެން." މިނިސްޓަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަހުލޫފް ވަނީ، ހިޔާލުތަފާތުވުންތައް އޮތް މިންވަރުން ދަރިން އެސުވާލުކުރުމުން ދޭނެ ޖަވާބެއްވެސް ނޭނގޭ ހިސާބަށް ގޮސްފައިވާ ކަމަށާއި، ރަނގަޅާއި ނުބައިވެސް ބުނެދޭން ދަތިވާ ކަމަށް ވިދާޅުވެފަ އެވެ. 

އަދި، ދީނީ ގޮތުން ހިލާފު އުފެދިފައިވާ ކަންކަމުގައި ވާހަކަދައްކައިގެން ގޮތްތަކެއް ހޯދަން ރާއްޖޭގައި ދަސްކުރަން ޖެހޭ ކަމަށާއި، އެއްކޮށް ގުޅިގެން އުޅެވޭނެ ގޮތަކަށާއި، އެހެން ގައުމުތަކުގައި އުޅޭހެން އުޅެން ދަސްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް