ފުރަތަމަ ފަހަރަށް ފުލް އަންހެން ބެންޗަކުން ޝަރީއަތެއް ކުރީ މިއަދު ހައިކޯޓުގައެވެ. ހައިކޯޓުގައި މިއަދު ހެނދުނު އޮތް މަދަނީ މައްސަލައެއްގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރުންނަކީ ފާތިމަތު ފަރުހީޒާ، ހުޒައިފާ މުހައްމަދު އަދި ދީބާނާޒް ފަހުމީއެވެ. މީގެ ތެރެއިން ހުޒައިފާ މުހައްމަދަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އަންހެން ފަނޑިޔާރެވެ. 2007 ވަނަ އަހަރުން ފެށިގެން ހުޒައިފާއަކީ ފަނޑިޔާރެކެވެ. ހައިކޯޓަށް އައްޔަން ކުރުމުގެ ކުރިން ހުޒައިފާ ހުންނެވީ ފެމިލީ ކޯޓުގައެވެ.
އަންހެން ތިން ފަނޑިޔާރުންގެ ބެންޗަކުން ކުރިއަށް ގެންދިޔަ މި ޝަރީއަތަކީ އަމިއްލަ މީހަކާއި މޮރިޝަސް ބޭންކްއާ ދެމެދު ހިނގި ރަހުނު ހިމެނޭ ލޯނެއްގެ މައްސަލައެވެ.