ads
ނެޝަނަލް ސްކިލްސް އެންޑް ކެރިއަ އެކްސްޕޯގެ ތެރެއިން
ނެޝަނަލް ސްކިލްސް އެންޑް ކެރިއަ އެކްސްޕޯ ފަށައިފި
ފަހުރުވެރި ދިވެހި އާއިލާއެއް ބިނާކުރުމުގެ ގޮތުން ހުނަރުވެރިން ތަމްރީނުކުރުމަށް ހުރި ފުރުސަތުތައް ފަހިކޮށްދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށް ކުރިއަށްގެންދާ ނެޝަނަލް ސްކިލްސް އެންޑް ކެރިއަ އެކްސްޕޯ މިއަދު ފަށައިފިއެވެ.

މި އެކްސްޕޯއަކީ މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯ ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިރޭ ވަނީ މި އެކްސްޕޯއަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތްކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މި އެކްސްޕޯގެ އެކި ސްޓޯލަތަކަށް ވަޑައިގެން އެތަންތަނުން ދެމުންގެންދާ މައުލޫމާތުތައް އޮޅުންފިލުއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެވަގުތު އެކްސްޕޯގައި ތިބި ބައެއް ޒުވާނުނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ނެޝަނަލް ސްކިލްސް އެންޑް ކެރިއަ އެކްސްޕޯއަކީ ޒުވާނުންނަށް ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށާއި މުސްތަގްބަލުގައި ވަޒީފާގެ މައިދާނުގައި ކުރިއަށްދެވެންހުރި މަގުތައް ރޭވުމަށް އެހީތެރިވުމުގެ ގޮތުން ދެދުވަހުގެ މުއްދަތައް ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

މި އެކްސްޕޯގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހާއްސަކޮށް ޒުވާނުން މަތީ ތައުލީމާއި ވޮކޭޝަނަލް އެޑިއުކޭޝަންގެ ދާއިރާއިން ރާއްޖޭން ލިބެންހުރި ފުރުސަތުތަކުގެ މަޢުލޫމާތުތަކަށް އަހުލުވެރިކޮށް އެކަމަށް ޒުވާނުންގެ ޝައުޤުވެރިކަން އުފައްދައި، ޓިވެޓުގެ ދާއިރާއިން ތަޢުލީމު ހާސިލުކުރުމުން ލިބެންހުރި ވަޒީފާގެ ފުރުސަތުތަކަށް އަހުލުވެރިކުރުވުން ހިމެނެއެވެ. އަދި މަސައްކަތުގެ ބާޒާރަށް ބޭނުންވާ ހުނަރުވެރިން ތަމްރީނުކުރުމުގެ ގޮތުން އެކި ދާއިރާތަކުން ތައުލީމާއި ތަމްރީނު ފުރުސަތުތަކަށް ޒުވާނުން ހޭލުންތެރިކުރުވުންވެސް މި އެކްސްޕޯގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި އެކްސްޕޯ އަމާޒުކޮށްފައިވަނީ 16 އަހަރާއި 35 އަހަރުގެ ޒުވާނުންނަށެވެ. އެގޮތުން ގްރޭޑް 9،10،11،12 ގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށާއި، ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނު ފުރިހަމަކޮށް ސްކޫލް ނިންމާ ކުދިންނަށާއި، މަތީ ތައުލީމު ހާސިލުކުރަމުންނުދާ ކުދިންނަށް މި އެކްސްޕޯގެ ޒަރިއްޔާއިން ކުރިމަގު ބައްޓަންކުރުމަށް އެހީތެރިވެދޭނެއެވެ.

މި އެކްސްޕޯގައި 30 ސްޓޯލް ހިމެނެއެވެ. އަދި އެކްސްޕޯގައި މަތީ ތައުލީމު ފޯރުކޮށްދޭ އިދާރާތަކާއި، ޓިވެޓް ސެންޓަރާއި، އެސް.އޯ.އީ ތަކާއި، ސަރުކާރުގެ އިދާރާތަކާއި، ބައެއް މިނިސްޓްރީތަކުންވެސް ބައިވެރިވިއެވެ. އަދި މި އެކްސްޕޯގައި ޕެނަލް ޑިސްކަޝަންތަކާއި، މެހެމާނުން ވާހަކަދެއްކުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް