ads
ޔޫރޯ މެޗު ބެލުމަށް އާޓިފިޝަލް ބީޗު ސަރަހައްދުގައި 2016 ވަނަ އަހަރު އެޅުވި ބޮޑު ސްކްރީން——ފޮޓޯ: ސަން
އާންމު ތަންތަނުގައި ވޯލްޑްކަޕް އެޅުވޭނެ، އެކަމަކު އަގެއް ނުނެގޭނެ: މީޑިއާނެޓް
އާންމުތަންތަނުގައި ވޯލްޑްކަޕް މެޗުތައް އަޅުވާ ދައްކާއިރު އާންމުންގެ އަތުން އެކަމަށް އަގު ނަގާނަމަ ފިޔަވަޅު އަޅާނެ ކަމަށް މީޑިއާ ނެޓުން ބުނެފި އެވެ.

ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕް މެޗުތައް ރާއްޖޭގައި ދެއްކުމުގެ ލައިސެންސް ފީފާއިން ދީފައިވަނީ މީޑިއާ ނެޓަށެވެ. 

އެ މެޗުތަކުގެ ލައިވް ރާއްޖޭގައި ރީބްރޮޑްކާސްޓު ކުރުމުގެ ހުއްދަ މީޑިއާ ނެޓުން ދީފައިވަނީ، ޕީއެސްއެމްގެ ޔެސް ޓީވީ، އަދި މީޑިއާ ނެޓުގެ އައިސްޓީވީގެ އިތުރުން ރާއްޖެޓީވީ އަށެވެ.

މި މެޗުތައް އާންމުތަންތަނުގައި ދެއްކުން މީޑިއާ ނެޓުން މަނާކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން މީޑިއާ ނެޓުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، މެޗުތައް ދެއްކުމުގައި އަމަލުކުރާނީ ފީފާގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

ފީފާގެ ގަވާއިދުގެ ދަށުން އާންމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން އަގަކާއި ނުލައި ވޯލްޑްކަޕް ދެއްކުމަކީ މަނާކަމެއް ނޫނެވެ. މީޑިއާ ނެޓުން ބުނީ،  އެހެންވެ، އެގޮތަށް ވޯލްޑްކަޕް ދައްކައިގެން މީޑިއާ ނެޓުން އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ. 

”ނަމަވެސް ވިޔަފާރި އުސޫލުން މާލީ މަންފާއެއް ހޯދުމުގެ ގޮތުން ވޯލްޑްކަޕް ދެއްކުމަކީ މަނާކަމެކެވެ.“ މީޑިއާ ނެޓުގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީޑިއާ ނެޓުން ބުނީ، ދިވެހިންނަކީ ޒަމާނުންސުރެ ފުޓުބޯޅައަށް ލޯބިކުރާ ވޯލްޑްކަޕް ފަދަ ބޮޑެތި މެޗުތައް ބޮޑު ސްކްރީންގައި އަޅުވައިގެން އެއްތަނަކުން ބެލުމުގެ ސަގާފަތެއް ގެންގުޅޭ ބަޔަކަށްވުމުން އެކަމަށް އެެއްވެސް ހުރަހެއް ނާޅާނެ ކަމަށެވެ.

މިފަދަ މެޗުތައް އާންމުތަންތަނުގައި ދައްކާއިރު ގިނައަދަދެއްގެ ބިދޭސީންވެސް މެޗު ބެލުމަށް އެއްވެ އެވެ. އަދި ބައެއް ފަހަރު އެމީހުންގެ އަތުން އެކަމަށް އަގު ނަގައި ކަމުގެ ޝަކުވާ މީގެ ކުރިން ބައެއް މީހުން ކޮށްފައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް