މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ކޮންޓްރެކްޓުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ހިލްމީއެވެ. ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ވިލާ ކޮލެޖްގެ ވައިސް ރެކްޓަ ޑރ.އަލީ ނަޖީބެވެ.
މި މަޝްރޫއަކީ، މަތީތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ހިންގާ ޕްރޮޖެކްޓެކެވެ. މިއީ އިމާރާތް ކުރުމުގެ މަސައްކަތާއި ހިންގުމުގެ މަސައްކަތް ޕްރޮޖެކްޓް ހިންގާ ފަރާތުން ފަންޑުކޮށްގެން ކުރާ އުސޫލުން (ބިލްޑް-ފައިނޭންސް-އޮޕަރޭޓް މޮޑެލްގައި) ކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތެކެވެ.
ކ.ތުލުސްދޫގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ މި ޕޮލިޓެކްނިކް ހާއްސަ ކޮށްފައިވަނީ ވޯޓާ ސްޕޯޓްސްއާއި މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގޭނެއެވެ.
މި ޕޮލިޓެކްނިކް އިމާރާތް ކުރުމަށްޓަކައި ތުލުސްދޫއިން 32،581.25 އަކަފޫޓްގެ ބިމެއް ވަނީ ތުލުސްދޫ ކައުންސިލުން ހަމަޖައްސަވައިދެއްވައިފައެވެ. އަދި މި އިންސްޓިޓިއުޓުގައި ހިންގުމަށް ހަމަޖެހިފައިވާ ވޯޓާ ސްޕޯޓްސް ދާއިރާގެ ތަމްރީނުތައް ހިންގުމަށްޓަކައި 1208.33 އަކަފޫޓުގެ ބިމެއް ބީޗް ފްރޮންޓުންވެސް ވަނީ ހަމަޖައްސަވައިދެއްވައިފައެވެ.
މި ޕްރޮޖެކްޓް ހުރިހާ ފޭސްއެއް ނިމޭއިރު ޕޮލިޓެކްނިކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ. މި އިންސްޓިޓިއުޓްގައި ޓޫރިޒަމްގެ ފަންނީ ތަމްރީނުތައް ދިނުމަށާއި ދަރިވަރުންނަށް ބޭނުންވާ އަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއް އިންސްޓިޓިއުޓާއެކު ތަރައްގީކުރެވިގެން ދާނެއެވެ.
މީގެ އިތުރުން މަދުވެގެން 6 ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއަކާއި، އޮޑިޓޯރިއަމްއެއްގެ އިތުރުން ލައިބްރަރީއެއްވެސް ހުންނާނެއެވެ. އަދި އިދާރީ ހިދުމަތްތަކަށް އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް އޭރިއާގެ އިތުރުން މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތައް ވެސް ހުންނާނެއެވެ.
މި އިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ނަމާދުކުރާނެ ތަނަކާއި ފާހާނާއާއި ލިފްޓާއި ފަސްޓްއެއިޑްގެ ހިދުމަތް ފަދަ އަސާސީ ކަންކަން ވެސް ހިމެނިފައިވާނެއެވެ.