
މިއީ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލައެކެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވީ ފަނޑިޔާރު އަދި ޖޭއެސްސީ ހާޒިރުކުރުމަށެވެ. ނަމަވެސް އެ ހުށަހެޅުމަށް ވޯޓު ދެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެކަންޏެވެ. ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ޖޭއެސްސީން ނިންމާފައިވާ ނިންމުމުގެ މައުލޫއާ މެދު ގޮތެއް ނިންމުމުގެ ބާރެއް އެ ކޮމިޓީއަށް ނެތްއިރު، އިޖުރާއީ މައްސަލައެއް ވެސް ފާހަގަ ނުކުރެވޭ ކަމަށެވެ.
އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވިދާޅުވީ އިޖުރާއީ ގިނަ މައްސަލަތަކެއް ހުރި ކަމަށް ފަނޑިޔާރުން ވިދާޅުވަމުން ގެންދަވާތީ، އެ ބޭފުޅުން ހާޒިރުކޮށް ކަންބޮޑުވުންތައް އަޑުއެހުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ދެ ފަނޑިޔާރުން ވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ކަންބޮޑުވުންތައް ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ކޮމިޓީ އަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިފައެވެ.