ads
ޝަރީފް އިއްޔެ ރިޔާސަތުގައި އިށީންނެވީ އިދާރީ މުވައްޒަފުންވެސް މަޖިލީހުން ނިކުމެފައިވަނިކޮށް
މަޖިލިސް ކޯޅުން: ނަޝީދު ގޯސްކުރެއްވީ ޝަރީފް ރިޔާސަތުގައި އިށީންނެވުން
އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބިލަށް ވޯޓަށް ނާހައި މަޖިލީހުގެ ޖަލްސާ ނިންމާލެއްވީ ގޯސްކޮށް ކަމަށް ދެކެވޭ ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައްދުދެއްވައިފި އެވެ.
Advertisement

ކޯރަމް ހަމަނުވާ ކަމަށް ބުނެ ޓެކްސް ބޮޑުކުރުމުގެ ބިލަށް ވޯޓަށް ނާހައި އިއްޔެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު މަޖިލިސް ނިންމާލުމުން އިއްޔެ މަޖިލީހުގައި ކޯޅުން ބޮޑުވި އެވެ.

މެމްބަރުން ބުނާގޮތުން ރިޔާސަތުން އިއްޔެ މަޖިލިސް ނިންމާލީ، ވޯޓްލާގަޑި އިއުލާނު ނުކޮށް ވޯޓުގެ ފަސްމިނެޓް ކުރިން ޖަހަންޖެހޭ ރަގަބީލް ވެސް ނުޖަހަ އެވެ. އަދި ވޯޓަށް އަހާނެ މެޖޯރިޓީ ނެތްކަމަށް ވިދާޅުވެ ރިޔާސަތުން މަޖިލިސް ނިންމާލިއިރު ކޯރަމްވެސް އޮތީ ހަމަޔަށް ކަމަށް ބުނެ އިއްޔެެ މެމްބަރުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި އެެވެ. 

މަޖިލީހުގެ ރިޔާސަތުން ކަންކުރެއްވި ގޮތް ދިފާއު ކުރައްވާ، ރައީސް ނަޝީދު މިއަދު މަޖިލިސް ފަށްޓަވަމުން ވިދާޅުވީ، މަޖިލީހުގެ ޖަލްސާ ނިންމަން ގަވާއިދުގައި އޮންނަނީ އެންމެ ގޮތެއް ކަމަށެވެ.

”އެއީ ވަލްހަމްދުލިއްލާހި ރައްބިލް އާލަމީން މަޖިލީސް ނިމުނީ. މަޖިލީހުގެ ބަހުސް ނިމުމަށްފަހު ވޯޓަށް އެހުމަށް ތިންވަނަ ކިޔުން ކިޔާނެ. އިއްޔެ މަޖިލީހުގައި ތިންވަނަ ކިޔުން ނުކިޔާތީވެ، ވޯޓަށް އެހުމުގެ އެއްވެސް މަސައްކަތެއް ނުހިނގާ“ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ނިންމުން ގަވާއިދާއި ހިލާފުކަމަށް މެމްބަރުންނަށް އޮޅިވަޑައިގެންފައިވާތީ ކަމަށް ވިދާޅުވެ، ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި މިހެން ނަޝީދު ވިދާޅުވުމުން، ނިޒާމީ ނުކުތާއެެއް ނަންގަވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވީ، އެގޮތަށް އެކަން ހިނގިނަމަ ވަރަށް ރަނގަޅުވީސް ކަމަށާއި އެކަމަކު އިއްޔެ މަޖިލީސް ނިމުނީ ތިން ގޯސް ހަދައިގެން ކަމަށެވެ. 

އެގޮތުން ކޯރަމް ހަމަވެފައިއޮއްވާ ކޯރަމް ހަމަނުވާކަަމަށް ވިދާޅުވެ މަޖިލީސް ނިންމުން ގޯސްކަމަށް ޝަރީފް ވިދާޅުވި އެވެ. އެޔާއިއެކު އޭނާގެ ވާހަކަ މެދުކަނޑުވާލުމަށްފަހު ނަޝީދު ވިދާޅުވީ، މެމްބަރު ޝަރީފް އިއްޔެ ރިޔާސަތުގައި އިށީނެވިތަން ދެކެވަޑައިގެން ކަމަށާއި އެއީވެސް ގޯހެއްް ކަމަށެވެ.

”އަޅުގަނޑު ދުށީ އިއްޒަތްތެރި މެމްބަރު ގަވާއިދާއި ހިލާފަށް، ހުރިހާ އާދަކާދައާއި އުސޫލާއިވެސް ހިލާފަށް މި ރިޔާސަތުގައި ވަޑައިގެން އިށީންނެވިތަން. މަޖިލީހުގެ ރިޔާސަތަކީ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ވޯޓު ދެއްވައިގެން ކަނޑައަޅާ ކަމެއް. މަނިކުފާނު އެކަން ނުކުރައްވައި، މި ތަނުގެ ރިޔާސަތުގައި އިށީނނެވިކަން އެއީ ވަރަށް ބޮޑު ހިތާމައެއް،“ ނަޝީދު ވިދާޅުވި އެވެ.

އިއްޔެގެ މަޖިލީހުގައި ވޯޓަށް އަހާފައި ނުވަނީ ތިންވަނަ ކިޔުން ނީއްވާތީ ކަމަށް ނަޝީދު ވިދާޅުވިނަމަވެސް އިއްޔެ ރިޔާސަތުން މަޖިލިސް ނިންމާލާ ސަބަބަކަށް ވިދާޅުވީ ކޯރަމް ހަމަނުވުމެވެ. އެހެންވެ، މެމްބަރުން ދެކެނީ އެއީ ގަވާއިދުގައި އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށެވެ. 

އިއްޔެ މަޖިލީސް ނިންމާލިކަން އިއުލާންކުރެއްވުމަށް މަޖިލިސް ހޫނުވެފައިވަނިކޮށް އަފީފް ވަޑައިގަތީއެވެ. އެޔަށްފަހު އެގޮނޑީގައި މެމްބަރު ޝަރީފް އިށީދެވަޑައިގެން އިންނެވިތަން ފެނު ނެވެ. 

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް