ads
ރައީސް މައުމޫން——
ސައްތައިންސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ރާއްޖެ ލަހައްޓަވާށި: ރައީސް މައުމޫން
މިއަދު ފާހަގަކުރާ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ތަހުނިޔާ ފޮނުވާފައެވެ.

މި ކުރު ތަހުނިޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ، މި ގައުމު މުސްލިމު ގައުމެއްގެ ގޮތުގައި ތާއަަބަދު ލެހެއްޓެވުމަށް އެދި ދުއާކުރައްވާފަ އެވެ. 

”ހިޖުރީގޮތުންމީގެ 896 އަހަރުކުރިން  ރާއްޖެއިސްލާމްވި ތާރީހީ ދުވަހުގެ މުނާސަބަތުގައި  ލޮބުވެތި މުސްލިމް ދިވެހި ރައްޔިތުންނަށް  ތަހުނިޔާދަންނަވައި މުބާރަކުބާދީ އަދާކުރަން. މާތް ﷲ ދިވެހިރާއްޖެ ސައްތައިންސައްތަ  މުސްލިމްގައުމެއްގެ ގޮތުގައި އަބަދުމެ ލަހައްޓަވާށި!“ ރައީސް މައުމޫންގެ ތަހުނިޔާ މެސެޖުގައި ވެއެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ވަނީ ހާއްސަ ޖަލްސާއެއް ބާއްވާފަ އެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ، އިސްލާމްދީން ގެނެސްދިން ރިވެތި ސިފަތަކާއި ހަމަތަކުގެ މަތީގައި ސާބިތުވެ ތިބުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާފަ އެވެ. 

އަދި އިސްލާމް ދީނަކީ ސުލްހަޔާއި ހަމަޖެހުމާއި އެކުވެރިކަމުގެ ދީންކަން ފާހަގަކުރައްވައި އެސިފަތައް މުޖްތަމައުގައި ދެމެހެއްޓުމަށްޓަކައި ކޮންމެ ކަމެއްގައި ވެސް ތެދު ބަހުން ވާހަކަ ދެއްކުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ރަބީއުލްއާހިރު މަހުގެ 2ވަނަ ދުވަސް ފާހަގަކުރެވެނީ ރާއްޖެ އިސްލާމް ވީ ދުވަހުގެ ގޮތުގައެވެ. މި ދުވަސް މިގޮތަށް ފާހަގަކުރެވެނީ އެއިރު ރަސްކަމުގައި ހުންނެވި ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުން އިސްލާމްދީން ގަބޫލުފުޅު ކުރައްވައި، ދިވެހިރާއްޖޭގެ ރައްޔިތުން އެ ދީނަށް އެނބުރުމަށް 548ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގެ ކުރީކޮޅުގެ އަމުރުކުރެއްވުމުންނެވެ.

ހަސަން ތާޖުއްދީނުގެ ތާރީހުގައި ލިޔުއްވައިފައިވާ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރީ ސަނަތުން 548ވަނަ އަހަރު  ރަބީއުލްއާހިރު މަހުގެ ދެވަނަ ދުވަހެވެ. އެއީ މީލާދީ ސަނަތުން 1153ވަނަ އަހަރެވެ. ރާއްޖޭގައި ރަސްމީ ގޮތުން މި ދުވަސް ފާހަގަކުރަނީ ތާޖުއްދީނު ލިޔުއްވައިފައިވާ ގޮތަށް ރަބީއުލްއާހިރު މަހުގެ ދެވަނަ ދުވަހުއެވެ.

ރާއްޖެ އިސްލާމްވީ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1374ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގެ 2ވަނަ ދުވަހުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް