ބޭންކުތަކަށް ދިމާވާ ދަތިތަކުގެ ރިޕޯޓު، ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމެޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބް ހުށަހަހަޅުއްވައި ދެއްވަމުން ވިދާޅުވީ، މި ރިޕޯޓު ފާސްކުރުމަށް ރާއްޖޭގެ ހުރިހާ ބޭންކުތަކުން މައުލޫމާތު ސާފުކޮށްފައިވާނެކަމަށެވެ.
މީގެ އިތުރުން އެމްއެމްއޭއިންނާއި ފިނޭންސް މިނިސްޓްރީން ވެސް މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށް އިލިޔާސް ލަބީބް ވިދާޅުވިއެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ބޭންކުތަކުގެ ރަހުނުތަކަށް އާންމު ދިވެހި ރައްޔިތުންނާއި ސަރުކާރުގެ މިނިސްޓްރީތަކުން ވެސް އެކަށީގެންވާ ސަމާލުކަމެއް ނުދީ ބޭންކުތަކުގެ ހައްގުތައް ގެއްލޭ ގޮތައް ވަނީ އަމަލުކޮށްފައެވެ.
މިސާލެއްގެ ގޮތުން އިލިޔާސް ފާހަގަކުރެއްވީ، ބޭންކަކަށް ރިސޯޓެއްގެ ހެޑްލީޒް ރަހުނުކޮށްފައިވާ ހާލަތެއްގައި ވެސް ބޭންކުގެ ބަހެއް ނެތި އެ ރިސޯޓާއި ގުޅޭ ސަބްލީޒްތައް މިނިސްޓްރީ އޮފް ޓޫރިޒަމުން ރެޖިސްޓްރީކޮށްދީ ނުވަތަ ރެޖިސްޓްރީ އިން އުނިކޮށްދޭކަމެވެ.
ރިޕޯޓުގައި ބުނެފައިވަނީ ދިވެހިންގެ ތެރޭގައި ފަހަށް ރައްކާކުރުމިގެ އާދަ ނެތުމުގެ ސަބަބުން ކްރެޑިޓް ސްކީމްތަކަށް ފައިސާ ހޯދަން ވެސް ދަތިވާކަމަށެވެ.
"ފަހައް ރައްކާކުރުމުގެ ސަގާފަތެއް ދިވެހިންގެ ތެރޭގައި ނެތުމުން ވަޒީފާ ގެއްލޭ ހާލަތުގައި އަދި އެނޫން ވެސް މާލީ ހާލަތެއް ދިމާވެއްޖެ ނަމަ ލޯން ރިޕޭމަންޓު ދެއްކުން ހުއްޓޭކަމަށް،" ބޭންކުތަކުން ފާހަގަކޮށްފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރަހުނުގެ މައްސަލަތައް ސިވިލް ކޯޓުގައި ރެޖިސްޓާ ކުރަން ވެސް އުނދަގޫކަމަށް ބޭންކުތަކުން ފާހަގަކޮށްފައިވާކަމަށް އިލިޔާސް ވިދާޅުވިއެވެ.
މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެދިލެއްވުމަށް ބޭންކުތަކުގައި ހުރި ސްޓްރެސް އެކައުންޓުތަކުގެ ސަބަބުން ބޭންކުތަކަށް ދަތިވާތީ ހުށަހެޅުނު މައްސަލައެކެވެ.
މި މައްސަލަ ވަނީ އެސްއޯއީ ކޮމެޓީގެ އިތުރުން މާލިއްޔަތު ކޮމެޓީއަށް ވެސް ފޮނުވާފައެވެ.
މިއަދުގެ މަޖިލީހުގެ ތަޅުމުގައި މި ރިޕޯޓަށް ބަހުސްކޮށް ވޯޓަށް އަހާނެއެވެ.