ads
ފުލުހުން މާލޭގައި މީގެ ކުރިން ހިންގި އޮޕަރޭޝަންއެއްގެ ތެރެއިން
ހަލާކުވެގެންދާ މި ޖީލުގެ ޒިންމާ ނަގާނީ ކާކު؟
މިއީ މިއަދު ދައްކާ ކޮޅުން ލާނެ ވާހަކަ އެއް ނޫނެވެ. މިއީ އާ ވާހަކައެއްވެސް ނޫނެވެ. މިއީ ބަޔަކަށް ސިއްރުވެފައި އޮންނާނެ ވާހަކައެއްވެސް ނޫނެވެ. އެހެން ނަމަވެސް ކޮންމެވެސް ސަބަބަކާއި ހުރެ ނުދައްކާ ވާހަކަތަކެކެވެ.

ރާއްޖޭގައި ފަހަކަށް އައިސް އެއްޖިންސުން ގުޅުން ހިންގުމާއި، ފާޅުގައި ރާ ބުއިމާއި މަސްތުވާތަކެތީގެ ބޭނުން ކުރުން ވަނީ އާއްމު ވެފަ އެވެ. ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެހި ގަރަގުވެގެން ދާއިރު، އަނެއް ބައި ޒުވާނުން ދަނީ ހުއްޓުމެއްނެތި ފާހިޝް އެތައް ކަމަކަށް އަރައި ގަންނަމުންނެވެ. ހިތުގައި އެއްވެސް ބިރުވެރިކަމެއް ޖެހިލުމެއް ނެތި އެވެ. 

މި ފުރަމާލޭގެ މަގުތައް މަތިން މިއަދު ފެންނަމުން ދަނީ، "ބެންޑު" ވެފައިވާ ޒުވާނުންނެވެ. "ބެންޑު" ވެފައިވާ މެދު އުމުރުފުރާގެ މީހުންނެވެ. އަންހެނެއް ފިރިހެނެއް މިކަމުގައި ނެތެވެ. މަސްތުގެ ވަބާ ނެތް ގޯޅި އެއް މަގެއް މިއަދު މި މާލޭގައި ނެތޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. ކަންކަންމަތީ ގުރޫޕު ހަދައިގެން ތިބެ މަސްތުވާތަކެތި ވިއްކަމުން ދާއިރު، ޖެހިގެން ހުންނަ ގޭގައި ދިރިއުޅޭ މީހާ އަށް ފެނިދާނެތީ ބިރަކުން މިއަދަކު ނޫޅެ އެވެ. މިކަން މިއަދު ކުރަމުންދަނީ ހަމަ ފާޅުގަ އެވެ. 

ޖީލެއް މަސްތުގެ ވަބާގައި ޖެހި ހަލާކުވަމުން ދާއިރު، ބޮޑުވަމުން އަންނަ ކުދިން އަދި މިއަށްވުރެ ގޯސްވާނެ އޭ މިއަދު ހިތް ބުނަންނަ ފަށައިފި އެވެ. ސަބަބަކީ މިއަދު އެތައް ކުދިންނެއް މި ނުބައި އަމަލުތަކުގެ ތެރެއަށް ވަންނަމުން ދާތީ އެވެ. ހަމައެކަނި މަސްތުވާ ތަކެއްޗެއް ނޫނެވެ. ދުނިޔެ މަތީ ލެއްވިހާ ނުބައި ކަމެއް މިއަދު މި ރާއްޖޭގައި ކުރުން ވަނީ "އޯކޭ" ވެފަ އެވެ. 

ސޯޝަލް މީޑިއާ މެދުވެރިކޮށް، މޮޅު ގޮތަކަށް އިސްތިހާރެއް ހަދާ ފާހިޝް ކަންކަމަށް ހިތްވަރު ދެމުން ދަނީ އެކަން ހުއްޓުވާނެ ބައެއް ނެތީމަ އެވެ. ޓޫ ހޭންޑު ނުވަތަ ފޯ ހޭންޑުގެ ނަމުގައި ތަފާތު ނަންނަމުން މަސާޖު ކޮށްދޭ ޕޯސްޓަރެއް ސޯޝަލް މީޑިއާ އިން ނުފެންނަ ދުވަހެއް މަދުވާނެ އެވެ. މިއީ ކޮންމެ ނަމެއް ކިޔަސް އަދި ކިތައްމެ ރީއްޗެއް ކުރިއަސް ހަރާމް ކަންކަމަށް ހުޅުވާލާ ދޮރެކެވެ. އެތަނުގެ ތެރޭ އެތައް ފާހިޝް އަމަލުތަކެއް ކުރާކަން ނޭނގޭ މީހަކު ނެތެވެ. އެހެން ނަމަވެސް އެކަމާއި މެދު އެޅޭނެ ފިޔަވަޅެއްވެސް ނެތެވެ. 

ތަފާތު ނަންނަމުގައި ޕޭޖުތައް ހަދައިގެން ހަށި ވިއްކުމާއި މަސްތުވާތަކެތި ވިއްކުމާއި ގާނޫނާއި ގަވައިދު ތަކާއި ހިލާފު އެތައް ކަމެއް ކުރަމުން ދާއިރު، އެކަންކަމާއި މެދު އަޅާލާ މުވައްސަސާއެއް މިއަދު މި ރާއްޖޭގައި ހުރިހެން ހީނުވެ އެވެ. ސަބަބަކީ އެކަންކަން ފާޅުކަން ބޮޑު ގޮތެއްގައި ކުރަމުން ދާނީ، އެކަންކަން ހުއްޓުވަން ބަޔަކު ނޫޅޭތީ ކަމީ ދެބަސްވެވެން ނެތް ހަގީގަތަކަށް ވާތީ އެވެ. 

އުމުރުން 13 އަހަރުގެ އަންހެން ކުދިން ރެއަކަށް ވަކި ވަރެއް ދިނުމުން ތަންތަނަށް ގޮސްދޭ ކަމަށް ބުނެ ޕްރޮމޯޓް ކުރަމުން ދާއިރު، އެކަންކަން ރިޕޯޓް ކުރުމުން އެޅޭ ފިޔަވަޅެއް ނެތެވެ. މައްސަލަ ބަލަމުން ދަނީ އޭ ބުނެލުމަށްފަހު ދެއަތް އުރާލައިގެން ތިބުން ނޫން ކަމެއް ކުރާތަން ނުފެނެ އެވެ. ދޭތެރެއަކުން ދެބާރު އެއްވެގެން ކަންކަމަތީ ތިބެ އޮޕަރޭޝަން ހިންގަނީ ކަމަށް ބުނިނަމަވެސް، އެ ބުނާ އޮޕަރޭޝަނުން ހާސިލްވި ނަތީޖާއެއް ނެތެވެ. 

ކުށްކުރުން ދުވަހެއް ދުވަހަކަށް އިތުރުވެ، މުޅި ގައުމުގެ ތެރޭ ފާހިޝް އެތައް ކަމެއް ކުރަމުން ދާއިރު، ބަޔަކު ރިޕޯޓް ނުކުރި ނަމަވެސް އެކަންކަން ބެލުމަކީ، މިއަދު އިދާރާތަކުގެ މައްޗަށް ވާޖިބުވެފައިވާ ކަމެކެވެ. އެހެން ނޫން ނަމަ ހަލާކުވެގެން ދާނީ އެންމެ ޖީލެއް ނޫނެވެ. ކުރިއަށް އަންނަން އޮތް އެތައް ޖީލެއް މިކަމުގެ ސަބަބުން އެހެން ނޫންނަމަ ހަލާކުވެ ނެތިގެން ހިނގައިދާނެ އެވެ. 

މިކަމުގައި ހަމައެކަނި މުވައްސަސާތައް ގޯސް ކުރުމެއްވެސް ނެތެވެ. ކުދިންގެ ބެލެނިވެރިން އެކުދިން އުޅޭ ނޫޅޭ ގޮތް ބަލަންޖެހެ އެވެ. ތިމާގެ ދަރިއަށް މި ދެވެނީ އެންމެ ރަނގަޅު ތަރުބިއްޔަތުތޯ މިއަދު ތިމާ އަމިއްލަ ނަފްސާ ސުވާލު ކުރަން ޖެހެ އެވެ. 

43%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް