ads
ނ. މަނަދޫގައި އޮތް ޖަލްސާގައި ރައީސް ޔާމީން ވާހަކަދައްކަވަނީ
”ކޯލިޝަން ހަދާފާނަން، އެކަމަކު ދެން ކައުންސިލް ގޮޑިއެއްވިޔަސް އެހެން ޕާޓީއަކަށް ނުދޭނަން“
އެމްޑީޕީއަށް މަޖިލީހުން މެޖޯރިޓީ ލިބުނީވެސް ގަން ޕޮއިންޓުގައި ވެވުނު އެއްބަސްވުމަކުން
އަންނަ ރިޔާސީ އިންތިހާބުގަައި އެހެން ޕާޓީއަކާއިއެކު ކޯލިޝަނަކަށް ދިޔަނަމަވެސް، އެ ޕާޓީތަކާއިއެކު ދާއިރާތައް ބައިއެޅުން ދެން ނޯންނާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ޔާމީން މިހެން ވިދާޅުވީ، ނ. އަތޮޅުގެ ހަ ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ވެރިކަންކުރާ ރަށް މަނަދޫގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

އެމަނިކުފާނު ވިދާޅުވީ، ނ. އަތޮޅު އެމަނިކުފާނުގެ ދައުރުގައިވެސް އޮތީ ވަރަށް ބޮޑަށް އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލެވިފައި ކަމަށެވެ. 

އެކަން އެގޮތަށް ކުރެވުނީ، “”ގަން ޕޮއިންޓުގައި ޖޭޕީ އާއި އެމްޑީއޭ އާއި އެކީ ހެދުނު އެއްބަސްވުމެއްގެ ސަބަބުން” ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ، އެމްޑީއޭއަށް ނ. އަދި ދ. އަތޮޅު ދޫކޮށްލުމުން އުޅުނީ އަމިއްލަ ޕާޓީ ކުރިއެރުވުމަށް ކަމަށާއި އާހިރުގައި ގޮޑިއެއްވެސް ނުލިބުނީ ކަމަށެވެ.

” އަޅުގަނޑުމެން ކަށަވަރުކޮށް އަރުވަން ރިޔާސީ އިންތިހާބުގައި އެ ނޫންގޮތެއް ނެތިގެން އެކި ފަރާތްތަކާއި އިއްތިހާދުވެ ކޯލިޝަން ހެދިކަމުގައި ވީނަމަވެސް ދެން އިރާދަކުރެއްވިއްޔާ އެއްވެސް އަތޮޅެއް އެއްވެސް ދާއިރާއެއް ހާއްސަކޮށް ނ. އަތޮޅެއް، ދ. އަތޮޅެއް އެއްވެސް ބަޔަކަށް ދުލެއް ނުކޮށްލާނަން. އެމްޑީއޭ އަކަށް ދުލެއް ނުކޮށްލާނަން. އިއްތިހާދުވެގެން ބަޔަކާއިއެކު މަސައްކަތް ކުރަން ލިބުނުކަމަށް ވިޔަސް ކައުންސިލް އިންތިހާބުގެ ގޮނޑިއެއް ވިޔަސް ދުލެއް ނުކޮށްލާނަން. މަޖިލީހުގެ ގޮނޑިއަކީ އަދި މާ ސީނިއަރު މަގާމެއް. އެކަމަކު މަޖިލީހުގެ ގޮނޑިއެއް ވެސް އަޅުގަނޑުމެން ދެން އިއްތިހާދުގެ ޕާޓީއަކަށް ދުލެއް ނުކޮށްލާނަން،“ ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޖޭޕީއޭ އާއިއެކު ހެދުނު އެއްބަސްވުމުގެ ނަތީޖާއަކަށް ވެސްވީ މަޖިލީހުން އެމްޑީޕީއަށް މެޖޯރިޓީ ލިބިގެން ދިއުން ކަމަށާއި، އެކަން ކުރެވުނީވެސް ޖޭޕީން ދެއްކި އެތައް ވާހަކަތަކަކާއި ދިން ޔަގީންކަމެއްގެ ސަބަބުން މަޖިލީހުގެ އިންތިހާބުގައި ދާއިރާތަކެއް އެޕާޓީއަށް ދޫކޮށްލުމަށް އެއްބަސް ވެވުމުން ކަމަށެވެ. ނަމަވެސް ފަހުވަގުތުގައި ޖޭޕީގެ ލީޑަރާއި އެބޭފުޅާއާއިއެކު އިސްކޮށް ތިއްބެވި ބޭފުޅުން ޕީޕީއެމް އަށް ވަރަށް ބޮޑެތި މަކަރުތަކެެއް ހައްދަވައިގެން އޮޅުވާލެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

”އޭގެ ހިތި އަޅުގަނޑުމެން ތަހަންމަލު ކުރަމުން މިދަނީ. މިއަދު އެމްޑީޕީއަށް [މަޖިލީހުން] ލިބިގެން ތިއުޅޭ ބޮޑު މެޖޯރަޓީއަކީ، ހަމަ ކަނޑައެޅިގެން ޖުމްހޫރީ ޕާޓީން ގާސިމް އިބްރާހިމް އާއި އެބޭފުޅާއާއިއެކު އިސްކޮށް ތިއްބެވި ބޭފުޅުން އަޅުގަނޑުމެނަށް ވަރަށް ބޮޑަށް މަކަރުތަކެެއް ހައްދަވައިގެން އަޅުގަނޑުމެނާއިއެކު ސިޔާސީ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެގެން އެތައް ވާހަކައެއް ދައްކަވައިގެން އަޅުގަނޑުމެނަށް ކަށަވަރުވެގެން ދާއިރާތަކެއް އަޅުގަނޑުމެން ދޫކޮށްލީ،“ ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، އެ ދާއިރާތައް ޕީޕީއެމްއިން ދޫކޮށްލުމުން ޖޭޕީއަށް އެ ދާއިރާތަކުގެ ގޮނޑި ކާމިޔާބު ނުކުރެވުނު ކަމަށާއި، އެގޮނޑިތައް ރައްޔިތުން ދިނީ އެމްޑީޕީއަށް ކަމަށެވެ. 

އެދުވަހު އެދާއިރާތައް ޕީޕީއެމްއިން ދޫކޮށްނުލިނަމަ އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް މިއަދު މަޖިލީހުގައި ނޯންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. ހަގީގަތުގައި ޖޭޕީއަށް ގޮނޑިތައް ނުލިބުނު ސަބަބަކީ ޖޭޕީއަކީ އޭރުވެސް އަދި މިހާރުވެސް އެއްވެސްކޮޅެއްގައި ޖެހޭ ޕާޓީއަކަށް ނުވުމާއި، ރާއްޖޭގައި އޮތް ސިޔާސީ ފިކުރަކީ އެމްޑީޕީ އަދި ޕީޕީއެމް ކަމަށް ވުމުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

މިއަދު ރާއްޖެ ތަހަންމަލުކުރާ ހަގީގީ ހިތްދަތިކަމުގެ ސިއްރަކީވެސް އެދުވަހު ގަން ޕޮއިންޓުގަައި ތިބެ އަތޮޅުތަކާއި ދާއިރާތައް ކޯލިޝަންތެރޭ އޮތް ޕާޓީއަކަށް ދޫކޮށްލެވުމުގެ ނަތީޖާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެެވެ. އަދި ދެން އިއްތިހާދުގެ އެއްބަސްވުމުގައި ބައި އަޅައި، ދޫކުރުމުގެ އުސޫލު ނުގެންގުޅޭނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން ދެއްވި އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް