ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން ރައީ މިއަދު ވިދާޅުވީ، މަކުނުދޫ ދާއިރާއަށް ރައީސް ސާލިހުގެ ވެރިކަމުގައި ހޭދަކުރަމުން މިދާ ފަސް އަހަރަކީ "ރަން ޒަމާން" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށްވެސް ވަރަށް ބޮޑަށް މަކުނުދޫ ދާއިރާ އެނގިލައްވާނެކަމަށް ވިދާޅުވެ މި މޭރުމުން ވާހަކަ ދެއްކެވުމުން ރައީސް ނަޝީދު ވަނީ ރާއީގެ ވާހަކަ މެދުކަނޑާލައި ވާހަކަ ދައްކަވާފައެވެ.
ރާއީ އަށް ރައްދު ދެއްވަމުން ރައީސް ނަޝީދު އެދިލައްވާފައިވަނީ، އެ ބަހުސްގެ ތެރެއަށް ރައީސް ނަޝީދު ނުވެއްދުމަށެވެ.
"މިއީ ރަންޒަމާންތޯ ނޫންތޯ؟ އަޅުގަނޑު އެއްގޮތަކަށް ވެސް ތި ބަހުސްގެ ތެރެއަށް ނުވެއްދުން އެދެން. އަޅުގަނޑު ނުދެކެން ނޭކުރެންދޫގައި ރަންޒަމާނެއް ހިނގަމުން ދާކަމަކަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ރައްދު ދެއްވަމުން ރާއީ ވިދާޅުވީ އޭނާއާއި އެގޮތަށް ރައީސް ނަޝީދަށް ވެސް ވަަރަށް ރަނަގަޅަށް މަކުނުދޫ ދާއިރާ އެނގިލައްވާނެ ކަމަށެވެ.
"އެ ތިންރަށުގެ ރައްޔިތުންވެސް ތިބީ ވަރަށް އުފަލުން. ގިނަ ކަންތައްތަކެއް މި ސަރުކާރުން އަޅުގަނޑުމެންގެ ދާއިރާއަށް ކޮށްދީފި. ތިން ރަށުގަ ވެސް ފެނާ ނަރުދަމާ އަޅައިދީފި،" ރާއީ ވިދާޅުވިއެވެ.
ރާއީ ވިދާޅުވީ، ބޭންކަރަޕްޓުވުމަށްވުރެ ބޮޑެތި ކަންކަމާއި ދިވެހިރާއްޖެ ރައީސް ސާލިހުގެ ވެރިކަމުގައި ކުރިމަތިލާފައިވާކަމަށެވެ. އަދި ރާއްޖެ އެފަދަ ހާލަތަކަށް ދާނަމަ ރައީސް ސާލިހު އެކަން އިއުލާނު ކުރައްވާނެކަމަށެވެ.
ކޮވިޑުގެ ހާލަތަށްފަހު އިގްތިސާދު ވެސް ރަނގަޅުކަމަށް ވިދާޅުވާ ހަމައެކަނި ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހި ކަމަށެވެ.
"އަޅުގަނޑު ނުދެކެން ދުނިޔޭގެ އެއްވެސް ގައުމެއްގެ ރައީސްއެއް އަދި ވިދާޅުވިތަނެއް ތިމަންނަމެން މިތިބީ ވަރަށް ހަމަޖެހިފަކައޭ. އިގްތިސާދުވެސް ވަރަށް ރަނގަޅޭ ވިދާޅުވިތަން އަޅުގަނޑެއް ނުދެކެން. ހަމަގައިމު ވެސް ރާއްޖެ ބޭންކަރަޕްޓުވެގެން ދާކަމަށް ވާނަމަ އެކަން ޑިކްލެއާކުރަން އަދުގެ ރައީސުލްޖުމްހޫރިއްޔާ ފަހެއް ނުޖެހޭނެ،" ރައީ ވިދާޅުވިއެވެ.