އޭނާ މި ތުހުމަތުތައް ކުރެއްވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ޓެކްސް ނެގުމުގެ ބިލަށް މަޖިލީހުގެ ބައެއް މެމްބަރުން ފާޑުކިއުންތައް އަމާޒުކުރަމުންދާތީ އާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަންކަން ކުރަން ނޭނގޭކަަމަށް ވިދާޅުވާ ވިދާޅުވުންތަކަށް ރައްދުދެއްވައި ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނެވެ.
އޭނާ ވިދާޅުވީ އެވާހަކަ އެންމެ ބާރަށް ދައްކަވަނީ މެމްބަރު އިލިޔާސް ލަބީބް ކަމަށާއި، 2011 ވަނަ އަހަރު ރައީސް ނަޝީދުގެ ޒައާމަތުގެ ދަށުން އިލިޔާސް ލަބީބް އައްޑޫގެ ބޮޑު ފެނާއި ނަރުދަމާގެ މަޝްރޫއުއަށް ހެދިގޮތަކީވެސް ކަންކަން ކުރާ ނޭނގޭ ކަމުގެ ހެއްކެއް ކަމަށެވެ.
އެކަމުގެ މިސާލު ޖައްސަވަމުން މެމްބަރު ނާޝިޒް ވިދާޅުވީ، 2011 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ މެމްބަރު އިލިޔާސް ލަބީބްގެ މާލިމީކަމުގެ ދަށުން މުޅި އައްޑޫގައި ބައިނަލް އަގުވާމީ ފެންވަރުގެ ފުރިހަމަ ފެނާއި ނަރުދަމާއެއް ގާއިމުކޮށްފައި ކަމަށެވެ.
އެކަން އެގޮތަށް އޮއްވާ ނަޝީދުގެ ސަރުކާރުން ނިންމެވީ 15 މިލިއަން ޑޮލަރު ދިވެހި ދައުލަތުން އެ މަޝްރޫއުއަށް ހަރަދުކުރުމަށް ކަމަށް ނާޝިޒް ވިދާޅުވި އެވެ.
އެ މަޝްރޫއުގެ ދަށުން ކުރި ހަރަދު:
- މޮބިލައިޒްްކުރުމަށް 16 މިލިއަން ރުފިޔާ
- ފެނާއި ނަރުދަމާ ފެސިލިޓީ ޑިޒައިން ކުރުމަށް 3.1 މިލިއަން ޑޮލަރު
ނާޝިޒް ވިދާޅުވީ، އެންމެ ލަގްޒީ ރިސޯޓެއްގެ ކުރެހުންތައްވެސް ތައްޔާރުކުރުމަށް ފަސްލައްކަ ޑޮލަރުވެސް ހަރުދުނުވާނެ ކަމަށެވެ.
- ހިތަދޫގެ ފެނުގެ ހިދުމަތަށް 3.5 މިލިއަން ޑޮލަރު
- ހިތަދޫ ސީވޭޖް ގާއިމުކުރަން 4.9 މިލިއަން، ނާޝިޒް ވިދާޅުވީ، މިމަސަައްކަތުގެ ވެސް ނިމިފައި ހުރި މަސައްކަތައް ބަލާއިރު 2.5 މިލިއަންގެ ވެލިއުވެސް ނުހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ނާޝިޒް ވިދާޅުވީ، އައްޑޫ ސިޓީގެ ފެނާއި ނަރުދަމާގެ ކަންކަން ފުރިހަމަ ކުރުމަށް އިތުރަށް 402 މިލިއަން ޑޮލަރު ދެން އައި ސަރުކާރުތަކުން ވެސް ހަރަދު ކުރަންޖެހުނުކަމަށާއި، އެހެންކަމުން ރަނގަޅީވެސް އިލިޔާސް ލަބީބްމެން ކަންކުރެއްވި ގޮތަށް ކަންކަން ކަންކަން ކުރަން ނޭގުނިއްޔާ ކަމަށެވެ.
”އައްޑޫގެ މަޝްރޫއުތަކުން ފައިދާ ނެގީ އިލިޔާސް އާއި އިލިޔާސްގެ އާއިލާ“
ނާޝިޒް ވިދާޅުވީ އޭރު އެމަސައްކަތް ހަވާލުކުރެވުނު ސަދަން ޔުޓިލިޓީ ކުންފުންޏަކީ އިލިޔާސް ލަބީބްގެ އާއިލާއަށް ނިސްބަތްވާ ކުންފުންޏެއް ކަމަށާއި، އައްޑޫގައި އޭރު ހިންގި މަޝްރޫއުތަކުގެ އެންމެ ބޮޑު މަންފާއެއް ކުރީ އިލިޔާސް ލަބީބްގެ އާއިލީ ބޭފުޅުންނަށް ކަމަށެވެ.
”ނަޝީދުގެ ވެރިކަމުގައި އެއްވެސް ކަމެއް ޕްލޭންކުރި ގޮތަށް ނުކުރޭ“
ނަޝީދަށް ކުރެއްވި ތުހުމަތުތަކުގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ރަށްރަށް ލާޖައްސާފައި ދައުލަތުގެ ބަޖެޓުން ނުކުރެވޭ ބޮޑެތި ހަރަދުތައް ކުރުމެވެ.
އެގޮތުން ފެނާއި ނަރުދަމާ ގާއިމުކުރުމަށް ލާޖައްސާފައި ރަށްތައް ދޫކުރުމާއި، ބޯހިޔާވަހިކަން އަދި ދަތުރުފަތުރުގެ ނިޒާމް ގާއިމުކުރުމަށް ވެސް ރަށްތައް ދޫކުރަމުންދިޔަ ކަމަށް ނާޝިޒް ވިދާޅުވި އެވެ.
ނާޝިޒް ދެން ވެސް ވިދާޅުވީ، ރައީސް ސޯލިހަށް ކަންކަން ކުރައްވަން ނޭގޭ ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވާ ބޭފުޅުން ވިދާޅުވަނީ އެގޮތަށް ކަންކަން ކުރަން މި ސަރުކާރަށް ނޭނގޭ ވާހަކަ ކަމަށާއި، އޭނާ އަށްވެސް އަދި ރައްޔިތުންނަށްވެސް ރަނގަޅީ އެގޮތަށް ކަންކަން ކުރަން ނޭގުނިއްޔާ ކަމަށެވެ.