ads
ހެލްތު މިނިސްޓަރު ނަސީމް
ނަފްސާނީ ބަލިތައް ބޮޑުވެގެންދިޔައީ ލޮކްޑައުންތެރޭ: މިނިސްޓަރު ނަސީމް
ނަފްސާނީ ބަލިތައް ބޮޑުވެގެންދިޔައީ ލޮކްޑައުންތެރޭ ކަމަށާއި، އެކަމަށް ހައްލެއް ހޯދުމަށް އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު(ބޮންޑެ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ.

ނަފްސާނީ ބަލީގެ ހާލަތު ރާއްޖޭގައި އެހާ ބޮޑުވެފައިވާއިރު ގުރައިދޫގައި 100 އަށްވުރެ ގިނަ މީހުން އެބަތިބި ކަން ފާހަގަކުރައްވާ، އުމުރުން ދުވަސްވީ މީހުން ބަލަހައްޓުމަށް ޑޭކެއަ ސެންޓަރުތައް ހެދުމުގެ މަަސައްކަތް ކުރެވެމުންދާ ގޮތް ސާފުކޮށްދިނުމަށް މެމްބަރު އެދިވަޑައިގަތެވެ.

ޖަވާބުގައި މިނިސްޓަރު ނަސީމް ވިދާޅުވީ، ޖެންޑަ މިނިސްޓްރީންވެސް އެކަން ވަރަށް ބޮޑަށް ކުރިއަށް ގެންދާ ކަމަށާއި، ނަފްސާނީ ބަލިތަކަށްޓަކައި ހެލްތު މިނިސްޓްރީގައި ވެސް ވަކި ޑިޕާޓުމެންޓެއް ހެދިފައިވާ ކަމަށެވެ.

”ނަފްސާނީ މައްސަލަތައް ގިނަވެގެން މިދިޔައީ ލޮކްޑައުންގެ ތެރޭގައި އެހެންވީމައި، ނަފްސާނީ ބަލިތަކުގެ ވަކި ޑިޕާޓުމެންޓެއް ހަދައިގެން އެ ނަފްސާނީ ބައްޔަށް އެޅެންހުރި ފިޔަވަޅުތައް އަޅުގަނޑުމެން އަޅަމުން އެބަގެންދަން، “ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ނަފްސާނީ މައްސަލަތަކަކީ ހަމައެކަނި މިނިސްޓްރީއަށް ކުޑަ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެފަަދަ ކަންކަމަކީ ސަރުކާރުގެ ހުރިހާ މުވައްސަސާތަކާއި، އާންމު ރައްޔިތުންގެވެސް އެއްްބާރުލުން ލިބިގެން ކުޑަކުރެވޭނެ މައްސަލަތަކެއް ކަމަށެވެ.

މިނިސްޓަރު ވަނީ ސިޓީ ކައުންސިލުން މަގުތަކުގެ ހާލަތު ރަނގަޅު ނުކުރާތީވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަފްސާނީ މައްސަލަތައް ރަނގަޅުކުރަން ބަލާއިރު އެއީވެސް ރަނގަޅުކުރަން ޖެހޭ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

” ހަމައެކަނި ހެލްތު މިނިސްޓްރީއަކުން ނެތް ނަފްސާނީ ބަލިތައް ފިލުވައެއް ނުލެވޭނެ. އެއީ އަޅުގަނޑުމެންގެ ދިރިއުޅުމާއި، މާހައުލާއިވެސް ގުޅިފައި ހުރިކަމެއް. މިހާރު ދެދުވަހަކު އަޅުގަނޑު މަގުމައްޗަށް ވެއްޓިފައި އޮތް ދެ މީހަކު ނަގައިފިން އެއީ ގާކޮޅެއްގައި އަޅައިގެންފައި[ވެއްޓިފައި އޮތީ]، “ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ނަސީމު ވިދާޅުވީ، އެމަނިިކުފާނުގެ އުމުރުގެ މީހުންނަށް މަގުމަތީގައި ހިނގާބިގާވެ އުޅުމަށް މިހާރު ދަތިވާ ވަރަށް މަގުތަކުގެ ހާލަތު ގޯސް ކަމަށާއި، ހިނގާބިގާވެ އުޅުމުގައި ހުރި ދަތިތައްވެސް ހައްލުވާންޖެހޭ ކަމަށެވެ.

މީގެއިތުރުން، ނަފްސާނީ ހާލަތު ރަނގަޅުކުރުމަށް ގާތްގަނޑަށް 25 މުވައްސަސާއެއްގެ އެހީތެރިކަން ބޭނުންވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް