ބީއެމްއެލް އިން ބުނީ އެ މަޝްރޫއުގެ އަމާޒަކީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ރައްކާތެރި ފެން ފޯރުކޮށްދިނުމާއި އެއްފަހަރާ ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުން ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން އެ ސްކޫލުގައި އިންޑަސްޓްރިއަލް އާރުއޯ މެޝިނެއް ބަހައްޓައި އެ މެޝިނުން އުފައްދާ ފެން ރައްކާކުރެވި ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފަސޭހައިން ބޯން ލިބޭނެހެން ސްކޫލުގައި ވަނީ ދެ ވޯޓާ ޑިސްޕެންސާ ވެސް ބަހައްޓާފައެވެ.
ކޮމިއުނީ ފަންޑުގެ ދަށުން އެ ޕްރޮޕޯސަލް ކާމިޔާބު ކުރި ރިވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ފަރާތުން މުސްތަފާ އަހްމަދު ވިދާޅުވީ، އެ ޕްރޮޖެކްޓް ގެ ސަބަބުން އެ ރަށު ސްކޫލުގައި ކިޔަވަމުންދާ 186 ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ސްކޫލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރައްކާތެރި ބޯފެން ފަސޭހަކާމާއެކީ ލިބޭނެ ކަމަށެވެ.
”އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުންގެ މިކަމާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެ ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިވެގެން ދިޔުން،“ މުސްތަފާ ވިދާޅުވި އެވެ.
އެ މަޝްރޫއުގެ ދަށުން ”ކޮލަމާ ޖަމިއްޔާ“ގެ ފަރާތުން ވަނީ ކޮންމެ ދަރިވަރަކަށާއި، މުވައްޒަފަކަށް ރިޔޫސަބަލް ފުޅިއެއް ހަދިޔާކޮށްފަ އެވެ.
އެ މަޝްރޫއުއަކީ ދެމެހެއްޓެނެވި ކާމިޔާބު މަޝްރޫއުއެއްގެ ގޮތުގައި ކުރިއަށް ދިއުމަށް މަގުފަހި ކުރުމަށްޓަކައި އެ ޖަމިއްޔާގެ ފަރާތުން ބަހައްޓާފައިވާ ޕްލާންޓާއި ފިލްޓަ އަދި ޑިސްޕެންސަރުތަކަށް ބޭނުންވާނެ މެއިންޓެނަންސް މަސައްކަތްކުރަމުން ދާނެ އެވެ.