
މީގެ ކުރިން ސައުދީގައި ހަލޮވީން ޕާޓީއެއްގެ މާނައަކީ ހައްޔަރުކުރުމެވެ. މިހާރު ސަރުކާރުން ސްޕޮންސަ ކުރާ “ބިރުވެރި ހަފްތާ ބަންދެއް” ގެ މާނައަކީ ވިކި ހުސްވެފައިވާ ކޮސްޓިއުމް ފިހާރަތަކާއި، ބިރުވެރި ”ކްލޯންސް“ އެވެ.
ސަައުދީގެ ވެރިރަށް ރިޔާދުގައި ބޭއްވި ބޮޑު ހެލޮވީން ޕާޓީއަށް ހިލޭ ވަދެވޭގޮތަށް އޮތީ ހުޅުވާލާފައެވެ. ޝަރުތަކީ ބިރުވެރިކޮށް ހެދުން އަޅައިގެން ތިބުމެވެ.
ސައުދީގެ މަގުތަކުގަައި ނަސޯރާއިންގެ ހެލޮވީންގައި ބޭނުންކުރާ ބިރުވެރި ކޮސްޓިއުމުތައް ލައިގެން ތިބި މީހުން ދުވެ މަޖާކޮށް ހަދަމުންދިޔަ އެވެ.
ސައުދީ މަގެއްމަތީ ހެލޮވީން ކޮސްޓިއުމުގައި
ބައެއް ސަރަހައްދުތަކުން ފެންނަމުން ދިޔައީ ޖިންނީންގެ ބިރުވެރި މަހުލޫގުންތަކެއް މުޅި ސައުދީ ހިފާފައިވާ ކަހަލަ، ހަޑި، ބިރުވެރި މަންޒަރެކެވެ.
ކާރުގެ ކުޑަދޮރުން ބޭރަށް ލެނގިލައިގެންނާއި، ކެފޭތަކުގައި ތިބި ޖަނަވާރުތަކާއި ސިހުރުވެރިންނާއި ބޭންކް ފޭރޭ މީހުންނާއި، ގައިގާ ލޭ ކުލަ އުގުޅައިގެން މިނިކާ މީހުންގެ ކޮސްޓިއުމުގައި މުޅި ސައުދީގެ މާހައުލު އޮތީ ހަލަބޮލިވެފައެވެ.
ރިޔާދުގައި ބޭއްވި ހެލޮވީން ޕާޓީތެރެއިން
ނަމަވެސް މިމަންޒަރުތައް އިސްލާމީ ބައެއްް ގައުމުތަކުގެ މީހުންނަށްވީ ބިރުވެރި މަންޒަރަކަށެވެ. ސައުދީގެ އަރަބި ހެދުމާއިއެކު، އަޅައިގެންތިބި ޝައިތޯނުންގެ ބިރުވެރި މާސްކުތަކަށް ވުރެ، މާތްﷲ ގެ އަޒާބަށް ބިރުގަނެ ކަންބޮޑުވުން ފާޅުކުރަމުންދާ މީހުން ގިނަ އެވެ.
އެއްބަޔަކު ބުނަނީ އިސްލާމުދީން މެދުމިންކޮށް ހުރިހާ ދީންތަކަކަށް ޖާގަދިނުމުގެ ނަމުގައި ސައުދީގެ ސަރުކާރުން ފާހަގަކުރި މި ފެސްޓިވަލްއަކީ މުސްލިމު ހުރިހާ ގައުމުތަކަކަށް ހުރި ލަދެއް ކަމަށެވެ. އަނެއްބަޔަކު ބުނަނީ ”މިއީ ގިޔާމަތް ކައިރިވެެއްޖެ ކަމުގެ އަލާމާތެއް“ ކަމަށެވެ.
ސައުދީ މިހާބޮޑަށް ބަދަލުވެގެން މިދަނީ ކީއްވެ؟
ޕްރިންސް މުހައްމަދު 2016 ވަނަ އަހަރު އިއުލާން ކުރެއްވި އިކޮނޮމިކް ޑައިވަސިފިކޭޝަން ޕްލޭނެއްގައި ސައުދީ ކިންގްޑޮމް އިންވެސްޓްމަންޓް ޕަވަހައުސްއަކަށް އަދި ގްލޯބަލް ބިޒްނަސް ހަބަކަށް ބަދަލު ކުރުމަށް ގޮވާލެއްވި އެވެ.
އެޔާއެކު ދީނީ ކަންކަމުގައި މިނިވަންކަން ބޮޑުވެ، ސަައުދީގައި ކުރިން ދީނީގޮތުން މަނާކަންކަން ހުއްދަވެގެން ދިޔައެވެ. އަދި ފުލުހުންނަށް ހައްޔަރު ކުރުމުގެ ބާރު ގެއްލިގެން ދިޔައެވެ.
އުމުރުން 37 އަހަރުގެ ޕްރިންސް މުހައްމަދު ވަނީ ގައުމުގެ އިގްތިސޯދު ފުޅާކުރުމުގެ ނަމުގައި ތެލުގެ އިތުރުން އާ އިގްތިސާދީ ދާއިރާއެއްގެ ގޮތުގައި މުނިފޫހިފިލުވުމުގެ ގޮތްތައް ތަރައްގީ ކުރުމަށް ވެސް ބާރުއަޅަން ފަށާފަ އެވެ.
މި ބަދަލުތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް ފިލްމީ ސިނަމާތައް ހުޅުވި އެވެ. ސަރުކާރުން ސްޕޮންސަ ކުރި ސިލްސިލާ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބާއްވަމުންދެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ “ރިޔާދު ސީޒަން” އެވެ.
މި ސީޒަންގައި ފުރަތަމަ ފަހަރަށް މިފަހުން ސައުދީގައި ވަނީ ޑީޖޭ ޝޯތަކާއި ބޮޑު މިއުޒިކް ޝޯއެއް ވެސް ބާއްވާފައެވެ.
ސައުދީ އަރަބިއްޔާގެ 30 އަހަރުން ދަށުގެ 58 އިންސައްތަ މީހުންގެ ތެރެއިން ގިނަ މީހުން ބުނަނީ އެ ބަދަލު ގެނައުމުގެ ކުރިން އެމީހުން ތިބީ މުނިފޫހިފިލުވުމަށް ނުހަނު ބޮޑަށް ބޭނުންވެފައި ކަމަށެވެ. ނަމަވެސް މި ބަދަލުތަކުގެ ސަބަބުން ސައުދީގެ ބައެއް މީހުން ދަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުންތަކާއި ކަންބޮޑުވުންތައް ވެސް ފާޅުކުރަމުން ނެވެ.
ސައުދީގައި ހެލޮވީން ފާހަގަކުރިއިރު ދެކުނު ކޮރިއާގެ ވެރިރަށުގައި އޮތް ހެލޮވީން ފެސްޓިވަލުގައި ބައިވެރިވި މީހުންގެ ތެރެއިން 150 އަށްވުރެ ގިނަ މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމުވެފައެވެ.