ads
ރެހެންދި ސްކޫލް——ފޮޓޯ: ޕީއެސްއެމް
ކެޑޭޓު ހަރަކާތެއްގައި އަންހެން ދަރިވަރުންގެ ހެދުން ބޭލުވި ވާހަކަ ދޮގުކޮށްފި
ރެހެންދި ސްކޫލުގައި ބޭއްވި ކެޑޭޓް ކޭމްޕުގައި އަންހެން ދަރިވަރުންގެ ހެދުން ބާލުވައި އެ ކުދިން ގަޔަށް ޕްރެޝަރުގައި ފެންޖެހި ކަމަށް ބުނާ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފި އެވެ.

ކެޑޭޓު ކޭމްޕުގައި ބައިވެރިވި ބައެއް ދަރިވަރުންގެ ބެލެނިވެރިންނާއި ހަވާލާދީ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަހުގެ 10 އިން 12 ވަނަ ދުވަހު ނިޔަލަށް އެ ސުކޫލުގައި ބޭއްވި މި ހަރަކާތުގައި ބައިވެރިވި ގުރޭޑު 8، 9، އަދި 10 ގެ 70 އަންހެން ދަރިވަރުން، އަންހެންކުދިންގެ ފާހާނާ ބަރި ކައިރިއަށް އެއްކޮށް އެ ކުދިންގެ އަންޑަގާމެންޓްސް ފިޔަވައި ލައިގެން ހުރި ހެދުން ކުދިންގެ ތެރޭގައި ބާލަން އަންހެން އިންސްޓްރަކްޓަރަކު އަންގާފައިވެ އެވެ. 

އަދި ގިނަ ކުދިން އެއްޗެހި ބާލަން އިންކާރުކުރުމުން ވެސް އެކަން ކުރަން މަޖުބޫރު ކުރުވި ކަމަށާއި، އެވަގުތު އެތަނުގައި ފިރިހެން ކުދިން ނެތްނަމަވެސް، ހުރިހާ ކުދިންތަކުގެ ތެރޭގައި ހެދުން ބާލުވައި ފެންޖެހުމުގެ ސަބަބުން ކުދިންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށްވެސް ބެލެނިވެރިންނާއި ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.

މިކަމާއި ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އެފަދަ އެއްްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ. 

މިނިސްޓްރީން ބުނިގޮތުން އެ ކޭމްޕުގައި ބައިވެރިވި 200 ކެޑޭޓުންގެ ތެރޭގައި 78 އަންހެން ދަރިވަރުންނާއި، 122 ފިރިހެން ދަރިވަރުން ހިމެނޭއިރު، ކެޑޭޓުގައި އަންހެން ދަރިވަރުންނަށް އަންހެން މުދައްރިސުން އަދި ފިރިހެން ދަރިވަރުންނަށް ފިރިހެން މުދައްރިސުން ހަރަކާތްތެރި ވިއެވެ. ކޮންމެ ދުވަހަކު ފީޑްބެކް ސެޝަންތައްވެސް ކުރިއަށް ގެންގޮސްފައިވާއިރު، ކޭމްޕު ނިމުނުއިރު އެއްވެސް ބެލެނިވެރިއެއްގެ އަދި ދަރިވަރެއްގެ  ފަރާތުންވެސް އެފަދަ ޝަކުވާއެއް ލިބިފައިނުވާ ކަމަށްް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، ސްކޫލް ބެލެނިވެރިއެއް ކަމަށް ބުނެ ނޫހަށް އެމައުލޫމާތު ދީފައިވަނީ އެ ސްކޫލްގެ ރަޖިސްޓްރީގައި ނެތް ފަރާތަކުން ކަމަށެވެ. އަދި އެކަން ކުށްވެރިކޮށް، ސްކޫލުގެ ނަމާއި ކެޑޭޓްކޯ އަދި ދަރިވަރުންގެ އަބުރާ ކަރާމާތް ގެއްލޭގޮތަށް އެފަދަ ވާހަކަތައް ނުފެތުރުމަށްވެސް މިނިސްޓްރީން އިލްތިމާސްކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް