
މި ގާނޫނަށް ގެނެވުނު މައިގަނޑު އިސްލާހަކީ މި ގާނޫނުގެ 34 ވަނަ މާއްދާގެ ފަހަތަށް އާންމު ބޭނުންތަކުގެ ހިދުމަތްތަކުން ބިލުކުރުމާގުޅޭ ގަވާއިދު ހެދުމާ ގުޅޭ މާއްދާއެއް އިތުރުކުރުމެވެ. މި މާއްދާގައި ވާގޮތުން އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެ ހިދުމަތްތަކާ ގުޅޭގޮތުން ބިލުކުރުމުގައި އަމަލުކުރަންވީ މައިގަނޑު އުސޫލުތައް ބަޔާންކުރާ ގަވާއިދެއް، އާންމު ބޭނުންތަކުގެ ހުދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ މަޝްވަރާއާއެކު، އޮތޯރިޓީން އެކުލަވާލާނެއެވެ.
އަދި، ބިލު ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ ކަނޑައެޅުމުގެ އުސޫލުތަކާއި، ބިލު ނުދެއްކުމުގެ ސަބަބުން ހިދުމަތް މެދުކަނޑާލަންޖެހޭ ހާލަތުތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ހާލަތުތަކުގައި ކޮންމެހެން އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން މީގެ ތެރޭގައި ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރެއްވުމާއި ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ.