
ކުޅުދުއްފުށި ސިޓީން މިއަދު ކޮށްފައިވާ އިޢުލާނުގައިވަނީ މިބިނާ ފަރުމާ ކުރުމަށް އާއްމުކޮށް ހުޅުވާލައިފައެވެ.
މި ބިނާ ފަރުމާ ކުރުމުގައި، ޝަހީދު ޙުސައިން އާދަމުގެ މަތިވެރި ޖިހާދު އޭގެން ރަމްޒުކޮށް ދިނުމާއެކު، ފަރުމާކޮށްފައި ހުންނަންވާނީ ބާޒާރުން ފަސޭހައިން ލިބޭ ދިގު މުއްދަތައް ދެމިހުންނަ މެޓީރިއަލްއަކުން ހެދޭ ގޮތަކަށް ކަމާއި،ފަރުމާ ވާންވާނީ ބަލާލަން ރީތި، އިސްލާމް ދީނާއި އާންމު އިޖްތިމާއީ މިންގަނޑުތަކަށް ފެތޭ ފަރުމާއަކަށް ކަމުގައި ބަޔާންކޮށްފައިވެއެވެ.
މި ބިނާ ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީގެ އާންމު ސަރަހައްދެއްގައެވެ.
ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި ދެވުނު އެންމެ ނުރައްކާތެރި ޢުދުވާނީ ހަމަލާއިން، މިގައުމު ދިފާޢު ކުރުމަށް އެންމެ ފުރަތަމަ މަސައްކަތް ފެއްޓެވީ ޝަހީދު ޙުސައިން އާދަމެވެ. ޙުސައިން އާދަމުގެ ރައްދު ހަމަލާއަކީ އެ ދުވަހުގެ ނުރައްކާތެރި ހަމަލާ ނާކާމިޔާބުވުމަށް މެދުވެރިވި މައިގަނޑު އެއް ސަބަބެވެ.
މި އިއުލާނާ ގުޅިގެން ހުށަހެޅޭ ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރުމާއަކަށް ފައިސާގެ އިނާމުގެ ގޮތުގައި 5000 ރުފިޔާ (ފަސްހާސް ރުފިޔާ) ދިނުމަށް ކައުންސިލުންވަނީ ނިންމާފައެވެ. ފަރުމާ ހުށަހެޅުމުގެ ސުންގަޑިއަކީ 25 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 14:00 އެވެ.