ads
ރޭގެ ހާދިސާގައި ނިޔާވި މީހަކު ގެންދަނީ ފޮޓޯ: މިހާރު ނޫސް ފަޔާޒު މޫސާ
ނިޔާވި މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން ފަށައިފި
ރޭ ދަންވަރު މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންނަކީ ކޮން ބައެއްކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މ. ނިރުފެހި ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކުރީ ރޭ 00:30 ހާއިރު އެވެ. އެ އަލިފާންގަނޑު ނިއްވާލެވުނީ 4:30 ހާއިރު އެވެ. މީހުން ރެސްކިއު ކުރުމުގެ މަސައްކަތުގައި އެގޭތެރެއިން މަރުވެފައިވާ ނުވަ މީހެއްގެ ހަށިގަނޑު ފެނުނުއިރު ދެމީހަކު ހޮސްޕިޓަލަށް ގެންދެވުނެވެ. އޭގެތެރެއިން އެކަކު ފަރުވާދެމުން ދަނިކޮށް މަރުވިއިރު، އަނެކަކުގެ ހާލަތުވެސް ވަރަށް ސީރިއަސް އެވެ.

ފަޔަ އެންޑް ރެސްކިއުޓީމުގެ ކޮމާންޑަންޓް ކޮލަނަލް އިބްރާހިމް ރަޝީދު އެ ސަރަހައްދުގައި ހުންނަވާ މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ވިދާޅުވިގޮތުން، މިހާތަނަށް 10 މީހުން މަރުވި އެ ހާދިސާ ހިނގި އެގޭގައި އިންޑިއާ، ބަގްލަދޭޝް، އަދި ސްރީލަންކާ އަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދިޔައެވެ. ކޮންމެ މީހެއްގެ އެނދުކައިރީ ކެއްކުމަށް ގޭސްފުޅިއެއް ހުރެ އެވެ.

ފުލުހުން މިހާރު އަންނަނީ ނިޔާވި މީހުންނަކީ ކޮންބައެއް ކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. ފުލުހުން ބުނީ މ. ނިރުފެހި އަދި މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި އެ ގޭގެއަށް ރޭ ގޮސްފައިވާކަމަށް ބެލެވޭ މީހުންގެ މައުލޫމާތު އަދި މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން، ރެއިންފެށިގެން ހަބަރެއް ވެފައި ނުވާ ބިދޭސީންގެ މައުލޫމާތު ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ ދިވެހި ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ކޮށްދެއްވުމަށެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ތެރެއިން ބައެއް މީހުންގެ މައުލޫމާތު އަދި ޔަގީން ކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މި އަލިފާނުގެ ހާދިސާގެ ތަހުގީގު ދިވެހި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް