
މަސްތުވާތަކެތީގެ ވަބާއިން މިއަދު މުޅި ގައުމު މިވަނީ، ސަލާމަތްވާނެ ގޮތެއް ނުފެނިފަ އެވެ. މިއަދު މި ގައުމުގައި ދެފުރާޅު ޖެއްސި ގެއެއް މި ވަބާ ނެތި އެއް ނުދާނެ އެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަމުން ދަނީ، މަސްތުގެ ވާބާގައި ޖެހި ހަލާކުވަމުންދާ ޖީލެކެވެ. އުމުރުން ކިތައްމެ ހަގަސް މިއަދު އެ ކަން ކުރަމުން އެދަނީ، އެކަމުގައި ހުރި ނުބައިކަން ހަމަ ނޭނގޭތީ ބާއޭ މިއަދު ހިތުގައި ސުވާލު އުފެދެ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ގައުމުގެ ތެރޭ ފުޅާ ދާއިރާއެއްގައި ކުރަމުން ދާއިރު، އިދާރާތަކުން އެކަން ހުއްޓުވަން މަސައްކަތް ކުރާ ކަމަށް ބުނި ނަމަވެސް އެކަމަށް އަލިމަގެއް އަންނަތަން ފެނިގެން ނުދެ އެވެ. ހަމަ ޔަގީނުންވެސް މަސްތުވާތަކެއްޗަކީ ރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެކެވެ. އެހެން ނަމަވެސް ކަނޑާއި، ވައިގެން މަގުން މަދު ނުވާ ވަރަށް މިތަކެތި އެތެރެވަމުން ދާ އަދަދަށް ބަދަލެއް އައިހެނެއް ހިޔެއް ނުވެ އެވެ.
ދުވަހަކަށް ވުރެ ދުވަހެއްް މި ވަބާގައި ޖެހި މީހުން ހަލާކުވަމުން ދާއިރު، މިކަމުގައި އިސްކޮށްތިބޭ ފަރާތްތަކުން މިކަން މިހާރު ކުރަމުން ދަނީ ވަރަށް "ސްމާޓް" ކޮށެވެ. ބަޔަކަށް ނޭނގޭނެހާ ވަގަށެވެ. ނުވަތަ އިނގުނަސް އެކަމާއި މެދު ވިސްނުމެއް ކަންބޮޑުވުމެއް ނެތި އެވެ. މަސްތުގެ ދުނިޔޭގައި ރަސްގެފާނުން ކަމަށް ހެދިގެން އުޅޭ ބަޔަކު އެމީހުންގެ ވިޔަފާރި ފުޅާ ކުރުމަށް އެތައް ކަމެއް ކުރާތަން މިއަދު ލޯ ކުރިމަތިން ފެންނަމުން ދެ އެވެ. ކަންކަން މަތީ ތިބެ "ވިއްކަމުން" ދަނީ ބޮޑު މީހާ ދިން އެތިކޮޅު ވިއްކާލާ އާ ޝިޕްމަންޓެއް ހޯދުމަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކެފޭ އުސޫލުން ހިންގާ 100 އަށް ވުރެ ގިނަ ތަން މާލޭގައި ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެތަންތަން ބަންދު ކުރަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެހެން ކަމަށް ވާނަމަ މާލެ ތެރެއިން އެކަންކަން ކޮންމެވެސް ވަރަކަށް މަދުވާން ޖެހޭނެތާ އެވެ. އެހެން ނަމަވެސް ފެންނަމުންދަނީ ދިމާ އިދިކޮޅު މަންޒަރުތަކެވެ.
މިއަދު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑުން ރެކްރޫޓު ކުރަމުން ދަނީ، އުމުރުން ހަގު ކުދިންނެވެ. ރެކްރޫޓު ކުރަމުންދަނީ، މާދަމާ ގައުމުގެ ހުންގާނުގައި ހިފައިގެން ތިބޭނެ ޖީލުގެ ދަރިންނެވެ. އުމުރުން އެންމެ އަށް އަހަރުގައި މަސްތުވާތަކެތި ވިއްކާ ކުދިން މިއަދު ގައުމުގައި ތިބުމަކީ، މިކަމުގައި ހުރި ބިރުވެރިކަން ރަމްޒުކޮށްދޭ ހެއްކެކެވެ.
އެއިން ކުއްޖަކާ ވާހަކަ ދައްކާލީމެވެ. އަދި އެކަން ކުރަނީ ކީއްވެތޯ ސުވާލު ކޮށްލީމެވެ. ފުރަތަމަވެސް ދިން ޖަވާބަކީ، އެކަން އެކުއްޖާ ކުރުމަކީ އެއްވެސް މީހަކާއި ބެހެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން އެކުއްޖާ ކުރަމުންދަނީ އޭނާގެ އަމިއްލަ އިހްތިޔާރުން ކަމަށެވެ. އިތުރަށް ކުއްޖާއާއި ވާހަކަ ދައްކާލީމެވެ.
އުމުރުން އަށް އަހަރުން ފެށިގެން މި ކަމުގެ ތެރޭ އެކުދިން އުޅެމުން ދާއިރު، ކަމުގެ ހަގީގަތަކީ، މިފަދަ ކަންކަމަށް ދޭންޖެހޭ ސަމާލުކަން އިދާރާތަކުން ނުދެވޭ ކަމެވެ. އަދި މައިންބަފައިންގެ ސަބަބުން ދަރިން ހަލާކުވާ ކަމެެވެ. މިފަދަ ކަންކަން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅި ޒަމާންތައް ފާއިތުވަމުން ދާއިރު، މާދަމާ މިކަމުގެ ސަބަބުން ދުނިޔެ ދޫކޮށް ދާނީ، ކިތައް ކުޑަކުދިން ކަމެއް ނޭނގެ އެވެ.
މި ކުދިންނަށް މަގު ދައްކައިދީ، ކުދިން ހަމަ މަގަށް އެޅުވުމަކީ، ހުރިހާ ފަރާތްތަކެއްގެ ޒިންމާ އެކެވެ. އެހެނީ، މިފަދަ ކަންކަން ކުރާ މީހުންގެ ދަރިން ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންގޮސް އެކުދިން އެ މާހައުލުން ދުރުކޮށް، ކުދިން ރަނގަޅަށް ތަރުބިއްޔަތު ނުކުރެވޭނަމަ، އެކުދިންވެސް އެ ފިޔަވަޅުމަތިން ފިޔަވަޅު އަޅަމުން ގޮސް ގޯސް މަގު އިހުތިިޔާރު ކުރާނެ އެވެ.
އެހެން ކަމުން މިކަމަކީ، މީހެއްގެ ކަނދުރާއަށް މޫނަށް ބެލުމެއް ނެތި، ހަމަހަމަ ކަމާއި އެކު ގައުމުގެ މުސްތަގުބަލުގެ ހައްގުގައި މިއަދު ކުރުން ވާޖިބު ކަމެކެވެ. އެހެން ނޫން ނަމަ މުޅި ގައުމު މާދަމާ ކަރުނަ އަޅަން ޖެހިދާނެ އެވެ.