ސޯޝަލް މީޑިއާގައި އާންމުވެފައިވާ ޕޯސްޓެއްގައި ވަނީ މިދިޔަ އަންގާރަ ދުވަހު، ގިޔާސުއްދީން ސްކޫލުގައި ކިޔަވަމުން އަންނަ އަންހެން ކުއްޖެއްގެ ފެންފުޅިއަށް އެކުއްޖާ ލައިބްރަރީއަށް ދިޔަ ވަގުތު ހޭންޑް ސެނިޓައިޒާ އެޅާފައިވާ ކަމަށެވެ. އަދި މިއީ އެކުއްޖާއަށް އެފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރު ނޫން ކަމަށާއި ނަމަވެސް އެކަން ކުރި ކުއްޖާ ސަސްޕެންޑް ނުކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ގިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާ މިއަދު ސީއެންއެމްއަށް ވިދާޅުވީ އެފަދަ ހާދިސާއެއް ސްކޫލުގައި ހިނގާފައިވާ ކަމަށާއި އެކަމާއި ގުޅިގެން އެކަން ކުރި ކުދިންނަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ނަމަވެސް ސްކޫލުގެ ޕޮލިސީގެ ދަށުން އަޅާފައިވަނީ ކޮން ފިޔަވަޅެއްކަން ހާމަކުރެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ކުއްޖާގެ ފެންފުޅިއަށް ސެނިޓައިޒާ އެޅި ނަމަވެސް އެކުއްޖާ އެފުޅިން ފެން ނުބޮއިކަން ފާހަގަކުރައްވަމުން އަލީ މުސްތަފާ ވިދާޅުވީ އެކަން ހިނގާފައިވަނީ އެ ކުލާހުގެ ދަރިވަރުން ލައިބްރަރީއަށް ދިޔަ ވަގުތު ކަމަށާއި އަދި އެހާދިސާ ދިމާވި ކުއްޖާ ވަނީ އެކަން އެނގުމާއެކު ފެންފުޅި ހިފައިގެން ގޮސް ސްކޫލު ނާސްއަށް އެ މައްސަލަ ރިޕޯޓްކޮށްފައި ކަމަށެވެ. އެއާއެކު އެކަން ކުރި ދަރިވަރުން ދެނެގަނެ ވަގުތުން ފިޔަވަޅު އަޅާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެގެ އިތުރުން ބިރު ދެއްކުމުގެ ގޮތުން އެކަން ކުރި ކުއްޖާ ސަސްޕެންޑް ނުކުރާ ކަމަށްވާނަމަ މުޅި ފޭސްބުކްގައި އެކަން ވައިރަލްކޮށްލާނެ ކަމަށް ބުނެ ބަޔަކު ސްކޫލަށް މެސެޖެއް ފޮނުވާފައިވާ ކަމަށް ވެސް އަލީ މުސްތަފާ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ސްކޫލުން އަޅި ފިޔަވަޅާ މެދު ބަޔަކު ހިތްހަމަ ނުޖެހޭނަމަ އެކަން ކަމާއި ގުޅޭ އިދާރާތަކަށް ހުށަހެޅިދާނެ ކަމަށެވެ.
ސްކޫލުތަކުގައި ދަރިވަރުންނަށް ބުލީ ކުރުމުގެ މައްސަލައަކީ އާންމު ކަމަށްވެފައިވާއިރު ބުލީ ކުރުމަކީ ކުށަކަށް ހަދައި، އެކަމަށް އަދަބެއް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ތައުލީމުގެ ބިލުގެ ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވެސް ގޮވާލަފައިވެ އެވެެ.