ads
މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު
މި މަޖިލީހަކީ މަސްތުވާތަކެތި ގެންގުޅޭ ތަނެއް ނޫން: ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހަކީ މަސްތުވާތަކެތި ގެންގުޅޭ ތަނެއް ނޫން ކަމަށާއި، މަޖިލީހަކީ އެފަދަ ކަންކަން ކުރާ ތަނެއް ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. 

މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން މަވޯޓާ ވިދާޅުވީ، މަޖިލިސް މަސްތުވާތަކެތީގެ އައްޑާ އަކަށް ވެގެން ނުވާނެ ކަމަށާއި، މަޖިލީހުގެ ގޯތި ތެރޭ ތިބެ ފާޅުގައި މަސްތުވާތަކެތި ބޭނުންކޮށް، މަޖިލީހުގެ ޖަލްސާއަށް އައުމުގެ ފުރުސަތު ރިޔާސަތުން ދީގެން ނުވާނެ ކަމަށެވެ. އަދި މަޖިލީހުގައި، ބްރެތް އެނަލައިޒާ ބަހައްޓަންޖެހޭ ހިސާބަށް ގޮސްފައި ވާކަމަށް މަވޯޓާ ވިދާޅުވި އެވެ. 

އެކަމާއި ގުޅިގެން ރައީސް ނަޝީދު ވަނީ، މަވޯޓާ އަށް ރައްދު ދެއްވާ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން އެމަނިކުފާނު ވަނީ، މަޖިލީހަކީ މަސްތުވާތަކެތި ބޭނުން ކުރާ ތަނެއް ނޫން ކަމަށާއި، އެފަދަ އެއްވެސް ކަމެއް މަޖިލީހުގެ ތެރޭ ނުހިނގާ ކަމަށް ވިދާޅުވެފަ އެވެ. އަދި މެމްބަރުންގެ ކަރާމަތާއި އިއްޒަތް ގެއްލޭ، ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ. 

"މެންބަރު ތިޔަ ކުރައްވާ ކަމަކީ މި ތަނުގެ އިއްޒަތާއި ކަރާމާތް ނަގައިލުމަށް ސާބިތުނުހިފޭ ބާވަތުގެ ވާހަކަދައްކަވަމުން ގެންދެވުން. މި ތަނުގައި ޑުރަގެއް ނުގެންގުޅޭނެ. މިތަނުގައި މަސްތުވާތަކެއްޗެއް ނުގެންގުޅޭނެ. މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާ މެމްބަރު މަވޯޓާ ވަނީ، އޭނާ ދެއްކި ވާހަކަތަކަކީ ހަގީގަތެއްތޯ ނުވަތަ ނޫންތޯ ވެސް އެނގޭނީ، މަޖިލީހުގައި ބްރެތް އެނެލައިޒާ ބެހެއްޓުމުން ކަމަށް ވިދާޅުވެފަ އެވެ. އަދި މަޖިލީހަކީ ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގެ ވާހަކަ ދައްކާ އެންމެން ގުޅިގެން އެކަންކަމަށް ހައްލު ހޯދާ ތާކަށް ހަދަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް