ads
އޭޖީ އިބްރާހީމް ރިފްއަތު
ޗާގޯސް މައްސަލާގައި އަސްލު ވެގެން އުޅެނީ ކިހިނެތް؟
ޗާގޮސްގެ ސިޔާދަތާ ގުޅޭ މައްސަލައަކީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެފެދިފައިވާ، އެހެން ނަމަވެސް ހައްލުކުރެވިފައިނުވާ މައްސަލައެކެވެ.

މީގެ ތިން އަހަރު ކުރިން 23 އޮގަސްޓު 2019 ގައި މޮރިޝަސްގެ ފަރާތުން، ދިވެހިރާއްޖެ އާއި ޗާގޮސް އާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ދަށުން މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އެ މައްސަލައިގައި، މޮރިޝަސް އިން ހުށަހެޅި މައްސަލަ ބަލައި ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިހްތިސާސް ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް އިޖުރާއީ ގޮތުން ރާއްޖެއިން ފާހަގަ ކުރި ނަމަވެސް ޓްރައިބިއުނަލުން 28 ޖަނަވަރީ 2021 ގައި ނިންމާފައިވަނީ މައްސަލަ ބެލުމަށެވެ.

ޓްރައިބިއުނަލްގެ އެ ނިންމެވުމާ ގުޅިގެން ދެން ކުރިއަށް ދިޔައީ ދެ ގައުމުން ލިޔުމުން ޖަވާބުދާރީވުމުގެ މަރުހަލާއެވެ. މި މައްސަލާގައި ދިވެހިރާއްޖޭގެ ފަރާތުން ލިޔުމުން ޖަވާބު ހުށަހަޅާފައިވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް، ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމަށް އިސްކަންދީގެންނެވެ.

މި މައްސަލައަކީ ރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމު މައްސަލައަކަށްވުމުން ރާއްޖެ ތަމްސީލު ކުރުމަށްޓަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާހުރި ބައިނަލްއަގްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ހަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް އައްޔަނުކުރެވުނެވެ. މި މައްސަލާގައި ކަމާބެހޭ މުއާހަދާތަކާއި ގާނޫނީ އުސޫލުތަކާއި ނިންމުންތަކުގައިވާ ގޮތުގެ މަތިން ޓްރައިބިއުނަލްގައި ރާއްޖޭގެ މަސްލަހަތުތައް އެންމެ ފުރިހަމައަށް ވާނީ ދިފާއުކޮށްފައި ކަމަށް އޭޖީ އިބްރާހީމް ރިފްއަތު ވިދާޅުވިއެވެ.

ރާއްޖޭގެ ދިފާއު ބިނާކޮށްފައިވަނީ ކޮން ކަމަކަށް؟ 

މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރު ނުވަތަ ގައި ފެންނަން އޮތް ބްލެންހެމް ރީފުން ފެށިގެން ކަމުގައި ބަޔާންކޮށްފައިވީނަމަވެސް، ބައިނަލްއަގްވާމީ ކޯޓުތަކުން މިފަދަ މައްސަލަތަކުގައި މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތްކޮށް އެއީ ބޭސް ޕޮއިންޓްއެއް ކަމަށް ނުބަލައި އެ ސަރަހައްދު ބައިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކޮށް ކާމިޔާބުވެއްޖެނަމަ ދިވެހިރާއްޖެއަށް 4,687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ލިބިގެންދާނެތީ، ސަރަހައްދު ބައިކުރަން މޮރިޝަސްއިން ހުށަހަޅާފައިވާ ގޮތަށް އިއުތިރާޒްކުރުން؛

ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަކީ އައުޓަރ ކޮންޓިނެންޓަލް ޝެލްފްގެ ލިމިޓް ކަނޑައެޅުމަށް ހާއްސަކޮށް އުފައްދާފައިވާ ކޮމިޝަންއެއް ކަމަށްވާތީއާއި މި މައްސަލަ މިހާރު ބަލަމުންދާ ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަކީ އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާގުޅޭ މައްސަލަތައް ބެލުމަށް ސައިންޓިފިކް އެކްސްޕަރޓުން ފަދަ ހާއްސަ ހަބީރުން ހިމެނޭގޮތަށް އެކުލަވާލެވިފައިވާ ޗެމްބަރެއްކަމުގައިނުވާތީ، ދިވެހިރާއްޖޭން 2010 ވަނަ އަހަރު ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް އެ ކޮމިޝަނުން އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާމެދު ގޮތެއް ކަނޑައެޅުމަކީ ދިވެހިރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވޭތީ، އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާ ގުޅޭ ގޮތުން މޮރިޝަސްއިން ހުށަހަޅާފައިވާ ހުށަހެޅުން ބެލުމުގެ އިހްތިސާސް ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަށް ލިބިފައިނުވާކަމަށް ހުށަހެޅުން؛

އަދި، އެ ބަޔާންކޮށްފައިވާ ގޮތަށް ދިވެހިރާއްޖެއިން ހުށަހަޅާ ހުށަހެޅުން ބަލައިނުގަނެ، އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާގުޅޭ މައްސަލަ ބެލޭނެ ކަމަށް ޓްރައިބިއުނަލުން ނިންމަވާ ހާލަތުގައިވެސް، އައުޓަ ކޮންޓިނެންޓަލް ޝެލްފް ކަނޑައެޅުމުގެ ގޮތުން ހުށަހަޅަންޖެހޭ ނެޗުރަލް ޕްރޮލޮނޭޝަން އާގުޅޭ ސައިންޓިފިކް އަދި ޓެކްނިކަލް ހެކިތައް މޮރިޝަސްއިން ހުށަހަޅާފައިނުވާތީ، މޮރިޝަސްއަށް އައުޓަރ ކޮންޓިނެންޓަލް ޝެލްފް ހައްގު ވެގެން ނުވާކަމަށް ބަޔާންކުރުން.

މިހާރު ހިނގަމުންދަނީ ކޮން ކަމެއް؟ 

މައްސަލައިގެ ލިޔުމުން ޖަވާބުދާރީވުމުގެ މަރުހަލާ ނިމުމުން، އާންމުކޮށް ހުޅުވާލައިގެން ބޭއްވޭ މި މައްސަލައިގެ އަޑުއެހުންތައް 17 އޮކްޓޫބަރު 2022 އިން ފެށިގެން 24 އޮކްޓޫބަރު 2022 އާ ހަމައަށް، ޓްރައިބިއުނަލްގައި ކުރިއަށް ދެއެވެ. އަދި 24 އޮކްޓޫބަރު 2022 ގައި މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށް ފަހު، މި މައްސަލަ ބައްލަވާ ޓްރައިބިއުނަލުގެ ސްޕެޝަލް ޗެމްބަރުގެ ފަރާތުން މައްސަލައާ ގުޅޭ އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގައި ގޮތެއް ކަނޑައެޅުމެވެ.

މި މައްސަލައިގައި، މިބާވަތުގެ އެހެން މައްސަލަތަކުގައިވެސް އާންމު އުސޫލުން ނިންމުންތައް ނިންމާ ހަމަތަކަށް ބަލާއިރު، މުއާހަދާގައި ބަޔާންކޮށްފައިވާ ބައިނަލް އަގްވާމީ ގާނޫނީ ހަމަތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ  ޓްރައިބިއުނަލުން ކަނޑައަޅާނެއެވެ. ބައިނަލްއަގްވާމީ އުސޫލުތަކަށް ރިއާޔަތް ކުރާއިރު، އާންމު އުސޫލެއްގެ ގޮތުން ދެ ގައުމުގެ މެދުގައި އޮންނަ ފުށުއަރާ ސަރަހައްދުގެ ބައި ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުސޫލުންނެވެ.

އޭގެ ނަތީޖާއަކަށްވާނީ، މުއާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަހައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތައް ލިބިގެން ދިއުމެވެ.

 ޗާގޮސް ޑީކޮލޮނައިޒޭޝަން ރިޒޮލިއުޝަނާ ގުޅިގެން އދ. ގައި ރާއްޖެއިން ވޯޓުދިނުން

ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން 2019 ގައި ނިންމާފައިވާ ނިންމުމުގައި، އިނގިރޭސިވިލާތުން އެ ތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭ ކަމަށް ނިންމާފައިވެއެވެ. އެ ނިންމުމާ ގުޅުވައިގެން އދ ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގެ މައްސަލަ އާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެކެވެ.

އދ ގެ ޖެނެރަލް އެސެބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ލުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުންއައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެއެވެ.

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ފެބްރުއަރީ 2019 ގައި ނެރުނު "އައި.ސީ.ޖޭ. އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965 " އަށް ބަލާއިރު، އެ އޮޕީނިއަންގައި އިނގިރޭސިވިލާތުން ޗާގޮސް އިސްތިއުމާރުކޮށްފައިވާ ކުރުމަށް ނިމުމަކަށް ގެނެސް އެތަން ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލުކުރަންޖެހޭކަމަށް ކަނޑައަޅުއްވާފައިވެއެވެ.

އައި.ސީ.ޖޭ. އޮޕީނިއަންއާ ގުޅިގެން، ހަ މަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި ޔޫއެން ޖެނެރަލް އެސެމްބްލީގެ ރިޒޮލިއުޝަނެއް ވެސް 22 މެއި 2019 ގައި ފާސްކޮށްފައިވެއެވެ.

އެ ރިޒޮލިއުޝަން ނެރެފައިވަނީ 116 ގައުމުގެ ތާއިދާއެކުގައިކަމާއި، އެ ރިޒޮލިއުޝަނާ އިދިކޮޅަށް ރާއްޖެއިން ވޯޓުލާފައިވަނީ، ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ދިވެހިރާއްޖެއިން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީ.އެލް.ސީ.އެސް.) އަށް 26 ޖުލައި 2010 ގައި ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އިއުތިރާޒުކޮށް، 24 މާޗް 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހަޅާފައިވާތީއެވެ.

އެހެންނަމަވެސް، ރާއްޖެއަކީ ޑީކޮލޮނައިޒޭޝަންއަށް އަބަދުވެސް ތާއީދުކުރާ ގައުމަކަށްވެފައި، މިހާރު މޮރިޝަސްއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުން އަންނައިރު، ދިވެހިރާއްޖެއިން ވެސް މޮރިޝަސްއާ އެއްކޮޅަށް މި އަހަރުގެ އދ.ގެ ޖެނެރަލް އެސެމްބްލީގައި ވޯޓުލާން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައިވާކަން، މިހާރު ޓްރައިބިއުނަލްގައި ހިނގަމުންދާ އަޑުއެހުމުގައި އެޓަނީ ޖެނެރަލް ފާހަގަކުރައްވާފައިވެއެވެ.

ޔޫއެން ޖެނެރަލް އެސެމްބްލީގައި ބަހުސްކުރެވޭ ވަކި ކަމެއްގައި ވަކި ގޮތަކަށް ވޯޓު ދިނުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅިފައިވާ، ކަމެކެވެ. އަދި ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (މ) އަށް ބަލާއިރު، ހާރިޖީ ސިޔާސަތު ކަނޑައެޅުމާއި، ހިންގުމާއި، އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި، ބޭރު ޤައުމުތަކާއި ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކާއެކު ގުޅުން ގާއިމުކޮށް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެކެވެ.

އަދި ޓްރައިބިއުނަލްގައި މިހާރު ކުރިޔަށްދާ، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭގޮތުން ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައަކީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމަންޖެހޭ، މުޅިން ތަފާތު މައްސަލައެއްކަމަށްވާއިރު، އައި.ސީ.ޖޭ. ގެ ނިންމުން ތަންފީޒުކޮށް ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާ ގަރާރަށް އދ.ގެ ޖެނެރަލް އެސެމްބްލީގައި ތާއީދުކޮށް ވޯޓު ލުމުގެ ސަބަބުން ޓްރައިބިއުނަލްގައި ކުރިޔަށްދާ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް އޭޖީ އޮފިހުން ބުނެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް