
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މި ގޮތަށް އަމުރުކޮށްފައިވަނީއެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައިވާތީ، އެ މައްސަލަ ނިމެންދެން އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރުމަށެވެ.
އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމުގައި ހުރި ޝުޖާއު މިމަހު ކުރީކޮޅު ވަނީ އެ މަގާމުން ވަކިކޮށް، އަރަބިއްޔާގެ ވަގުތީ ޕްރިންސިޕަލަކަށް އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދު ކަނޑައަޅާފައެވެ. އަރަބިއްޔާގެ ޕްރިންސިޕަލް މަގާމުން ވަކިކޮށް އޭނާ ބަދަލުކޮށްފައިވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށެވެ. ބަދަލުކޮށްފަ އެވެ.
އަރަބިއްޔާއިން ވަކިކޮށް އެންއައިއީއަށް ޝުޖާއު ބަދަލު ކުރުމުން އޭނާ އެކަމާ ދެކޮޅަށް ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ޓްރައިބިއުނަލުން ނެރުނު އަމުރުގައި ބުނެފައިވަނީ އެ މައްސަލަ ނިމެންދެން، އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް މީހަކު ނުނެގުމަށާއި އަދި އެފަދަ މަސައްކަތެއް ހިންގަމުންދާނަމަ އެކަން ހުއްޓާލަން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
އަރަބިއްޔާގެ ޕްރިންސިޕަލް ޝުޖާއު ވަކިކުރި މައްސަލާގައި އަރަބިއްޔާގެ ބެލެނިވެރިން މުޒާހަރާ ވެސް ކުރި އެވެ. އަދި އަރަބިއްޔާ ހިންގުން ސައީދުއާ ހަވާލުކުރުމުން ބައެއް ބެލެނިވެރިން އެކަމާ ދެކޮޅެވެ.