ads
ނާއިބު ރައީސް ފައިސަލް ނަސީމް
ކޮޕް 27ގައި ރާއްޖޭގެ ގައުމީ ބަޔާން މިއަދު
މިސްރުގެ ޝަރްމުއްޝައިހުގެ އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ އ.ދގެ 2022 ވަނަ އަހަރުގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް، "ކޮޕް-27" ސަމިޓްގައި ރާއްޖޭގެ ގައުމީ ބަޔާން މިއަދު ނާއިބު ރައީސް ފައިސަލް ނަސީމް ހުށަހަޅުއްވާނެއެވެ.

އާދިއްތަ ދުވަހު ފެށުނު މިފަހަރުގެ ސަމިޓުގައި ދުނިޔޭގެ 120 އަށްވުރެ ގިނަ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ރިޕޯޓްތައް ބުނެއެވެ. މިސަމިޓް ކުރިއަށްދާނީ މިމަހުގެ 6 އިން 18 ނިޔަލަށެވެ. ސަމިޓުގައި ބައިވެރިވި ދިވެހި ކޮންޓިންޖެންޓް ލީޑު ކުރައްވާނީ ނާއިބު ރައީސް ފައިސަލް ނަސީމެވެ. ކޮޕް-27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންތައް ބައިނަލްއަގްވާމީ މުޖްތަމައާ ހިއްސާ ކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުސަތެކެވެ.

މިއަހަރުގެ ކޮޕް ސަމިޓްގައި ރާއްޖެއިން އެންމެބޮޑަށް ވަކާލާތުކުރާނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ ހަރަދުތައް ހޯދުމަށް ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އާއިމިނަތު ޝައުނާ ވަނީ ވިދާޅުވެފައެވެ. އަދި މިފަހަރުގެ ކޮޕް ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާއި އެގެއްލުންތަކުން އަރައިގަތުމަށް ބަދަލުހޯދުމާއި ގުޅޭގޮތުން ކުދި ޖަޒީރާ ގައުމުތަކުން ވަރަށް ބޮޑަށް ވަކާލާތު ކުރާނެ ސަމިޓްވެގެންދާނެކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އ.ދގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ހިމެނެނީ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 27) ގެ 27 ވަނަ ސެޝަނާއި، ކިޔޯޓޯ ޕްރޮޓޮކޯލް (ސީއެމްޕީ 17) ގެ ބައިވެރިންގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 17 ވަނަ ސެޝަނާއި، ޕެރިސް އެގްރީމެންޓް (ސީއެމްއޭ 4) ގެ ބައިވެރިންގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ ހަތަރު ވަނަ ސެޝަނެވެ.

މި ސަމިޓްގެ އޯޕަނިން ސެރެމަނީގައި އދ.ގެ ކްލައިމެޓް ޗޭންޖްގެ އާ ޗީފް، ސައިމަން ސްޓިއެލް އާއި މިސްރުގެ ފޮރިން މިނިސްޓަރު އަދި ކޮޕް-27ގެ ރައީސް ކަމަށް ކަނޑައެޅުއްވި ސަމެހް ޝައުކްރީގެ ތަޤުރީރުކުރެއްވިއެވެ. މިއަދު އޮންނަ "ވޯލްޑް ލީޑާސް ސަމިޓް"ގައި ގައުމުތަކުގެ ވެރިންނާއި، މަންދޫބުންނަށް، ތަޤުރީރުކުރެއްވުމަށް ފަސް މިނެޓުގެ ދެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް