އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ ކޭސީއެންއޭ ނޫސް އޭޖެންސީން ހޮނިހިރު ދުވަހު ބުނީ މިސައިލް ފޮނުވުމުގެ ސަބަބުން މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އަދި އަވަށްޓެރި ގައުމުތަކަށް ވެސް ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.
އުތުރު ކޮރެއާއިން އިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އެގައުމުން 12 ދުވަހުގެތެރޭ ހަ މިސައިލް ފޮނުވާލުމާ ގުޅިގެން އދގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކިޔާފައިވާ ފާޑުކިއުންތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.
"(މިސައިލް ޓެސްޓްތަކުގެ ސަބަބުން) މަދަނީ ވައިގެ ދަތުރުފަތުރުގެ އިތުރުން އަވަށްޓެރި ގައުމުތަކާއި ސަރަހައްދުގެ ސަލާމަތަށް ވެސް އެއްވެސް ނުރައްކަލެއް ނުވަތަ ގެއްލުމެއް ނުލިބޭ." އެ ގައުމުގެ އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާނާ ހަވާލާދީ ކޭސީއެންއޭ އިން ބުންޏެވެ.
އުތުރު ކޮރެއާގެ ނެޝަނަލް އޭވިއޭޝަނުން ބުނެފައިވަނީ މިފަހަރު ފޮނުވާފައިވާ މިސައިލްތަކަކީ އެމެރިކާގެ މިލިޓަރީން ބައިގަރުނަށްވުރެ ގިނަ ދުވަސްވަންދެން ބިރު ދައްކަންމުން ދާތީ އެގައުމުގެ ދިފާއުގައި ޓެސްޓު ކުރި މިސައްލްތަކެއް ކަމަށެވެ. އޭގެ އިތުރުން އެމެރިކާގެ ނުރައްކަލުން އެސަރަހައްދު ރައްކާތެރި ކުރުމަކީވެސް އެއްބޭނުންކަމަށް ބުނެފައިވެއެވެ.
އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ބުނީ ހޮނިހިރު ދުވަހުގެ ބަޔާނަކީ ފާޅުގައި އެ އޯގަނައިޒޭޝަނާ ދެކޮޅަށް ނެރެފައިވާ ބަޔާނެއް ކަމަށާއި، މިސައިލް ޓެސްޓުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެހެންނަމަވެސް އުތުރު ކޮރެއާއިން ބުނީ މިފަދަ ފާޑުކިއުންތަކަކީ އެގައުމުގެ ސިޔާދަތަށް އަރައިގަތުމުގެ މަގްސަދުގައި އެމެރިކާ އާއި އެގައުމުގެ މުއްފަތުގައި އުޅޭ ގައުމުތަކުން ކުރާ ކަންކަން ކަމަށެވެ.