ރައީސް އޮފީހުގެ އެދުމަކަށް އޮޑިޓާ ޖެނެރަލް އޮފީހުން އައިލެންޑް އޭވިއޭޝަންގެ ހާއްސަ އޮޑިޓެއް ވަނީ ހިންގާ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމެޓީއާ ހިއްސާ ކުރައްވާފައެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން 2019 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުންފުނި މާލީގޮތުން ދެމިއޮތުމުގެ މިންގަނޑާއި ކުންފުނިން އެކި ފަރާތްތަކާއެކު ކޮންޓްރެކްޓް ގާއިމް ކުރުމުގައި ގެންގުޅޭ ހަމަ އާއި އުސޫލުތަކާއި ކުންފުންޏަށް މުވައްޒަފުން ވެއްދުމާއި ވަކިކުރުން އަދި ޕްރޮމޯޝަން ދިނުމުގައި އެކުލަވާލާފައިވާ އުސޫލުތައް ތަންފީޒު ކުރާ މިންވަރަށް އަލިއަޅުވާލާ ކުރިއަށް ގެންގޮސްފައިވާ މި އޮޑިޓްގެ ރިޕޯޓް ދައްކާގޮތުން އައިލެންޑް އޭވިއޭޝަނުން ވަނީ މި މުއްދަތުގެ ތެރޭގައި 169 މުއައްޒަފުން އިތުރުކޮށްފައެވެ. އެހެން ނަމަވެސް މިއީ ކުންފުނީގެ ހިންގުމަށް އައި ބަދަލަކުން އިތުރުކޮށްފައިވާ މުއައްޒަފުން ނޫންކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ.
މި މުއްދަތުގެ ތެރޭގައި އިތުރުވެފައި ވަނީ 19 ފްލައިޓާއި 62 ޕަސެންޖަރުންނެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުންފުންޏަށް ގިނަ މުއައްޒަފުން ތަކެއް އިތުރުކުރުމުގެ އިތުރުން، މި މުއްދަތުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނުން ވަނީ 48 މުއައްޒަފުންނަށް ދެފަހަރު މަތިން ޕްރޮމޯޝަން ދީފައެވެ. އަދި މި މުވައްޒަފުންނަކީ ކުރީ އަހަރުތަކުގައި ޕްރޮމޯޝަން ނުލިބި ހުރި ފަރާތްތައް ކަމުގައި އައިލެންޑް އޭވިއޭޝަނުން ބުނެފައިި ވާކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.
މެނޭޖްމެންޓް ބަދަލުވުމުގެ ކުރިން އެވްރެޖްކޮށް މަހެއްގެ މައްޗަށް 20 ނޫނީ 30 މުވައްޒަފުންނަށް މަގާމުގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ދޭކަމަށް އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ކުންފުނީގެ އިސް މަގާމު ތަކުގައި ތިއްބެވި ފަރާތްތަކުގެ މުސާރަ ބޮޑުކޮށްފައި ވާކަމަށް އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އޮޑިޓް އޮފީހުން ހާމަކޮށްފައިވާއ ގޮތުން 2019 ޖޫން އިން ފެށިގެން އައިލެންޑް އޭވިއޭޝަންގެ އެމްޑީ އަށް 81،950 ރުފިޔާ ދޭން ފިނޭންސް މިނިސްޓްރީއިން ވަނީ އެޕްރޫވަލް ދީފައެވެ. އޭގެ ކުރިން އެމްޑީގެ މުސާރައަކީ 52،500 ރުފިޔާ އެވެ. 2018 ވަނަ އަހަރު ޑީއެމްޑީ މަގާމަށް އައްޔަނު ކުރެވުނު އިރު މުސާރައަކީ 45،400 ރުފިޔާ ކަމަށާއި ނަމަވެސް ޖެހިގެން އައި އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އެ މުސާރަ 71،199 އަށް ބޮޑު ކޮށްފައިވާ ކަމަށް އޮޑިޓު އޮފީހުން ފާހަގަކުރިއެވެ. އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީ ގެ އެންގުމަށް ޑީއެމްޑީގެ މުސާރަ ވަނީ 67،630 ރުފިޔާ އަށް ބަދަލުކޮށްފައިވާކަމަށް އޮޑިޓް އޮފީހުން ފާހަގަކުރިއެވެ.
ބައެއް މުވައްޒަފުންގެ މުސާރަ 15 ހާހުން ފެށިގެން 25 ހާސް ރުފިޔާއާއި ދެމެދުގެ އަދަދަކަށް ބޮޑުކޮށްފައިވާއިރު މީގެ ތެރޭގައި ޕައިލޮޓުންނާއި އިންޖިނިއަރުން ނުހިމެނޭކަން އޮޑިޓް އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ.
އައިލެންޑް އޭވިއޭޝަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އެތެރޭގެ އުދުހުން ތަކުންކަން ފާހަގަކޮށް އޮޑިޓް އޮފީހުން ބުނެފައި ވަނީ 2018 ވަނަ އަހަރު އެ ކުންފުންޏަށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބުނު އިރު، 2019 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ވިއޭޝަނަށް ލިބިފައިވަނީ 1.5 ބިލިއަން ރުފިޔާކަމުގައެވެ. އަދި މިއީ 2018 ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ހަ އިންސައްތަ ދަށް އަދަދެކެވެ.
މިއީ ކުންފުނިން ކުރަމުންދިޔަ ޗާޓަރު ދަތުރުތަކުގެ އަގު ކުޑަކުރަން ޖެހުމާއި ކުންފުނިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ޑިމާންޑް ދަށްވުމާއި އިތުރު ވާދަވެރިން އައިސް ބައެއް ކޮންޓްރެކްޓުތައް ގެއްލުމުގެ ސަބަބުން އެތެރޭގެ އުދުހުންތަކަށް އައި ބަދަލުގެ ސަބަބުން ލިބުނު ގެއްލުމެއް ކަމުގައި އޮޑިޓް އޮފީހުން ވަނީ ބުނެފައެވެ.
ކުންފުންޏަށް އާމްދަނީ އިތުރު ކުރުމަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް ބޭނުންވާ ފައިސާ ނުހޯދި ދާތީވެ ކުންފުނިން އަންދާޒާ އަންދާޒާކުރާވަރަށް އާމްދަނީ އިތުރުވެދާނެކަމަށް ނުބެލެވޭކަމަށް އޮޑިޓް އޮފީހުން ފާހަގަކުރިއެވެ. ކުންފުންޏަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަދިވެސް ނުލިބިވާ ކަމަށާއި 2014 އިން ފެށިގެން އާމްދަނީ އިތުރުވި ނަމަވެސް ހިންގުމުގެ ހަރަދު އިތުރުވުމުގެ ސަބަބުން އޮޕަރޭޓިން ޕްރޮފިޓް މާޖިން ދަށްވާން ފަށާފައިވާކަން އޮޑިޓް އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ. 2016 އިން 2018 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ ހިންގުމުގެ ހަރަދުތައް 23 ޕަސެންޓު އިތުރުވެފައި ވާކަމަށް އޮޑިޓް ރިޕޯޓްއިން ދައްކައެވެ.