ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް——
ދުޝްމަނުންގެ ރޭވުންތައް ނާކާމިޔާބުކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރަކީ އެއްބައިވަންތަކަން
ނަސްރުގެ ދުވަހުން ލިބިދޭ އެންމެ ބޮޑު އިބްރަތަކީ ދުޝްމަނުންގެ ނުބައި ރޭވުންތައް ނާކާމިޔާބުކޮށްލުމަށް ބޭނުންވާ އެންމެ ބޮޑު ހަތިޔާރަކީ އެއްްބައިވަންތަކަމާއި އެކުވެރިކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހާއި ގުޅިގެން ރައީސް ސޯލިހް ދެއްވި ހިތޯބުގައި ވިދާޅުވީ، ނަސްރުގެ ދުވަހުގެ ހަނދާންތަކުން ވަރަށް ގިނަ އިބްރަތްތަކެއް ލިބިގެންދާ ކަމަށެެވެ. 

އެންމެ ފުރަތަމަ ކަމަކީ، ފުރިހަމަ އީމާންތެރިކަމާއި ހިތްވަރާއި ސާބިތުކަމާއެކު މާތް ނިޔަތެއްގައި ޖިހާދުކުރާ ކޮންމެ މީހަކަށްވެސް، މާތް ﷲގެ މަދަދާއި ނަސްރުން ކާމިޔާބު ދެއްވާނެ ކަން ކަމާއި، އަނެއް ކަމަކީ، ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކާއި ޓެރަރިޒަމްގެ ނުރައްކާތެރި އަމަލުތަކާ މެދު، އަބަދުވެސް ހޭލައި ތައްޔާރުވެ ތިބެންޖެހޭނެ ކަން ކަމަށް ރައީސް ވިދާޅުވި އެވެ.

”އަދި، ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދުޝްމަނުންގެ ނުބައި ރޭވުންތައް ނާކާމިޔާބުކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރު ކަމެވެ. ތިނެއް ނޮވެންބަރުގެ އުދުވާނީ ހަމަލަޔާއެކު ބިރުވެރިކަމާއި ނާމާންކަމުން ދިވެހި ޖައްވު ބަނަކޮށްލި އެވެ. އެދުވަހު އަޅުގަނޑުމެންގެ ލޮލުން ކަރުނަ އޮހޮރިގެން ދިޔަ އެވެ. ކުށެއް ނެތް ދިވެހި އަހުންތަކެއް ޝަހީދުވުމުން، އަޅުގަނޑުމެންގެ ހިތްތައް ޒަހަމްވެ ކުދިކުދިވެގެން ދިޔައެވެ. ނަމަވެސް، މާތް ﷲގެ ނަސްރާ މެދު ދިވެހިންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަގީންކަން ފަނޑުވެގެންނެއް ނުދެއެވެ. އެ ދުވަހު ދިވެހިންނަށް އެކަލާނގެ ދެއްވި މަތިވެރި ނަސްރުގެ ހަނދާންތައް އާކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، އެ މަތިވެރި ނަސްރު ލިބުމަށް މެދުވެރިވި ސަބަބުތަކުގައި ހިފައި އެގޮތުގައި ސާބިތުވެ ތިބުމުގެ އަޒުމް އާކުރުމެވެ.“ ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ، ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ދިވެހި ގއުމު ދިފާއުކުރުމަށް، ދިވެހި އުންމަތް ތެދުވީ އެއް ހަށިގަނޑެއް ފަދައިން ކަމަށާއި، މާތް ﷲ ދިވެހިންނަށް އެ ދުވަހު ދެއްވި ސާބިތުކަމުގެ އަސްލަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި ދިވެހިންގެ ހިތްތަކުގައި އޮތް އިސްލާމްދީނުގެ ސައްހަ އަގީދާ ކަމަށެވެ. 

އެ ދުވަހު ދިވެހިންނަށް ދެއްވި ހިތްވަރުގެ ސިއްރަކީ، ދިވެހިންގެ ހިތްތަކުގައި ވަތަނާއި މެދު އޮތް ގައުމީ ލޯތްބިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ދިވެހި ސިފައިންގެ ހަކަތައަކީ، ދިވެހި އަސްކަރިއްޔާއާ މެދު ދިވެހިންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަގީންކަން ކަމަށެވެ. އަދި ދުޝްމަނުންނަށް ލިބުނު އެންމެ ބޮޑު ބިރާއި ސިހުމަކީ، ދިވެހިންގެ ކިބައިން ފެނުނު އެއްބައިވަންތަކަމާއި އެކުވެރިކަން ކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް