އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ސޮއި ކުރައްވާ ނެރުއްވި ފިނޭންސް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އެމްއާރްޑީސީ އުވާލުމަށް ނިންމުމު ގުޅިގެން، ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް 20 މެއި 2018 ގައި އެކުންފުންޏާއި ލިކުއިޑޭޝަންގެ މަސައްކަތްކުރުމައް އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ފާހަގަ ކުރައްވާފައެވެ. އެހެންނަމަވެސް މި އެއްބަސްވުމުގައި އުވާލުކުންފުނީގެ މުދަލާއި ދަރަނިތަކުގެ ހިސާބުތައް ތައްޔާރުކޮށް ކުންފުނީގެ އެސެޓްތައް ހިފަހައްޓައި އަދި ކޮންޓްރޯލްކޮށް އަދި ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަކީ ލިކުއިޑޭޓަރުގެ ޒިންމާ އެއްކަމުގައި ބަޔާންކޮށްފައި ވީނަމަވެސް އެއްބަސްވުމާ އެއްގޮތަށް ލިކުއިޑޭޓަރު އެމްއާރްޑީސީގެ މުދަލާއި ދަރަނިތަކުގެ ހިސާބުތަކުގެ ރިޕޯޓެއް ތައްޔާރުކޮށްފައިނުވާކަން އޮޑިޓަ ޖެނެރަލް ފާހަގަ ކުރެއްވިއެވެ.
"މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" މި ނަމުގައި ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދަވާފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 24 އޮގަސްޓް 2010 ގައެވެ. މިކުންފުންޏަކީ، ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީއާއި އިޖްތިމާއީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެފަދަޔަކުން، ދިވެހިރާއްޖޭގެ ރަށްތަކުގެ މަގު ހެދުމުގެ މަސައްކަތް، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރީގެ އުސޫލުން ކުރިއަށް ގެންދެވުމަށްޓަކައި އުފެއްދެވި ކުންފުންޏެއް ކަމަށް އޭރު ރައީސް އޮފީހުން ވިދާޅުވިއެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އުވާލާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު، 22 ޖަނަވަރީ 2018 ގައެވެ.