ads
ކުރީގެ ރައީސް ޔާމީން
ޖީއެމްއާރު އެއްބަސްވުން އުވާލަން ގާސިމާއި ނާޒިމާއި އިމްރާންވެސް ބޭނުން ނުވި: ޔާމީން
އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވިއްކާލަން ހެދި އެއްބަސްވުން އުވާލުމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ބޭނުންނުވި ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
Advertisement

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު 35 އަހަރަށް ޖީއެމްއާރަށް ކުއްޔަށް ދިނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެހެން ނަމަވެސް ދައުލަތަށް ގެއްލުންވާ ގޮތަށް ވި އެއްބަސްވުމެއް ކަމަށްބުނެ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އެއްބަސްވުން ވަނީ ބާތިލް ކޮށްފަ އެވެ.

ޖީއެމްއާރުގެ އެއްބަސްވުން ބާތިލްކުރި މައްސަލައިގައި އެ ކުންފުންޏަށް 271 މިލިއަން ޑޮލަރު ދައުލަތުން ދޭން ޖެހޭނެ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމުމާއި ގުޅިގެން ރައީސް ޔާމީންގެ ވެރިކަމުގައި އެ ފައިސާ ވަނީ ދައްކައި ހަލާސްކޮށްފަ އެވެ.  

ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި ޕީޕީއެމް އަށް ޖެހުނީ، ޖީއެމްއާރް އަށް އެއާޕޯޓް ދިނުމާއި ދެކޮޅަށް މަސައްކަތް ކުރަން ކަމަށާއި، އޭގެ ފަހުން ރައީސް ވަހީދުގެ ވެރިކަމުގައި ޖެހުނީ، ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމުގެ ކަންކަން ކުރަން ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރު އަށް އެއާޕޯޓް ދިނުމަށް ދެކޮޅު ހެދި ބައެއް ސިޔާސީ ލީޑަރުން، ރައީސް ވަހީދުގެ ވެރިކަމުގައި ޖީއެމްއާރު އަތުން އެއާޕޯޓް އަތުލާ އެއްބަސްވުން އުވާލުމަށް ދެކޮޅު ހެއްދެވި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. 

ރައީސް ޔާމީންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޖީއެމްއާރްއަށް އެއާޕޯޓް ހިންގަން ދިން އެއްބަސްވުން ބާތިލް ކުރުމަށް ސިޔާސީ ލީޑަރުން ދެކޮޅު ހެދީ، ރައީސް ނަޝީދުގެ ވެރިކަން ނިމި، ރައީސް ކަމަށް ޑރ. ވަހީދު އައްޔަންވި ފަހުން ކަމަށާއި، ހިޔާލުބަދަލުނުވެ ތިއްބެވީ ހަމައެކަނި ޑރ. ހަސަން ސައީދު އާއި އެމަނިކުފާނާއި އެކަނި ކަމަށެވެ. 

"ޖީއެމްއާރުގެ އެއްބަސްވުނާ ގުޅޭ ގޮތުން ޑރ.ވަހީދުގެ ވެރިކަމުގައި ސިޔާސީ ލީޑަރުންނާއިއެކު މަޝްވަރާކުރަން ސަރުކާރުން ބޭއްވި ބައްދަލުވުމެއްގައި ހިޔާލު މުޅިން ތަފާތުވެއްޖެ. ގާސިމް ވިދާޅުވީ ގައުމު ހިންގަން ހުންނަ މީހަކަށޭ އެންމެ ރަނގަޅަށް އެނގޭނީ ކަންތައްތައް ވާނެ ގޮތް އަދި ތީގަ ބޭރު ގައުމަކާ އޮންނަ ގުޅުމަށް ވާނެ ގޮތާއި އެއްޗެހި އެހެންވީމާ ރައީސް ނިންމަވާ ގޮތަކަށް ނިންމަވާނެއޭ. ތަސްމީނު ވިދާޅުވީ، ދިވެހިރާއްޖެ އަބަދުވެސް ތަރައްގީ ކުރެވޭނީ ބޭރުގެ އިންވެސްޓްމެންޓް ގެނެސްގެންނޭ އެހެންވީމާ އިވަރުގެ ބޮޑު އިންވެސްޓްމަންޓެއް ހުއްޓާލައިފި ކަމަށް ވަންޏާ ދެން މިތަނަށް އިންވެސްޓް މަންޓެއް ނާންނާނެއޭ. އެހެންވީމަ ތިމަންނަ ތާއީދު ކުރަނީ ޖީއެމްއާރް އާއެކު ކުރިއަށް ދާށޭ. ދިވެހި ސަރުކާރުގެ ފަރާތުން މިކަން ވިސްނަދޭން އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ އޭރުގެ ޑިފެންސް މިނިސްޓަރު ނާޒިމް" ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، އަދާލަތު ޕާޓީގެ ރައީސް އިމްރާން، ޖީއެމްއާރު އަށް އެއާޕޯޓް ދިނުމާއި ދެކޮޅު ހެދިކަމަށް ބުނެ ދައްކާ ވާހަކަތަކުގެ އަޑުތައް އިވޭ ކަމަށާއި، އެހެން ނަމަވެސް އެއީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެ ބައްދަލުވުމަށް އިމްރާން ވަޑައިގަތީ، ޖަލްސާ ހިނގާތާ 25 ވަރަކަށް މިނެޓު ފަހުން ކަމަށާއި، އޭރު އެއްބަސްވުން ހަދައިގެން ތިބެން ބޭނުން ނުވާކަމަށް ބައްދަލުވުމުގައި ވިދާޅުވެފައި ވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

"އެ ބައްދަލުވުމުގައި އިމްރާންވެސް ވިދާޅުވާ ކަމަށް އަޅުގަނޑަށް އެބަ އިވޭ އެޖަލްސާގަ ތިމަންނަ ވެސް ޖީއެމްއާރަށް އެއާޕޯޓް ދިނުމާމެދު ދެކޮޅު ހެއްދެވީމޭ. އޭ ރަނގަޅުވާހަކައެއް ނޫން. އަޅުގަނޑުމެން ހުރިހާ މަސައްކަތެއް ނިމި ޖަލްސާ ރޫޅާލައި ޖީއެމްއާރް އާއެކު ތިބެން ބޭނުން ނޫން ކަމަށް ދަންނަވާފައި އަޅުގަނޑުމެން އައީ. އެހިސާބުން ޖަލްސާއާ އިމްރާން ގުޅިވަޑައިގަތީ ވެސް" ރައީސް ޔާމީން ވިދާޅުވި އެވެ.

ޖީއެމްއާރުގެ ވާހަކަތައް ރައީސް ޔާމީން ދައްކަވާފައި މިވަނީ، އެމަނިކުފާނުގެ ވެރިކަމުގައި ތަރައްގީ ކުރި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ އާއި ގުޅިގެން ސަރުކާރުގެ ބައެއް ފަރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަތަކާއި ގުޅިގެންނެވެ. އެގޮތުން ސަރުކާރުގެ ބައެއް ފަރާތްތަކުން ވަނީ، އެއާޕޯޓްގެ އާ ރަންވޭ ތަރައްގީ ކުރަން ފެށީ މީގެ 12 އަހަރު ކުރިން ކަމަށް ދޭހަވާ ގޮތަކަށް ވާހަކަފުޅު ދައްކަވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް