
"ދަ ޓްރެޕިންގ ޒޯން" ގެ ނަމުން ނަންދެވިފައިވާ މި ސަރަޙައްދަކީ މީގެ ކުރިން ދެނެގަނެވިފައި ނުވާ ސަރަޙައްދަކަށްވުން އެއީ އެކަށީގެންވާ ކަމެކެވެ.
ރާއްޖެ ވަށައިގެން މިއޮތް ކަނޑުގެ އަޑީގައި ދިރުންތަކުން ފުރިގެންވާ 'ދަ ޓްރެޕިންގ ޒޯން' ފެނުމަކީ ފާހަގަކުރެވޭ ހޯދުމެއް ކަމަށާއި މި މާހައުލުން ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން ދެމެހެއްޓުމަށް މަގުފަހިވާނެ ކަމަށް ބެލެވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހްވަނީ ވިދާޅުވެފައެެ. އަދި މިއީ ދެމެހެއްޓެނިވި ގޮތުގައި ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމަށާއި، ސަރަހައްދުތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ބާރުލިބޭ އައު މައުލޫމާތުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި ރާއްޖޭގެ އަތޮޅުތަކުގެ ބިންގާ ކަމަށްވާ އަލިފާން ފަރުބަދައިގެ ކަނޑު އަޑީގެ ބިންގަނޑުތަކުގައާއި، މަރުވެފައިވާ ދިރުން ނުވަތަ "ފޮސިލައިސްޑް ކާބަން" ހިމެނިގެން އުފެދިފައިވާ ގަދީމީ ފަރުތަކުގައި ގުންޑޮޅި ތެދު އުސް ބިންތަކާއި، ގުންޑޮޅި ފެތުރިފައިވާ ބިންތައް ހިމެނިފައި ވުމަކީ، ހީވާގޮތުގައި، މައިކްރޯ ނެކްޓަން ދުވާލުގެ ވަގުތުތަކުގައި ފުން ކަނޑަށް އަނބުރާ ދިއުމަށް ހުރަސްއެޅޭ ސަބަބެވެ. މި"ވަރޓިކަލް މައިގްރޭޝަން" އަކީ ދުނިޔޭގައި ކޮންމެ ރެއަކު ހިނގާ އެންމެ ބޮޑު ހިޖުރަކުރުން ނުވަތަ މައިގްރޭޝަންއެވެ. ރައްކާތެރި ފުން ސަރަޙައްދަށް ހިޖުރަ ނުކުރެވި ތާށިވާ މިދިރުންތައް ވާނީ ކަނޑުގެ މެދު ފަށަލައިގައި އުޅޭ ކަނޑުމަހާއި މިޔަރު ފަދަ، އަދި ފުނުގައި އުޅޭ ސްޕައިކީ އޯރިއޯއާއި، އަލްފޮންސީނޯ ފަދަ ބިޔަ ދިރުންތަކުގެ ޝިކާރައަކަށެވެ.
"ފަރުތަކުގެ ތިލަ ސަރަހައްދުތަކުގައި އުޅޭ މިޔަރުގެ ދިރާސާ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވޭ. ނަމަވެސް ފުން ކަނޑުތަކުގައި އުޅޭ މިޔަރުގެ ތަފާތު ބާވަތްތަކާއި ބެހޭ މައުލޫމާތު މި ދެނެގަނެވެނީ މުޅިން އަލަށް"، މި ދިރާސާ ހިންގުމުގައި ނެކްޓަން އާއިއެކު އިސްވެ ހަރަކާތްތެރިވާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ ޑިރެކްޓަރ ޖެނެރަލް، ޝާފިޔާ ނަޢީމް ހާމަކުރެއްވިއެވެ.
މި ދިރާސާގައި ފެމުނާއި، މަޑުމިޔަރާއި، ދަތްގަނޑު މިޔަރާއި، ކަށިމިޔަރާއި، ކާލިގަނޑު މިޔަރާއި، އައިންމަތީ މިޔަރުގެ އިތުރުން ދުނިޔޭގައިވެސް ވަރަށް މަދުން ފެންނަ މިޔަރުގެ ބާވަތެއްކަމަށްވާ "ބްރެމްބަލް ޝާރކް" ރާއްޖޭގެ ފުން ކަނޑުތަކުން ވަނީ ފެނިފައިވެއެވެ.
ކަނޑުތަކުގެ މާހައުލީ ނިޒާމު ބިނާވަނީ، އެ ސަރަހައްދުތަކުގެ އުފެދުމުގައި ހުންނަ އަޑިގުޑަންތަކާއި މިނޫންވެސް ތަފާތު ސިފަތަކާއި، އެ މާހައުލުގައި އުޅޭ ދިރުންތަކުގެ މައްޗަށެވެ. "މި ފެނިފައިވާ ސަރަހައްދުގައި މުޅިން އާ މާހައުލީ ނިޒާމެއްގެ ހުރިހާ ނިޝާންތައް އެކުލެވިގެންވޭ"، ފުން ކަނޑުގެ ސަރަހައްދުތަކުގައި އެކުލެވޭކަމަށް ބެލެވޭ 'ޓްރެޕިންގ ޒޯން' ދެނެގަތުމަށް ސަބްމަސިބަލްގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވާ ޕްރޮފެސަރ އެލެކްސް ރޮޖަރސް ހާމަކުރެއްވިއެވެ. "ދަ ޓްރެޕިންގ ޒޯން ގެ ސަބަބުން ރާއްޖޭގެ ފުން ކަނޑުތަކުގައި ދިރުމުން ފުރިގެންވާ މާހައުލެއް އުފެދޭ އަދި ރާއްޖެފަދަ އެހެނިހެން ކުދި ޖަޒީރާތަކުގައި މިފަދަ ސަރަހައްދުތައް އުފެދިފައި ހުރުމަކީ ވަރަށް ގާތްކަމެއް"، ޕްރޮފެސަރ އެލެކްސް ރޮޖަރސް އިތުރަށް ވިދާޅުވިއެވެ.
މާކަނޑުގައި އުފެދިފައި ހުންނަ ތިލަތަކުގައި އެ ސަރަޙައްދުތަކުގައި އުޅޭ ކުދި ދިރުންތައް ތާށިވުމުގެ ސަބަބުން އެ ސަރަޙައްދުތަކުގައި އެކި ބާވަތުގެ މަސްމަހާމެހީގެ އާބާދީ އާލާވުމަށް ބާރުއަޅާކަން އެނގިފައި ވީނަމަވެސް، ރާއްޖެ ފަދަ ޤައުމެއްގެ ރަށްތަކުގެ ޖިއޯމޯފޮލޮޖީ އަދި ބަޔޮލޮޖިކަލް ޕެރަމީޓަރތަކާއި މި ތާށިވުން މީގެ ކުރިން ގުޅުވިފައެއް ނުވެއެވެ.
މި ދިރާސާގައި އެއްކުރެވުނު ވީޑިއޯ އަދި ބަޔޮލޮޖިކަލް މަޢުލޫމާތު އެނަލައިޒް ކުރުމުގެ މަސައްކަތް ރާއްޖޭގައާއި، އޮކްސްފޯރޑް ގައި ހުންނަ ނެކްޓަންގެ ހެޑްކުއާޓަރސްގައި އަދި ދިރާސާގައި ބައިވެރިވި އެހެން ޕާރޓްނަރުންގެ ލެބޯޓްރީތަކުގައި ކުރިއަށް އެބަދެއެވެ. މި ދިރާސާގެ ނަތީޖާތަކަކީ ދިވެހިރާއްޖެ ފަދަ އެހެން ޖަޒީރާ ގައުމުތަކަށްވެސް ފައިދާކުރާނެ މަޢުލޫމާތުތަކެވެ. އަދި މީގެ އިތުރުން މަސްވެރިކަން ދެމެހެއްޓުމަށާއި، މޫސުމީ ބަދަލުތަކުން ރައްކާތެރިވެ ތިބުމަށްވެސް މި މަޢުލޫމާތުތަކަކީ މުހިންމު މައުލޫމާތުތަކެކެވެ.
ނެކްޓަންގެ ކުރީގެ މިޝަންތަކުން ވެސް ވަނީ އެތަކެއް އާ ސައިންޓިފިކް މަޢުލޫމާތު ހޯދިފައެވެ. އެގޮތުން ނެކްޓަން އިން ބާމިއުޑާގައި 2016 ވަނަ އަހަރު ހިންގި އެކްސްޕެޑިޝަންގައި ވަނީ ވަރަށް ފަނޑުކޮށް އަލި ލިބޭ ސަރަހައްދުން "ރަރިފޯޓިކް ޒޯން" ނަމަކަށް ކިޔާ އާ އިކޯސިސްޓަމެއް ކަނޑުގެ ސަތަހައިގެ 120 މީޓަރާއި 300 މީޓަރާއި ދެމެދު އޮންނަކަން ކަށަވަރުކޮށްފައެވެ.