
ޕްލޭނިން މިނިސްޓްރީން މިއަދު އާންމުކުރި މި ޕްލޭނަކީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ދެވަނަ ފަހަރަށް ގެނައި ބަދަލެކެވެ.
ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތައް، މިހާރު ހިއްކާފައިވާ ސަރަހައްދުން ލިބޭ ގޮތަށް ބަދަލުކޮށްފައިވާ މި ޕްލޭނުގައި ގޯތިތައް ދޫކުރާ ސަރަހައްދު ވަކިން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އެ ގޯތިތައް ދޫކުރަނީ ކިހާ ހިސާބަކުން ކަމެއް ނޭނގެ އެވެ. ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކާ އޮތް ބައިން ވެސް މާލޭގެ ރައްޔިތުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ގޯތިތައް ދޫކޮށްފަ އެވެ. އެކަމަކު، އެ ފަޅުގައި އޮތް ފުން ސަރަހައްދު ހިއްކުމުގައި ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
މި ސަރުކާރުން ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ނިންމައި، އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފަ އެވެ. އާންމުކޮށްފައިވާ އާ ޕްލޭނުގައި ހައުސިން ޔުނިޓާއި ރެސިޑެންޝަލް ޕްލޮޓްސްގެ އިތުރުން ސަރުކާރު އޮފީސްތަކާއި އެކި ބޭނުންތަކަށް ހާއްސަކޮށްފައިވާ ޒޯނަކާއި ކޮމާޝަލް ޒޯނެއް ވެސް ހިމެނެ އެވެ. އަދި ވިޔަފާރިތަކަށް ހާއްސަ ސަރަހައްދުތަކާއި ޓޫރިޒަމަށް ހާއްސަ ސަރަހައްދުތަކުގެ އިތުރުން ސްކޫލުތަކާއި މިސްކިތްތައް ވެސް ހިމެނެ އެވެ.