ހޮޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިސްނަގައިގެން އައިފާސް ޑްރީމް އާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ތިން ކެޓަގަރީއަކަށް ބަހާލެވިގެން ކުރިޔަށް ގެންދިޔަ މި ކޯހުގައި އާންމުންގެ ތެރެއިން 20 މީހުނާއި ހާއްސަ އެހީ އަށް ބޭނުންވާ ތިން ކުއްޖަކާ އެކު 15 ސްކޫލް ކުދިން ބައިވެރިވި އެވެ.
ކޮމިޓީގެ ރައީސާ ޢާއިޝަތު ޝިޒްލީން ވިދާޅުވި ކޯހަކީ އާންމުކޮށް ހުރިހާ އެންމެނަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކޯހެއް ކަމުގައި ވީނަމަވެސް ކޯހުގައި ބައިވެރިވެފައިވަނީ ހަމައެކަނި އަންހެނުން ކަމަށެވެ.
" ކޯހުގެ ބޭނުމަކީ ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރެވޭ މަސައްކަތެއް ދަސްކޮށްދިނުމާ އެކު ފެހުމާއި ޑިޒައިން ކުރުމުގެ ދާއިރާ އިން ހުނަރުވެރި އަންހެނުންތަކެއް ބިނާކުރުން. މި ކޯހަކީ ވަރަށް ރަނގަޅަށް ކުރިއަށް ގެންދެވުނު ކަމެއް،" ރައީސާ ޝިޒްލީން ވިދާޅުވި އެވެ.
ފުދޭވަރެއްގެ ގިނަ އަދަދެއްގެ މީހުން ކޯސް ފެށުމަށް ފަހު ވެސް ކޯހުގައި ބައިވެރިވުމަށް ބޭނުންވިކަމަށާއި ކޯހުގެ ކަންކަން ކުރިއަށް ދިޔަ ގޮތާ މެދު ބައިވެރިން ތިބީ ވަރަށް ހިތްހަމަޖެހިފައިކަން ފާހަގަވި ކަމަށާއި އަދި ކޯހުގެ ބައިވެރިންގެ ފަރާތުން އީޖާބީ ބަސްތަކެއް ރައްދުވުމުން އެކަމާ އުފާކުރައްވާ ކަމަށް ކޮމިޓީގެ ރައީސާ ވިދާޅުވި އެވެ.
ނަމާދު ވަގުތުތަކަށް މެދުކަނޑައިލުމަށް ފަހު ހެނދުނު 10 އިން ފެށިގެން ރޭގަނޑު 12 ޖަހަންދެން ކުރިއަށްގެން ދިޔަ ކޯހުގައި ފެޝަން ޑިޒައިނިންގެ އިތުރުން ބައެއް ކަވި މަސައްކަތްތަކާއި ކުރެހުމުގެ ބައެއް ބައިތައް ކުރިއަށް ގެންދިޔަ ކަމަށް ކޯހުގައި ކިޔަވައިދެއްްވި އައިފާސް ޑްރީމްގެ އާފިޔާ ޔޫސުފް ވިދާޅުވި އެވެ.
މީގެ ކުރިން ހދ.ކުމުންދޫ، ދ.ކުޑަހުވަދޫ އަދި ކ.ހިންމަފުށީގައި މިފަދަ ކޯސްތަކެއް ކުރިޔަށް ގެންގޮސްފައިވާނެ ކަމަށާއި ކުރިޔަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި މާލޭގައި ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ފަހު އަންނަ އަހަރުގެ ޖެނުއަރީ މަހު ހއ. ތުރާކުނަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް އައިފާސް ޑްރީމް އިން ބުންޏެވެ.