ads
މަރުވި އަބްދުﷲ ރަޝީދު
ފަަޅައި ކުދިކޮށްފައި ހަށިގަނޑު ބޭނުމެެއް ނޫން: ރަޝީދުގެ އާއިލާ
އޮޓޯޕްސީ ހަދާކަށް އާއިލާއިން ބޭނުމެއް ނުވޭ
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަފަހުން ކުއްލިއަކަށް މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްމޯޓަމް ހައްދަން ބޭނުންނުވާ ކަމަށާއި، އެކަން ކޮށްފިނަމަ ހަށިގަނޑާއި ހަވާލުނުވާނެ ކަމަށް އާއިލާއިން ބުނެފި އެވެ.

ފުލުހުން ބުނެފައިވާގޮތުގައި ރަޝީދު މަރުވީ، ގދ. ހޯޑެއްދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން ބަލައި ފާސްކޮށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފަހުން މެޔަށް ތަދެއް އަރައި ސިޒްއައެއް ޖެހުންފަދަ އަލާމާތްތަކެއް ފެނުނު ފަހުން ނެެވެ. އަދި އޭނާ އެއަތޮޅު މަޑަވެއްޔަަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

ނަމަވެސް އާއިލާއިން ތުހުމަތުކުރަނީ އޭނާއަކީ    ”ފުލުހުން މަރާލި މީހެއް“ ކަމަަށެވެ. އެގޮތުން މެޔަށް ތަދުވެގެން އެ ޝަކުވާކޮށް ޑޮކްޓަރަށް ގެންދިއުމަށް އާދޭސް ކުރުމުންވެސް އެކަން ކުރީ މަރުވިފަހުން ކަމަށް އާއިލާއިން ތުހުމަތުކުރެ އެވެ.

އަދި އޭނާއަށް ފުލުހުން އަނިޔާކުރި ކަމުގެ ތުހުމަތުވެސް ކުރާތީ އޭނާގެ މަރުގެ ހަގީގަތް ބެލުމަށް އޮޓޯޕްސީ ހެދުމަށް މިވަގުތު ބާއްވާފައި އޮތީ މޯޗަރީގައެވެ. 

އޭނާގެ ހަށިގަނޑު ބާއްވާފައި އޮތް ގަލޮޅު މޯޗަރީގެ ކުރިމަތީ އާއިލާއިން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އޮޓޯޕްސީ ހަދަން އާއިލާއިން ބޭނުން ނުވާ ކަމަށާއި، ނަމަވެސް ފުލުހުންނަށް ލިބިފައިވާ ގާނޫނީ ބާރުގެ ދަށުން އޭނާގެ އޮޓޯޕްސީ ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

”އެމީހުން އިންވެސްޓިގޭޓުކުރަން އެއުޅެނީ އަސްލު ފުލުހުންގެ ކަމެއް އޮތްތޯ މިމަރުގައި. އޮޓޯޕްސީ ހަދަންވެސް މިއުޅެނީ މިކަމަކާއި ހެދި. އެކަމަކު އެ އޮޓޯޕްސީން ނޭނގޭނެ ދޯ އެމީހުން ބަލައިގެން ތިބީކަމެއް އޭނާ މަރުވިއިރު. ބައްޕަ މަރުވެގެންދިޔައިރު އެމީހުން ބަލައިގެނޭ ތިބީ،“ ރަޝީދުގެ 18 އަހަރުގެ އަންހެން ދަރިފުޅު ބުންޏެވެ.

އަންހެން ދަރިފުޅު ބުނީ މާލެ ގެނައީ ބައްޕަގެ މޫނު ދައްކަން ކަމަށް ހީކުރިނަމަވެސް އަދިވެސް ބައްޕަ އޮތީ މޯޗަރީގައި ބާއްވާފައި ކަމަށާއި، މޫނު ވެސް ނުފެންނަ ކަމަށެވެ. 

ނޫސްވެރިންނާއި ވާހަކަދައްކަމުން ރަޝީދުގެ ބޭބެ އަހްމަދު ޝަރީފް ވެސް ބުނީ، އޮޓޯޕްސީ ހެދުމަށް އާއިލާއިން ބޭނުންނުވާއިރު އެކަން ކުރަން އުޅެނީ ކީއްވެގެންކަން ނުވިސްނޭ ކަމަށާއި، އޮޓޯޕްސީއަށްފަހު ރަޝީދުގެ ހަށިގަނޑު ބޭނުންނުވާ ކަމަށެވެ.

”ގެންގޮސް ފަޅައި ކުދިކޮށްފަކައެއް ބޭނުމެއްނޫނޭ މަސްގަނޑެއް. ފުރާނައެއް ނޭޅުވޭނެ އިމްރާނަކަށް. އެއީ ވާނެ ކަމެއް ނޫން،” ރަޝީދުގެ ބޭބެ ބުންޏެވެ.

އޭނާ ބުނީ ބޭނުންވަނީ ރީތިގޮތުގައި ހަށިގަނޑު ލިބި ޖަނާޒާގެ ކަންކަން ނިންމާލުމަށް ކަމަށާއި، މައްސަލައެއް ޖައްސައި ދައުވާކުރާކަށްވެސް ބޭނުން ނުވާ ކަމަށެވެ. 

ރަޝީދުގެ އަންހެން ކޮއްކޮ އަދި މަންމަ ބުނިިގޮތުގައި ރަޝީދުގެ މެޔަށް ތަދުވާތީ ޝަކުވާކުރަން ފެށީ އޭނާ ހައްޔަރުކޮށްގެން ފުލުހުން ލޯންޗަށް އެރުވުމުން ނެވެ. ހޮސްޕިޓަލަށް ގެންގޮސްދިނުމަށް ދެގަނޑިއިރު ވަންދެން އާދޭސް ކުރި އެވެ. ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންދެވުނީ އަގައިން ފޮނުނިކުމެ މަރުވިވެސް ފަހުން ކަމަށް އާއިލާއިން ބުނެ އެވެ. 

އާއިލާއިން ތުހުމަތުކުރަނީ އޭނާ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށެވެ.   

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް