
ކޮންޒަވޭޓިވް ޕާޓީގެ މެމްބަޝިޕްގައި ވޯޓުގައި ބައިވެރިވުމަށް ބޭނުންވާ އެންމެ މަދު އަދަދަކީ 100 މެމްބަރުންގެ ތާއީދެވެ.
އެ އަދަދު ހޯއްދަވާފައިވާ ކަމަށް ޖޯންސަން ވިދާޅުވި ނަމަވެސް، ޖޯންސަން ވިދާޅުވީ ޕާޓީގެ ލީޑަރު ކަމަށް ވާދަ ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި ޕާލަމެންޓުގައި އެއްބައިވަންތަ ޕާޓީއެއް އޮވެގެން ނޫނީ ހަރުދަނާ ގޮތެއްގައި ވެރިކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ ޖޯންސަން ވަނީ ވާދަ ނުކުރައްވަން ނިންމަވާފައެވެ.
ޖޯންސަން މިކަން ހާމަކުރައްވާފައި މިވަނީ އިނގިރޭސިވިލާތުގެ ކުރީގެ ފިނޭންސް މިނިސްޓަރު ރިޝީ ސުނާކް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމުގެ ރޭހަށް ރަސްމީކޮށް ނުކުމެވަޑައިގަތުމާ ގުޅިގެންނެވެ.
ސުނާކް ވަނީ ވާދަކުރުމަށް ބޭނުންވާ 100 މެންބަރުންގެ ތާއީދު މިހާރުވެސް ހޯއްދަވާފައެވެ. ޖޯންސަން އިސްތިއުފާ ދެއްވުމާ ގުޅިގެން، ސުނާކް ލީޑަރަކަށް ވެވަޑައިގަންނަވަން މަސައްކަތް ކުރެއްވި ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު މަގާމުން އިސްތިއުފާ ދެއްވި ލިޒް ޓްރަސް އަތުން ވަނީ ބަލިވެފަ އެވެ.
މި ދެ ބޭފުޅުންގެ މެދުގައި އުފެދުނު ހަމަނުޖެހުންތަކުގެ އަސްލަކީ ސުނާކްގެ އިސްތިއުފާ ދެއްވުން ކަމަށް ޖޯންސަންގެ ސަޕޯޓަރުން ދެކެއެވެ. އަދި ޖޯންސަންގެ ވެރިކަން ވެއްޓުމަށް މެދުވެރިވި ސަބަބަކީ ވެސް އެއީކަމަށް ދެކެއެވެ.
ޖޯންސަން އާއި ޓްރަސްގެ އިސްތިއުފާއާ ގުޅިގެން 12 އަހަރު ވަންދެން ވެރިކަމުގައި އޮތް ކޮންޒަވޭޓިވް ޕާޓީތެރެ މިހާރު ވަނީ ހަލަބޮލިވެފަ އެވެ.