ads
ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން
ރާއްޖޭގެ އެއްވެސް ބައެއް ދޫކޮށްލަން ސަރުކާރަކުން ނޫޅޭ: ހިސާން
ސަރުކާރަކުން ރާއްޖެއިން ބައެއް ބޭރު ގައުމަކަށް ދޫކޮށްލުމަށް މަސައްކަތް ނުކުރާ ކަމަށާއި، އެފަދަ ވާހަކަތައް މަޖިލީހުގައި ބަޔަކު ދައްކަނީ ސިޔާސީ ބޭނުމަކަށްޓަކައި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ޗާގޯސް ރަށްތަކަކީ މޮރިޝަސްގެ ބައެއް ކަމަށް ނިންމުމުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭނެ ކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ.  

އެ މައްސަލަ މަޖިލީހުން ބަލައިގަނެ އެކަމާއި ގުޅިގެން ކުރިއަށް ދިޔަ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ހިސާން ވަނީ، ސަރުކާރުން ރާއްޖޭގެ އެއްވެސް ތަނެއް ވިއްކާލަން މަސައްކަތް ނުކުރާ ކަމަށާއި، އެފަދަ ވާހަކަތައް ދައްކަމުން ދަނީ ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެފަ އެވެ. 

ހިސާންގެ ވާހަކަފުޅުގައި ވިދާޅުވީ، އައިސީޖޭ އިން ނެރެފައިވާ އެޑްވައިޒަރީ ރޫލިން ގަބޫލުކޮށްގެން ރާއްޖެ އިން 200 މޭލު ދޫކޮށްލަން ޖެހޭ ކަމަށް ބުނެ ދައްކަމުން ދަނީ ސިޔާސީ ގޮތުން ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް އޮޅުވާލުމުގެ ބޭނުމުގައި ކަމަށާއި، އެފަދަ ކަމެއް ސަރުކާރުން ނުވެސް ކުރާނެ ކަމަށެވެ. 

"މިތަނުގައި މިދެކެވޭ ވާހަކައަކީ އައިސީޖޭގެ ރޫލިން އަޅުގަނޑުމެން ގަބޫލުކުރުމުން ރާއްޖޭގެ އީއީޒެޑުން 200 މޭލު ދޫކޮށްލަންޖެހެނީއޭ. މިއީ ގަސްތުގައި ސިޔާސީ ސަބަބުތަކަށްޓަކާ އޮޅުވާލަން މިތާ ހިންގާ ބަހުސެއް،" ހިސާން ވިދާޅުވި އެވެ.

އަދި ސަރުކާރުން މިހާރުވެސް،  ބޭރުގެ ފަންނީ މާހިރުންނާއި ގާނޫނީ ވަކީލުންނާއި އެކު އިޓްލޮސްގައި ވަކާލާތު ކުރަމުން ދަނީ، އެ ސަރަހައްދަކީ، ރާއްޖެއަށް ލިބެންޖެހޭ ތަނެއްގެ ގޮތުގައި، ކަމަށާއި، މިހާރުވެސް އެތަން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

މީގެ އިތުރުން ހިސާން ވިދާޅުވީ، މަޖިލީހުގެ މެމްބަރުން މިހާރަށް ވުރެ ބޮޑަށް ޒިންމާދާރުވާން ޖެހޭ ކަމަށާއި، މަޖިލީހަށް އައިސް ތިބެ އެހެން ގައުމެއްގެ ބަޔަކީ ރާއްޖޭގެ ބައެއް ކަމަށްބުނެ ވާހަކަ ނުދެއްކޭނެ ކަމަށެވެ. 

މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލައިގެ އަޑުއެހުމުގައި މިދިޔަ ބުރާސްފަތި ދުވަހު ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވަނީ، ރާއްޖޭގެ ސްޓޭންޑް ބަދަލުވެ، މޮރިޝަސްއާ އެއްކޮޅަށް އދ.ގައި ވޯޓު ދޭނެކަން ހާމަކުރައްވާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް