ads
އަލްޖީރިއާގެ އާ ސަފީރު
އަލްޖީރިއާގެ އާ ސަފީރު ރައީސްއަށް ފަތްކޮޅު އަރުވައިފި
އަލްޖީރިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އަބްދުލްރަހްމާން ބެންގްރާ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު އަލްޖީރިޔާގެ ސަފީރާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްޖީރިޔާއާ ދިވެހިރާއްޖެއަކީ އިސްލާމީ ސަގާފަތާއި އާދަކާދައިގެ ގޮތުންވެސް ވަރަށް އެއްގޮތް ކަންތައްތަކެއް ހިއްސާކުރާ ދެ ގައުމުކަން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހި ސަރުކާރުން ބައިނަލްއަގްވާމީ އަދި ދޭދޭ ގުޅުންތައް ބަދަހިކުރެއްވުމަށް ދެއްވާ އިސްކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ދެގައުމުގެ ދެމެދު އޮންނަ ތާރީޚީ ބަދަހިގުޅުން ފާހަގަކުރައްވައި ދެގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާ އަލްޖީރިޔާގެ ސަފީރާ މި ބައްދަލުކުރެއްވުން ނިންމަވާލައްވައިފައިވަނީ ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ކުރިމަގުގައި ވެސް އިތުރަށް ގުޅުން ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.

ދިވެހިރާއްޖެއާ އަލްޖީރިޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1988 ވަނަ އަހަރުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް