ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބާގް އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޔޫކްރެއިންގައި ރަޝިޔާއަށް އަސްކަރީ ގޮތުން ލިބޭނެ ކާމިޔާބީއެއްގެ މާނައަކީ އެމެރިކާއާއި ހުޅަނގުގެ އެލަޔަންސް ބަލިވުން ކަމަށެވެ.
ނަމަވެސް، ޔުކްރޭއިނަށް ކިތަންމެ އެހީއެއް ދިންނަމަވެސް ސްޓޮލްޓެންބާގް ވިދާޅުވީ އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ބްލޮކަކީ ހަނގުރާމައިގެ ބައިވެރިއެއް ނޫން ކަމަށެވެ.
ނޭޓޯގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސްޓޮލްޓެންބާގް ވަނީ ޔޫކްރެއިންއަށް ހަތިޔާރު ފޮނުވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބު ކުރެވޭނެކަން ކަށަވަރުކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ނަމަވެސް މި އެހީގެ ސަބަބުން ގައުމުތަކުގެ އަސްކަރިއްޔާއަށް މިހާރު ދަނީ ލޮޅުން އަރަމުންނެވެ. އޮގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން ޖަރުމަނުވިލާތުގެ ހަތިޔާރާއި އެމޯސްޓޮކް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ހަމަ އެ މަހު ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި 155 އެމްއެމްގެ އާޓިލަރީ ހަތިޔާރުގެ ސްޓޮކް އެމެރިކާގައި ވަނީ މަދުވެފައެވެ.
ޔޫކްރެއިންގެ ބާރު ގަދަކުރުމަށް އަމިއްލަ ބާރުތައް ބަލިކަށިކުރުމަކީ ބުއްދިވެރި ސިޔާސަތެއްތޯ ސުވާލު ކުރުމުން ސްޓޮލްޓެންބާގް ވަނީ ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކަކީ އެ އެލަޔަންސް ދެމިއޮތުމަށް މުހިއްމު ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.