
އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަށް ފޮނުއްވި މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ ދުވަހުގެ މުނާސަބަތުގައި ފަލަސްތީނުގެ ރައްޔިތުންނާ، ފަލަސްތީނުގެ ސަރުކާރު، އަމިއްލަ އިހްތިޔާރުގެ ހައްގު ހާސިލުކުރުމަށް ކުރާ މަސައްކަތުގައި، ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރު އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފަލަސްތީނުގެ މައްސަލައިގައި ސުލްހަ ގާއިމުކުރުމަށްޓަކައި ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ ދެދައުލަތުގެ ދެމެދު އޮންނަންޖެހޭނެ ހައްލަކީ، ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ ހައްލެއްކަމަށް ގަބޫލުފުޅުކުރައްވާކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި އެމަނިކުފާނު ވަނީ، މިކަމަށްޓަކައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް ގޮވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ މި އިންތިޒާމާއި ހިލާފަށް އެކަން އެއްފަރާތްކޮށް އަޅާ ފިޔަވަޅުތަކަކީ ގައިރު ޤާނޫނީ ފިޔަވަޅުތަކެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖް ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހާލަތާއި ޙައްގުތަކަކީ ބައިނަލްއަގްވާމީ ގޮތުން އިސްކަންދޭ ކަމެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަން ހާމަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މިކަމުގެ އަލީގައި، މިރާއްޖެއިން ބައިނަލްއަގްވާމީ މުޖުތަމައުގެ މެންބަރެއްގެ ހައިސިއްޔަތުން، ފަލަސްތީނަށް ފުރިހަމަ ދައުލަތެއްގެ ދަރަޖަ ހޯދުމަށް ވަރަށް ބޮޑަށް ވަކާލާތުކޮށް، ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމައަށް ލިބިގަތުމާއި، ހިމާޔަތްކުރުމުގައި ބައިނަލްއަގްވާމީ މުޖުތަމައަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތު ހަނދާންކޮށްދެމުން ގެންދާނެކަން ފާހަގަކުރައްވާފައެވެ.