ads
ރ. އަތޮޅު ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގަތީ މިއަދު
ރ. އަތޮޅު ދަތުރުފުޅު ނިންމަވާލައްވާ ނައިބު ރައީސް މާލެވަޑައިގެންފި
ނައިބު ރައީސް ފައިސަލް ނަސީމް، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަަށްފަހު މިއަދު މާލެވަޑައިގެންފި އެވެ.

ނައިބު ރައީސް މާލެވަޑައިގަތީ މިއަދުގެ މެންދުރުފަހު އެވެ. ނައިބު ރައީސް ރ. އަތޮޅަށް ވަޑައިގަތީ އިއްޔެ އެވެ.

ރ. އަތޮޅަށް ކުރެއްވި މިދަތުރުފުޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ވަޑައިގެންނެވީ އެއަތޮޅު، އިނގުރައިދޫ، އިންނަމާދޫ، މާކުރަތު، އަދި ދުވާފަރަށެވެ. މިރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން ހިޔާލު ބަދަލުކުރައްވައި މަޝްވަރާކުރެއްވި އެވެ.

އަދި މިރަށްރަށުގެ ސިއްހީ މަރުކަޒުތަކަށާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ ހާލަތު ބައްލަަވައި މަޝްރޫއުތައް ހިނގަމުންދާ ގޮތް ބައްލަވާލެއްވިއެވެ.

މީގެ އިތުރުން ރ. ވަންދޫ، ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ފެސިލިޓީއަށް ވެސް ޒިޔާރަތް ކުރެއްވި އެވެ. މިޒިޔާރަތުގައި ވެމްކޯއިން އެރަށުގައި ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހޯއްދަވައި، މަސައްކަތްތައް ކުރިޔަށްދާ ގޮތް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ރ.އަތޮޅަށް ކުރެއްވި މިދަތުރުފުޅުގައި ހޮނިހިރު ދުވަހުގެ ރޭ ދުވާފަރަށް ވަޑައިގެން "ރ. ޓުއަރިޒަމް އެކްސްޕޯ 2022" ގެ އެވޯޑު ދިނުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވި އެވެ. މިހަފްލާގައި، "ރ. ޓުއަރިޒަމް އެކްސްޕޯ 2022" ގެ އަތްތެރި މަސައްކަތުގެ މައުރަޒުން ރަންވަނަ ހާސިލުކުރި ފަރާތްތަކަށާއި، އަތޮޅު ރިސޯޓް އެވޯޑް ހާސިލުކުރި ދެ ރިސޯޓަށް އެވޯޑް ހަވާލުކޮށްދެއްވީވެސް ނައިބު ރައީސް ފައިސަލް އެވެ.

މި ހަފްލާގައި، ރ. އަތޮޅު ކައުންސިލުން ވަނީ  ނައިބް ރައީސް ފައިސަލް އަށް ހާއްސަ ހަނދާނީ ފިލައެއް ވެސް އަރުވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް