ads
ރައީސް ސާލިހް
ޕްރައިމަރީ ހެލްތު ކެއާ އަންނަ އަހަރު އަލުން ފަށަނީ
އަންނަ އަހަރު ޕްރައިމަރީ ހެލްތު ކެއާ އަލުން ފެށޭނެ ކަމަށާއި އެހިދުމަތުގެ އެންމެބޮޑު ބޭނުމަކީ، ގައިންގަޔަށް ނާރާ ބަލިތަކަށް ރައްޔިތުން ހޭލުންތެރިކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ހާއްސަ މަސައްކަތް އިފްތިތާހް ކުރުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
Advertisement

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް 2020އިން 2021އަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ކުރިއަށް ގެންގޮސްފައިވާ "ސްޓެޕްސް ސާވޭ" ގެ ނަތީޖާގައި ފާހަގަކުރި ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވާފައެވެ. 

އެމަނިކުފާނު ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ނުރަނގަޅު އާދަތައް ދިވެހިންގެ މެދުގައި ފެތުރިފައިވާ މިންވަރު އެދިރާސާއިން ހާމަވެފައިވާ ކަމަށާއި، އަދި މިކަން ބަލަން ތިބެވެން ނެތް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެންމެ ގިނަ މީހުން ރާއްޖޭގައި މިހާރު މަރުވަނީ، ގައިން ގަޔަށް ނާރާ ބަލިތަކުގައި ކަމަށާއި، އޭގެ ތެރޭގައި ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުން ހުރި ބަލިތައް ހިމެނޭ ކަމަށެވެ. އަދި ރާއްޖޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރުވަނީ، އެފަދަ ބަލިތަކުގައިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، މިސަރުކާރުން އެންމެ ފުރަތަމަ ކުރިޔަށް ގެންދިޔަ ދުޅަހެޔޮ ހަށިހެޔޮ ކުޅިވަރު ހަރަކާތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން އެހަރަކާތުންވެސް ދޭން ބޭނުންވި މެސެޖަކީ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށްޓަކައި ހެލިފެލިވެ ނުވަތަ ހަރަކާތްތެރިވެ އުޅުމުގެ މުހިއްމުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށްޓަކައި، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށާއި، ފައިދާހުރިކާނާ ބޭނުން ކުރުމާއި، ހެލިފެލިވެ އުޅުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ދިވެހިރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯއްދަވައި ދެއްވުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. 

މިގޮތުން، ރައްޔިތުންގެ އާންމު ސިއްހަތަށް ސަމާލުކަން ދިނުމަށް، ސަރުކާރުން ކުރުމަށް ރާވާފައިވާ މުހިއްމު އެއް ކަމަކީ، "ޕްރައިމަރީ ހެލްތް ކެއާ" އަލުން އާލާ ކުރުން ކަމަށާއި އޭގެ އެންމެ ބޮޑު ބޭނުމަކީ، ގައިންގަޔަށް ނާރާ ބަލިތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވައި، އެފަދަ ބަލިތަކަށް ދުރާލައި ޓެސްޓް ކުރުމާ، އެފަދަ ބަލިތަކުގައި އުޅޭ މީހުންނަށް ލިބެންޖެހޭ ބޭހާއި ފަރުވާ އަދި އަޅާލުން މިހާރަށް ވުރެ ފުރިހަމައަށް ލިބިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓައިލުމަށް ބޭނުންވާ "ނެޝަނަލް ސެޒޭޝަން ޓޫލް ކިޓް" ތައްޔާރުކޮށް ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކުން މިހާރު އަންނަނީ އެހިދުމަތް ދެވެމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކުޅިވަރާއި ކަސްރަތު ކުރުމުގެ ފުރުސަތުތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރުމަށް، ޔޫތު މިނިސްޓްރީން މިހާރުވެސް ގިނަ މަޝްރޫތަކެއް ހިންގާއިރު އެމަޝްރޫތަކުގެ ތެރެއިން، އައުޓްޑޯ ޖިމްތަކާއި، ފުޓްބޯޅަ އާއި ފުޓްސަލް އަދި ވޮލީ އާއި އެނޫން ކުޅިވަރު ކުޅެވޭނެ އިންތިޒާމުތައް ރަށްރަށުގައި ގާއިމް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އަދި ސާވިކަލް ކެންސަރުން އަންހެންކުދިން ރައްކާތެރިކުރުމަށް ބޭނުންވާ ވެކްސިންވެސް، ނޭޝަނަލް ވެކްސިން ޝެޑިއުލަށް އިތުރުކޮށް، އެވެކްސިން މިހާރު މުޅި ރާއްޖޭގައި ދެވެމުން އަންނަ ކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިރޭ އިފްތިތާހްކުރެވުނު "ނެޝަނަލް މަލްޓި ސެކްޓޯރަލް އެކްޝަން ޕްލޭން" ތަންފީޒުކުރަން ފެށުމުން، މިހާރު ހުރި މައްސަލަތަކަށް އެދެވޭ ހައްލެއް ލިބެން ފަށާނެކަމަށް ޔަގީންކުރައްވާ ކަމުގައެވެ. އަދި މިއެކްޝަން ޕްލޭން ތަންފީޒްކުރުމުގައި ހުރިހާ މުއައްސަސާތަކުންވެސް އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް