
ޒުވާނުންގެ ދުވަހާއި ގުޅިގެން މިނިސްޓަރު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކާއި، 15000 ދަރިވަރުންނަަށް ހިލޭ ޑިގްރީ ޕްރިގްރާމްތައްވެސް މިހާތަނަށް ސަރުކާރުން ފޯރުކޮށްދީފައިވާ ކަމަށެވެ.
މީގެ އިތުރުން، 474 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނު ފަދަ އެތަށްކަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހާސިލްކޮށްދީފައިވާކަމީ ގައުމީ ޒުވަަނުންގެ ދުވަސް ފާހަގަކުރާއިރު އޮތް ހިތްހަމަޖެހުމެެއް ކަމަށް ވިދާޅުވި އެވެ.
މީހުން ބިނާކުރުމަށް ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް ޔޫތު މިނިސްޓްރީ އާއި، އާރުޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. މި ޕްރޮގްރާމަކީ 3000 ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތައް ގުޅިގެން ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ.
ހިލޭ ޑިގްރީ ސްކީމަކީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަސްތެރޭގައި ފެށި ސްކީމެކެވެ. މިއީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސަރުކާރުން ހަރަދުކުރާ ގޮތަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދޭން ހިންގާ ސްކީމުގެ ދަށުން މިދިޔަ އޮގަސްޓު މަހުގެ ނިޔަަލަށް 15،000 ދަރިވަރުންނަށް އެ ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށް ސަރުކާރުން ބުންޏެވެ.