
އާސަހަރާ މިސްކިތުގައި ކުރެވުނު ކަށުނަމާދަށްފަހު ހަށިގަނޑު ވަޅުލުމުގެ ކަންކަން ކުރިއަށްދިޔައިރު، މާހައުލުން ފެނުނީ އަސަރުން ފުރިގެންވާ މަންޒަރެކެވެ.
އަޒްހާންގެ މަންމަ އާއި ބައްޕަ އަދި އާއިލާގެ މީހުންނާއި ރަށްޓެހިންވެސް ބައިވެރިވި އެ ޖަނާޒާގައި ހަށިގަނޑު ފަސް އަޅާ ފޮރުވަމުންދިޔައިރު، ކައިރީގައި ހުއްޓިލައިގެން ހުރި ބައްޕަ މޫނުގައި އަތްއަޅައި ރޮމުން ދިޔަތަން ފެނުނެވެ. މަންމައަށް ކޮޅަށް ހުރެވުނީ އާއިލާގެ މެމްބަރުންގެ އެހީތެރިކަމާއި އެކުއެވެ.
އަޒްހާންގެ ޖަނާޒާގެ ތެރެއިން: ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
ކުރެވޭނެ އިތުރު ކަމެއް އެބައޮތް ހެެއްޔެވެ؟ ދަރިފުޅު ފެންނާނެ އެންމެ ފަހު ވަގުތެވެ. އެންމެ ފަހު ވަގުތުވެސް ޒުވާން ދަރިފުޅުގެ މޫނުވެސް ބަލައިލުމުގެ ފުރުސަތެއް އެ މައިންބަފައިންނަކަށް ނުލިބެއެވެ. ފެންނަން ނުވެސް ނެތީއެވެ.
ދަރިފުޅު މޫނުމަތިން އެފަދަ ގޮތަކަށް ގެއްލިގެން ދިޔަނަމަވެސް، ހަށިގަނޑު ފަސް އަޅައި ފޮރުވިގެންދިޔަގޮތަށް އޭނާގެ މަރުގެ ހަގީގަތްވެސް ފަސްއަޅައި ފޮރުވި ނުދާނެ ކަމެއް ނޭނގެއެވެ. އިންސާފު ލިބިދާނެ ކަމާއިމެދުވެސް ޝައްކެވެ. ވީއިރު، މޫނުގައި އަތްއަޅާލައި ރުއިން ނޫން އެހެން ކަމެއް މިފަދަ އާއިލާތަކަށް ކުރެވެން އެބައޮތް ހެއްޔެވެ؟
އަޒްހާންގެ މަންމަ (މ) ޖަނާޒާއަށްފަހު އާސަހަރާއިން ނުކުމެގެން ދަނީ: ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު
އުމުރުން 27 އަހަރުގެ އަޒްހާން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 06:00 އިން ފެށިގެން ވީނުވީއެެއް ނޭނގި ގެއްލުނީއެވެ. އެއް ދުވަސްވީއިރުވެސް ހަބަރެއް ނުވެގެން އާއިލާއިން ޖެހިގެން އައިދުވަހު ރިޕޯޓުކުރިއެވެ. އަޒްހާން ފެނުނީ އޭގެ އެތައް ހަފްތާއެއް ފަހުން މިމަހުގެ ދެވަނަ ދުވަހު އެވެ.
ފެނުނުއިރު މާބޮޑަށްވެސް ލަސްވެެއްޖެ އެވެ. ފެނުނީ ހަށިގަނޑެވެ. ގިނަ ދުވަސްތަކެއް ވުމުން އެއީ އަޒްހާންކަން ދެނެގަންނަން ޖެހުނީ ޕޯސްްޓުމޯޓަމް ހަދާށެވެ. އެއީ އަޒްހާންގެ ހަށިގަނޑުކަން ކަށަވަރުކުރެވުނީވެސް ޕޯސްމޯޓަމަށް ފަހު އެވެ.
އެތައް ހިތްދަތި އިންތިޒާރަކަށްފަހު މިއަދު އާއިލާތިބީ ޖަނާޒާގައެވެ. އާއިލާގެ ހިތުގައި އަޅަމުންދިޔަ ވޭންތައް ބޭރުފުށުންވެސް ސާފުކޮށް ފެންނަމުންދިޔަ އެ ޖަނާޒާގެ މަންޒަރުތައް ފެންނަ ފޮޓޯތަކުން ކޮންމެ މީހެއްގެ ލޮލުންވެސް ކަރުނަ ހިލޭނެކަން ގައިމެވެ.
އެމައިންބަފައިން މިއަދު އެންމެ އެދޭނީ ޒުވާން ދަރިފުޅުގެ މަރަށް އިންސާފު ލިބިގެން ދިއުމެވެ. މިފަދަ ކޮންމެ މަރަކަށްފަހު އާއިލާތަކުގެ އުންމީދަކީ އެއީއެވެ. އެކަމަކު އެފަދަ އެތައް އާއިލާއެއް މިއަދުވެސް ތިބީ އިންސާފު ލިބުމެެއްނެތި ކަރުނަ ފޮހެލަ ފޮހެލަ އެވެ. ކޯޓުތަކުގައި އެކަމާއި ގުޅޭގޮތުން ބާއްވާ ދިގު އަޑުއެހުންތަކަށްފަހުވެސް އިންސާފާއި ހަމަޔަށް ނުފޯރިފަ އެެވެ. ކޯޓާއި ގެއާއި ދެމެދު ހިނގަ ހިނގާ ވަރުބަލިވެފަ އެވެ.
މިއަދު އަޒްހާންގެ މައިންބަފައިންގެ އުންމީދަކަށް ވާނީވެސް ދަރިފުޅުގެ މަރާއިއެކު ލިބޭ ހިތްދަތި ކަމާއިއެކު މި ބުނި ތަކުލީފުތައް އުފުލަން ނުޖެހި އިންސާފު ލިބުމެވެ. ނަމަވެސް އަޒްހާން ގެެއްލުނުތާ މަހެއްވެގެންދާއިރު، އެ ހާދިސާއާއި ގުޅޭ މާބޮޑު ކުރިއެރުމެއް އަދި ފުލުހުންނަކަށް ނުލިބެ އެވެ. އެފަދަ އުންމީދެއްވެސް ކަމުގެ ތަފްސީލެއްވެސް މިހާތަނަށް ހާމައެެއް ނުކުރެ އެވެ.
މިއަދު އެންމެންގެ ދުއާއަކީ ވޯޓާ ތީމް ޕާކް ކުރިމަތީ އޮންނަ ބޯ ގަސްތަކުގެ ތެރެއިން ފެނުނު އަޒްހާންގެ ހަށިގަނޑާއިއެކު އެ މަރުގެ ހަގީގަތް އެ ބޯގަސްތަކުގެ ތެރެއަށް ގެއްލި ނުދިއުމެވެ. މިއަދު ފަސް އަޅައި ފޮރުވާލި ހަށިގަނޑާއިއެކު މަރަށް ލިބެންވީ އިންސާފަށް ފަސް އަޅައި ފޮރުވިގެން ނުދިއުމެވެ. މޫނުގައި އަތްއަޅައި ރޮއިލުން ނޫންގޮތެއް މިފަދަ އާއިލާތަކަށް އޮތުމެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި، އަޒްހާންގެ ފާފަތަށް ފުއްސަވާ ފުރާނައަށް ދާއިމީ ސުވަރުގެ މިންވަރުކުރައްވުން އެދި ދުއާކުރަމެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ކުރަމެވެ.