ads
ޒުވާނުންގެ ދުވަސް: ޒުވާނުންގެ ޝަކުވާ އަހާނެ ބަޔަކު ނެތް!---ފޮޓޯ:ހަބަރު
ޒުވާނުންގެ ދުވަސް: ޒުވާނުންގެ ޝަކުވާތަކަށް ބީރު ކަންފަތެއް!
މިއަދަކީ، ޒުވާނުންގެ ދުވަހެވެ. ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަސް ޒުވާނުންނަށް ހާއްސަ ކޮށްގެން ފާހަގަ ކުރަމުންދަނީ، އޭގެ ފަހަތުގައި ކޮންމެވެސް ބޭނުމެއް އޮވެގެން ނެވެ. ހާއްސަ ދުވަހެއް ހަމަޖައްސާ އެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަމުން ދަނީ، ޒުވާނުންނަކީ މުހިއްމު ބަޔަކަށް ވުމުންނެވެ.
Advertisement

ޒުވާނުންނަށް ހާއްސަކޮށްގެން ދުވަހެއް ފާހަގަ ކުރުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމެވީ، 2019 ވަނަ އަހަރުން ފެށިގެންނެވެ. ޒުވާނުންނަށް ޒުވާނުންގެ ފުރިހަމަ މަގާމު ހޯދައި ދިނުމުގެ މަގްސަދުގަ އެވެ. 

މިއަދު ޒުވާނުންގެ ދުވަހެއް ފާހަގަ ކުރަމުން ދާއިރު، ހިތުގައި އެތައް ސުވާލުތަކެއް އުފެދެ އެވެ. އަދުގެ ޒުވާން ޖީލު ހަލާކުވެ ނެތި ގެއްލި ދާއިރު، އެ ޒުވާނުންނަށްޓަކައި ގައުމު ކުރި އުއްމީދުތައް މިއަދު މިވަނީ ވިއްސި ވިހާލި ވެފަ އެވެ. ގައުމު މިއަދު އެދި ގޮވަމުން ދަނީ، އަލުން ޒުވާނުން އެ ޒުވާނުންގެ ޒުވާންކަމުގެ ޖޯޝު ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށެވެ. 

މީގެ ކުރިން ޒުވާނުންނޭ ބުނުމުން، އެތައް ބަޔަކު އުފަލުން ފުރިގެންދެ އެވެ. އެ ޒުވާނުން ގައުމުގެ އިސް ސަފުގައި ގައުމުގެ ކަންކަން ހަމަ މަގަށް އަޅުވަން މިންނެތް މަސައްކަތް ކުރުމުންނެވެ. ބަލާލި ކޮންމެ ދިމާލަކުން ޒުވާނުން އެ މީހުންގެ ޖޯޝުން ހިތްވަރު ނެރިގެން އެތައް މަސައްކަތެއްކޮށްފައިވާތީ އެވެ. މި މަންޒަރު މިއަދު ފެނިގެންދަނީ، ވަރަށް މަދުންނެވެ. އަތުގެ އިނގިލިތަކުން ގުނާލެވޭހާ ވަރަށް ހަރުދަނާ ޒުވާނުން މަދޭ ބުނުމަކީ، ދޮގަކަށް ނުވާނެ އެވެ. 

ޒުވާން މަސްވެރިޔާ އާއި، ޒުވާން ދަނޑުވެރިޔާ އާއި، ޒުވާން އިންޖީނިއަރު މިއަދު ގައުމުގައި އެބަތިއްބެވެ. ހަމަ އެ ގޮތަށް މިއަދު ޒުވާން ކުށްވެރިޔާ ނުވަތަ ޒުވާން ކުށްވެރިން މި ކުޑަކުޑަ ގައުމުގެ ތެރޭ މިވަނީ ގިނަވަގެން ގޮސްފަ އެވެ. ހަމަ ޔަގީނުން ވެސް މީގެ ފަހަތުގައި އެތައް ކަމެއް، އެތައް ސަބަބުތަކެއް ވާނެ އެވެ. އެއް ބަޔަކު ޒުވާނުން އެމީހުން ކުރަން ބޭނުންވާ ކަންކަން ކުރުމަށް، ވައްކަން ކުރުމަށް ހިތްވަރު ދެމުން ދާއިރު، އަނެއް ބަޔަކު ޒުވާނުން ހަލާކުގެ ތެރެއަށް ވައްޓާލަމުންދާއިރު ވެސް، ކަހާތަން ހިރުވާނުލާ ތިބި ކަހަލަ އެވެ. ވާނެ އެއްޗެއް ވާން ދޫކޮށްލައިގެން ތިބީ އެވެ. 

މަދަރުސީ ތައުލީމުން ފެށިގެން އަބަދު ވެސް އަޑުއިވެމުން ދިޔައީ، ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލު ކަމަށެވެ. ޒުވާނުންގެ ބޭނުން ގައުމަށް އޮތް ކަމަށެވެ. ޒުވާނުންގެ ހިއްސާ ނެތި ތަރައްގީ ނުގެނެވޭނެ ކަމަށެވެ. އެހެން ނަމަވެސް ކަން ހިނގަމުން ދަނީ މި އުސޫލަކުން ނޫނެވެ. މިއަދު ޒުވާނުން ތިބީ ބާކީ ވެފަ އެވެ. ނުވަތަ ކުރެވުނު ކަމެއްގެ ސަބަބުން މުޖްތަމައުން އެކަހެރިވެފަ އެވެ. ޖަލުގައި ތިބި ގައިދީންގެ ތެރޭގައި ގިނައީ، ހަމަ ޒުވާނުންނެވެ. 

ޒުވާނުން ކުރިއެރުވުމަށް ސަރުކާރުތަކުން މަސައްކަތް ކުރަމުން ދާ ވާހަކަ އަކީ އާ ވާހަކަ އެއް ނޫނެވެ. ޒުވާނުންނަށް ހާއްސަކޮށް ތަމްރީން ޕްރޮގްރާމުތައް ހިންގާ ކަމާއި، އެކި އެކި ހަރަކާތްތައް ޒުވާނުންނަށް ހިންގަމުން ދެ އެވެ. އެހެން ނަމަވެސް އޭގެން ވެސް އެދެވޭ ބަދަލެއް ފެނިފައި ނުވެ އެވެ. އެދެވޭ ބަދަލެއް ފެނުނު ނަމަ މިއަދު ކުށުގެ ވެށީގައި ޒުވާނުންގެ ނިސްބަތް އެވަރު ނުވާނެ އެވެ. ޒުވާނުން މިއަދު އެހެން ނޫން ނަމަ ތިބޭނީ، ހަރުދަނާ މީހުންގެ ގޮތުގަ އެވެ. ތަނަވަސް އަދި އުޖާލާ ދިރިއުޅުމެއްގެ ތެރޭގަ އެވެ. 

ޒުވާނުންނަށް މިއަދު އެންމެ މުހިއްމު އެއް ކަމަކީ، ކުށަށް އަރައިގަންނެވޭ ސަބަބުތައް ނައްތާލުމެވެ. ހަލާލު މަސައްކަތެއްކޮށްގެން ރަނގަޅު އާމްދަނީއެއް ލިބޭނެ ވަޒީފާ އެކެވެ. ސަރުކާރުން ޒުވާނުންނަށް ވިޔަފާރި ފެށުމަށް ލޯނުތައް ދޭ އިރު، މި ލޯނު ވެސް ލިބެނީ، ވަކި ބަޔަކަށް ކަމަށް ބުނެ ކުރާ ޝަކުވާ މަދެއް ނޫނެވެ. މި ފުރުސަތު ވެސް އޮތީ، ބަޔަކު ފޮނުވާ ލިސްޓެއްގެ ތަރުތީބުން ކަމަށް އެތައް ޒުވާނުންނެއް ދަނީ ބުނަމުންނެވެ. 

ޒުވާން ޖީލެއް ނެތި ހަލާކުވަމުން ދާއިރު، މިކަމާ މެދު ކަންބޮޑުވާ ބަޔަކު ތިބިހެން ހީނުވެ އެވެ. އެހެން ބުނަން މިޖެހެނީ މަގުމަތީގެ ކަންކަންމަތީގައި ގިނަވެފައި ތިބި ޒުވާނުންގެ އަދަދު ގިނަ ކަމުންނެވެ. ޒުވާނަކަށް ވެހުރެ މި ވާހަކަ ދެއްކުމަކީ ވެސް ލަދުވެތި ކަމެކެވެ. އެހެން ނަމަވެސް މިއަދުގެ ހަގީގަތަކީ މިއީ އެވެ. 

ގޭތެރެއިން ދެވޭ ތަރުބިއްޔަތުން ފެށިގެން، މަދަރުސާއިން ދެވޭ ތައުލީމު ވެސް މުހިއްމެވެ. ހެވާއި ނުބާ ވަކިކޮށްދޭން ޖެހެ އެވެ. ތިމާގެ ދަރި ކަމެއް ކުރުމުން އެކަން "އޯކޭ" ނުކޮށް އެކަން ރަނގަޅު ކުރުމަށް އެ ކުއްޖާއަށް ބުނެދޭން ޖެހެ އެވެ. މިއަދު އަޑުއިވެމުން ދަނީ، ޒުވާނުންގެ ކުއްލި މަރުތަކުގެ ވާހަކަ އެވެ. ޒުވާން އުމުރުގައި ހިތް ހުއްޓި ދުނިޔެ ދޫކޮށް ދާ ވާހަކަ އެވެ. މިއަދު ޒުވާނުންގެ ހަށިގަނޑުގައި ލޭގެ ބަދަލުގައި ގިނައީ، އެނާޖީ ޑްރިންކް ތަކެވެ. މިއީވެސް އެ ޒުވާނުންނަށް ދޭންޖެހޭ ތަރުބިއްޔަތާއި ތައުލީމު ރަނގަޅު ގޮތުގައި ދެވުނު ނަމަ މަދުވެދާނެ ކަންކަ މެވެ. 

މިއަދު ބޮޑެތި ވަމުން އަންނަ ކުދިން އެތައް ފާހިޝް ކަމެއްގެ ތެރެއަށް ވަދެ ހަލާކުވަމުން ދާއިރު، އެކަށީގެންވާ މިންވަރަށް އަޅާ ނުލާ ތިބުމަކީ، ހިތާމަ ހުރި ކަންކަމެވެ. އެއްޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުން ކުރުމަކީ، މައްސަލައެއް ނޫން ކަމަށް ހަދައިގެން ތިބެ، ތިމާގެ ދަރި ދޮންފުތު ނުކުރާށެވެ. 

ކޮންމެއަކަސް ޒުވާނުންގެ ދުވަހެއް މިއަދު ފާހަގަ ކުރަމުން ދާއިރު، މިއީ ވިސްނާލުން މުހިއްމު ކަންކަމެވެ. އަދި ވެސް ޒުވާނުންގެ މި ޖީލު ސަލާމަތުގެ އައްސޭރިއަށް ގެންދެވިދާނެ އެވެ. ޒުވާނުން މަސްތުގެ ވަބާއިން ސަލާމަތް ކޮށް އެ ޒުވާނުންނަކީ ވެސް މުޖްތަމައުއަށް ފައިދާ ހުރި ބަޔަކަށް ހެދި ދާނެ އެވެ. ކުށުގެ ވެށިން ޒުވާނުން ނެރެ ހަރުދަނާ ފައިދާ ހުރި ބަޔަކަށް ހެދި ދާނެ އެވެ.

އެ މަަގަށް ސިޔާސަތުތަކާއި މަސައްކަތްތައް މިސްރާބުނުކޮށްފިނަމަ ކުރިއަށް އަންނަން އޮތް، ޒުވާން ޖީލުތައް ވެސް ހަލާކުވެ ގެއްލި ދާނެ އެވެ. އެހެން އެކަން ވެއްޖެ ނަމަ ގައުމު އަނދަވަޅަކަށް ވެއްޓި ދާނެ އެވެ. މިއީ މިއަދު ޒުވާނުންގެ ދުވަސް ފާހަގަ ކުރަމުން ދާއިރު، އެ އަނދަވަޅުން ޒުވާނުން ސަލާމަތް ކުރުމަށް އެދި ޒުވާނުން ކުރަމުން ދަނީ އާދޭހެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް