
ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް ލިޒް ޓްރަސްގެ ބަދަލުގައި ވާދަކުރައްވައި، ބޮރިސް ޖޯންސަން އާއި ޕެނީ މޯޑަންޓް ރޭހުން ވަކިވުމާ ގުޅިގެން ސުނާކް އިނގިރޭސި ވިލާތުގެ އެންމެއިސް މަގާމާ މިއަދު ހަވާލުވެ ވަޑައިގަންނަވާނެއެވެ.
ދޮޅު މަހެއްހާ ދުވަހަށްފަހު ޓްރަސް ވަކިވީ އޭނާގެ ސަޕޯޓް ގެއްލުމުންނެވެ.
ސުނާކްއަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުކަން ލިބުމުގެ އުއްމީދު އާވުމާއެކު އިންޑިޔާގެ ގިނަ ނޫސްތަކުގެ ފުރަތަމަ ސަފްހާގައި ސުނާކްގެ ޚަބަރުތައް ވަނީ ގެނެސްދޭން ފަށާފައެވެ.
އިންޑިއާގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ސުނާކް މިއަހަރު ބޮޑުވަޒީރުކަމަށް ވަޑައިގަތުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށާއި އަދި އެކަން ޚާއްސަ ވެގެން ދަނީ ދާދި ފަހުން އިންޑިއާ، އިނގިރޭސި އިސްތިއުމާރީ ވެރިކަމުން މިނިވަންވިތާ 75 އަހަރު ފުރުން ފާހަގަކޮށްފައިވާތީ ކަމަށެވެ.
1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއަށް ނިސްބަތްވާ މީހުން ގައުމުން ބޭރުގައި ރަނގަޅު ކާމިޔާބީއެއް ހޯދައިފި ނަމަ އިންޑިއާ މީހުން ފަޚުރުވެރިވެ އެވެ.
އެގޮތުން އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް، މައިކްރޮސޮފްޓްގެ ސީއީއޯ ސަތިޔާ ނަޑެއްލާ އަދި އަލްފަބެޓްގެ ސީއީއޯ ސުންދަރު ޕިޗާއީ ފަދަ ޝަޚްސިއްޔަތުތަކަށް އަބަދުވެސް ޤަދަރު ކުރެއެވެ.