ބަޖެޓު ރިޕޯޓަށް މަޖިލީހުގައި ބަހުސް ކުރައްވަމުން މެންބަރު ބޮންޑޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހެޅުމުން ގިނަ ކަންތައްތަކެއް މެންބަރުން ހުށަހެޅި ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި އެކަންކަން ބަލައި ބަޖެޓުގައި އެ ހުށަހެޅުންތައް ހިމަނާފައި ނުވާކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ބަޖެޓު ދިރާސާ ކޮމެޓީން ފޮނުވި ބަޖެޓް ރިޕޯޓަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ، 40 ބިިލިއަން ރުފިޔާއަށްވުރެ ބޮޑު ބަޖެޓެއް ގަޑިއިރެއްގެ ތެރޭގައި ދިރާސާކޮށް ނިންމާލެވޭނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
ބޮންޑޭ ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކަށް ވެސް ބަޖެޓުގައި ރަނގަޅަށް ބަލާފައި ނެތްކަމަށެވެ. އެގޮތުން ދުނިޔޭގައި އިންފްލޭޝަން މަތިވެ، އުފެއްދުންތެރިކަން ދަށްވަމުން ދާއިރު އެކަމަށް ވެސް އެކަށީގެންވާ ގޮތެއްގައި ބަޖެޓުގައި ބަލާލެވިފައިނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ހުކުރު ދުވަހު ހަވީރު ބޭއްވި ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުމުގައި ވަނީ 2023 ވަނަ އަހަރުގެ ބަޖެޓުގެ އިތުރުން 160 މިލިއަން ރުފިޔާ ހިމަނާފައެވެ.
ސަޕްލިމެންޓަރީ ބަޖެޓުގެ އިތުރުން 160 މިލިއަން ރުފިޔާ އިތުރުކޮށް ދައުލަތުގެ 2023 ވަނަ އަހަރުގެ ބަޖެޓު ވެސް ވަނީ ކޮމެޓީގެ އަގުލަބިއްޔަތުން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. ކޮމެޓީން އިތުރު ކުރި އަދަދާއެކު ދައުލަތުގެ އަންނަ އަހަރުގެ ލަފާކުރާ ބަޖެޓަކީ 42.8 ބިލިއަން ރުފިޔާ އެވެ.
ދައުލަތައް އަންނަ އަހަރުގެ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި 40.5 ބިލިއަން ރުފިޔާ ހަރަދުވާއިރު، ޑެފިސިޓު ވާނީ 14.4 ބިލިއަން ރުފިޔާއެވެ.