
ވޭލްސްއާ އިރާނުގެ މެޗަކީ ވޯލްޑްކަޕުގައި ހުރިހާ ޓީމެއްވެސް އެއް މެޗު ކުޅުމަށް ފަހު، ދެވަނަ މެޗުތައް ފަށައިގެން ފުރަތަމަ މެޗެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ 10 މިނިޓުގެ ކުޅުން ފެށުނު އިރުވެސް ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހެއެވެ.
އެކަމަކު އިތުރު ވަގުތު އަށްވަނަ މިނިޓުގެ ތެރޭގައި އިރާނުން ލަނޑެއް ޖަހައި ކުރި ހޯދިއެވެ. އަދި އިރާނުގެ ލަނޑާ އެކު ވޭލްސްއިން ކުރިއަށް ޖެހި ލަނޑެއް ޖަހަން މަސައްކަތް ކުރި ވަގުތު އިރާނުން ދެވަނަ ގޯލް ޖަހައި ތިން ޕޮއިންޓް ކަށަވަރު ކުރީއެވެ.
އިރާނުވަނީ ފުރަތަމަ މެޗުގައި އިނގިރޭސިން އަތުން ބޮޑު ތަފާތަކުން ބަލިވެފައެވެ. އަދި ވޭލްސްވަނީ އެމެރިކާއާ ފުރަތަމަ މެޗުގައި އެއްވަރުވެފައެވެ. މި މެޗުން ބަލިވުމާއެކު ވޭލްސްއަށް މުބާރާތުގައި ކުރިއަށް ދިޔުމަށް އިތުރު ޕްރެޝަރެއް ކުރިމަތިވީ އިރު، އިރާނަށްވަނީ އުއްމީދު އާވެފައެވެ.
މި ގްރޫޕުގެ އެއްވަނައިގަ މި ވަގުތު އޮތީ އިނގިރޭސިންނެވެ. ދެވަނައަށް އިރާނު އެރިއިރު، ތިންވަނައިގަ މި ވަގުތު އޮތީ އެމެރިކާއެވެ. އަދި ފުލުގައި ވޭލްސްއެވެ. މި ގްރޫޕުގައި މިރޭ ދަންވަރު ކުޅޭނީ އިގިރޭސިންނާ އެމެރިކާއެވެ.